ރާއްޖޭގެ ކޯސްޓްގާޑުގެ ޤާބިލްކަން އިތުރުކޮށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި، ޔޫއެންއޯޑީސީގެ ފަރާތުން ހަދިޔާކުރި އިކުއިޕްމެންޓް އެމްއެންޑީއެފް ކޯސްޓްގާޑާއި ހަވާލުކޮށްފިއެވެ.
މިތަކެތި ހަވާލު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ، ކ ވިލިމާލޭގައި ހުންނަ، އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގައެވެ.
މިތަކެއްޗަކީ ޖަޕާނު ސަރުކާރުގެ އެހީގައި، ޔޫއެންއޯޑީސީން އެމްއެންޑީއެފަށް ހަދިޔާކޮށްފައިވާ ތަކެއްޗެވެ. މިތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއެވެ. މިތަކެތި އެމްއެންޑީއެފާއި ހަވާލުކޮށްދެއްވީ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރާ ކެއިކޯ ޔަނާއީއެވެ.
މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި ވަނީ، ޖަޕާނުގެ އެހީގައި ޔޫއެންއޯޑީސީން ފޯރުކޮށްދިން މިއެހީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ރޭ ހިނގައި ދިޔަ އަލިފާނުގެ ހާދިސާގައި ބޭނުންކުރެވުނު އުޅަނދުފަހަރަކީ، ޖަޕާނު ސަރުކާރުން ހަދިޔާކުރި އަލިފާން ނިއްވާ ސާމާނާއި އުޅަނދު ފަހަރުކަން ފާހަގަކުރައްވައި އެކަމަށްވެސް ޝުކުރު އަދާކުރެއްވިއެވެ.
އެމްއެންޑީއެފުން ހާމަކުރައްވާ ގޮތުގައި، ޔޫ.އެން.އޯ.ޑީ.ސީގެ ފަރާތުން އެމް.އެން.ޑީ.އެފްއަށް ހަވާލުކޮށްފައިވާ ވަޞީލަތްތައް ނޭޝަނަލް މެރިޓައިމް އިންފޮމޭޝަން ފިއުޝަން ސެންޓަރުގައި ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މި ވަޞީލަތްތަކުގެ ސަބަބުން ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުފަތުރު ކުރަމުންދާ އުޅަނދުފަހަރު ފަސޭހައިން ބެލޭނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަނޑުމަތީގައި ސަލާމަތްތެރިކަމާއި ގުޅުންހުރި ކަންކަން ރަނގަޅުވެ، ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތައް އިތުރައް ހަލުވިވެ، ހަރުދަނާވެގެން ދާނެކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އަދި މީގެ އިތުރުން މި ވަޞީލަތްތަކުގެ ސަބަބުން ކަނޑުމައްޗާއި ގުޅުންހުރި އެކިއެކި މުއައްސަސާތަކާއި ދެމެދު މުވާސަލާތީ ގުޅުން އިތުރަށް ބަދަހިވެ، މަޢުލޫމާތު ހިއްސާ ކުރުން އަވަސް ވެގެންދާނެކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ރާއްޖެގެ ކަނޑުގެ ސަރަހައްދު ބަލަހައްޓައި، ހާލުގައި ޖެހޭ އުޅަނދު ފަހަރަށް އެހީވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ގިނަ އޮޕަރޭޝަންތަކެއް އަބަދުވެސް ހިންގަމުން ގެންދެއެވެ.