ޚަބަރު

ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވެ ދެކުނު ކޮރެއާގެ ހަސްފަތާލުތަކަށް ބާރުބޮޑުވެއްޖެ


ދެކުނު ކޮރެއާގައި ކޯވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ފަރުވާ ބޭނުންވާ މީހުންނާ އެކަށީގެންވާ މިންވަރަށް ހަސްފަތާލުތަކުގައި ޖާގަ ނުހުރެދާނެކަމުގެ ކަންބޮޑުވުން އިތުރުވެއްޖެއެވެ.

ދެކުނު ކޮރެއާގައި މިހާތަނަށް 19،400 މީހުންނަށް ކޯވިޑް-19 ޖެހި 321 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ބަލި ފެތުރޭ މިންވަރު ދަށަށް ދިޔުމަށްފަހު ބަލިފެތުރޭ މިންވަރުވަނީ އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 308 މީހުންނަށްވަނީ ބަލިޖެހިފައެވެ. ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އެޅި ނަމަވެސް ދީނީ ހަފުލާތައް ބާއްވާ ތަންތަނާއި އިދާރާތަކާއި މުސްކުޅިން ބަލަހައްޓާ މަރުކަޒުތަކާއިޞިއްޙީ މަރުކަޒުތަކުގައި ބަލިޖެހޭ މީހުންގެ ޢަދަދު އަދިވެސްދަނީ އިތުރުވަމުންނެވެ.

ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވުމާއެކު ދެކުނު ކޮރެއާގެ ސޯލްގެ ހަސްފަތާލުތަކުގައި ލިބެންހުރި އެނދުތަކުގެ ޢަދަދުވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެގޮތުން ސޯލް ސަރަޙައްދުގައި ހުރި ހަސްފަތާލުތަކުގައި ޙާލު ދެރަވާ މީހުންނަށް ފަރުވާދޭން ބޭނުންކުރެވޭނީ ޖުމްލަ އެނދުގެ 4.5 އިންސައްތަކަމަށް އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިންވަނީ ބުނެފައެވެ. މިދިޔަ ހަފުތާގައި 22 އިންސައްތަ އެނދު ލިބެން ހުއްޓެވެ.

ޢާންމު ޞިއްޙަތާބެހޭ ޑިރެކްޓަރ ޖެނެރަލް ޔޫން ޓައެހޯ ވިދާޅުވީ ސޯލް ސަރަޙައްދުގައި ޙާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ހުސްކޮށްހުރީ އެންމެ 15 އެނދުކަމަށެވެ. ނަމަވެސް ހަސްފަތާލުތަކުން ބައެއް މީހުން ދޫކޮށްލުމަށް ތައްޔާރުވަމުންދާތީ އެ ޢަދަދު ދެ ދުވަހެއްގެ ތެރޭގައި ކޮންމެވެސް ވަރަކަށް އިތުރުވާނެކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

ދެކުނު ކޮރެއާގެ ޙާލަތު ގޯސްވެފައިވަނީ އެ ޤައުމުގެ 16،000އަށްވުރެ ގިނަ ޑޮކްޓަރުން މުޒާހަރާކުރަމުންދާ ދަނޑިވަޅެއްގައެވެ. ކޯވިޑް-19ފަދަ ބަލިމަޑުކަމެއް ފެތުރޭ ޙާކަތްތަކުގައި މަސައްކަތްކުރާނެ ޑޮކްޓަރުންގެ ޢަދަދު އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުންތަކާމެދު ހިތްހަމަ ނުޖެހި އެ މީހުންވަނީ އޮގަސްޓު މަހުގެ 21ވަނަ ދުވަހު މަސައްކަތްކުރުން ހުއްޓާލާފައެވެ.