ޚަބަރު

ލީބިޔާ ސަރުކާރުގެ ދާޚިލީ ވަޒީރު މަސްޢޫލިއްޔަތުން އެއްފަރާތްކޮށްފި


އދން ބަލައިގަނެފައިވާ ލީބިޔާގެ ސަރުކާރު، ގަވަމަންޓް އޮފް ނޭޝަނަލް އެކޯޑް (ޖީއެންއޭ)ގެ ދާޚިލީ ވަޒީރުގެ މަޤާމުގައި ހުންނެވި ފާތީ ބަޝަޣާ މަޤާމުގެ މަސްޢޫލިއްޔަތުތަކުން އެއްފަރާތް ކޮށްފިއެވެ.

ލީބިޔާގެ ބޮޑުވަޒީރު، ފާޔެޒް އައްސައްރާޖު މަސްޢޫލިއްޔަތުތަކުން އޭނާގެ ދާޚިލީ ވަޒީރު އެއްފަރާތްކުރެއްވީ އެ ޤައުމުގައި ކުރަމުންދާ މުޒާހަރާތަކާމެދު ފިޔަވަޅު އެޅުމުގައި އޭނާ ޢަމަލުކުރައްވާފައިވާގޮތް ރަނގަޅު ނޫންކަމަށާއި މުޒާހަރާތައް ރޫޅާލުމުގައި ބާރުގެ ބޭނުންކޮށްފައިވާކަމަށް ވިދާޅުވެއެވެ. އެ ކަންކަން ތަހުޤީޤުކުރައްވާނެކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

2018ވަނަ އަހަރު ދާޚިލީ ވަޒީރުގެ މަޤާމާ ޙަވާލުވެލެއްވި ބަޝަޣާއަކީ އިދިކޮޅު ޚަލީފާ ޙަފްތާރުގެ ލީބިއަން ނޭޝަނަލް އާމީ، އެލްއެންއޭއިން ލީބިޔާގެ ވެރިރަށް ތުރާބުލުސް ހިފުމަށް 14 މަސް ދުވަސް ވަންދެން ކުރި މަސައްކަތް ނާކާމިޔާބުކުރުމުގައި އިސް ދައުރެއް ޢަދާކުރައްވާފައިވާ ބޭފުޅެކެވެ. ޖީއެންއޭއަށް ތާޢީދުކުރާ ބޭރުގެ ބައިވެރިންގެ މެދުގައިވެސް މަޤުބޫލު ބަޝަޣާވަނީ ތުރާބުލުސްގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ބާރު ކުޑަކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް އިޢުލާނުކުރައްވާފައެވެ.

ބޮޑުވަޒީރު ސައްރާޖް ނެރުއްވި ރަސްމީ އަމުރެއްގައި ވިދާޅުވީ ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި ބަޝަޣާގެ ޢަމަލުތައް ޖީއެންއޭއިން ތަހުޤީޤު ކުރާނެކަމަށާއި އޭނާގެ ޒިންމާތަކާ ވަގުތީގޮތުން ޙަވާލިވެވަޑައިގަންނަވާނީ ވަޒީރުގެ ނައިބު، ޚާލިދު އަހުމަދު މާޒިންކަމަށެވެ. އަދި ތުރާބުލުސްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އަސްކަރީގޮތުން ބާރުގަދަ ސިޓީއެއްކަމުގައިވާ ޒިންތާނުގެ ކޮމާންޑަރު، އޮސާމާ ޖުވޭލީގެ ބެލުމުގެ ދަށުން ސަރަޙައްދީ ފައުޖެއް ޙަރަކާތްތެރިވުމަށްވަނީ އަންގަވާފައެވެ.

ބޮޑުވަޒީރުގެ ނިންމުމާ ގުޅޭގޮތުން ބަޝަޣާ ވިދާޅުވީ ތަހުޤީޤަށް ތައްޔާރަށް ހުންނެވިކަމަށާއި އެ ތަހުޤީޤު ޓީވީ މެދުވެރިކޮށް ވަގުތުން ދުރަށް ދެއްކުމަށް އެދިވަޑައިގަންނަވާކަމަށެވެ. މައްސަލަ ބެލުމުގައި ދެފުށް ފެންނަ ގޮތަށް މިނިވަން ތަހުޤީޤެއް ކުރެވޭނީ އޭރުންކަމަށް އޭނާ ވިދާޅުވިއެވެ.

އޮގަސްޓު މަހުގެ 23ވަނަ ދުވަހުން ފެށިގެން ލީބިޔާގެ ދިރިއުޅުމުގެ ޙާލަތު ގޯސްވުމާއި ފިތުނަފަސާދައާއި ކޮރަޕްޝަނުގެ ޢަމަލުތައް ގިނަވެފައިވާކަމަށް ބުނެ ގިނަ ޢަދަދެއްގެ ރައްޔިތުންދަނީ ވެރިރަށް ތުރާބުލުހުގައި މުޒާހަރާކުރަމުންނެވެ. މުޒާހަރާތައް ރޫޅާލުމަށް ބަޑީގެ ބޭނުންވެސްވަނީ ކޮށްފައެވެ. ކޯޥިޑް-19 ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައިކަމަށް ވިދާޅުވެ ބޮޑުވަޒީރު ސައްރާޖު ހަތަރު ދުވަހަށް އިޢުލާނުކުރެއްވި ކާފިއުގެ ހަޤީޤީ ބޭނުމަކީ މުޒާހަރާކުރުން ހުއްޓުވުންކަމަށް ފާޑުކިޔާ ފަރާތްތަކުން ޤަބޫލުކުރެއެވެ.