ޚަބަރު

އެތެރެހަށީގެ ޑޮކްޓަރުންގެ ޖަމިއްޔާއެއް އުފައްދައި ހިންގާކޮމިޓީ އިންތިޚާބުކޮށްފި


ރާއްޖޭގައި މަސައްކަތް ކުރައްވާ، އެތެރެހަށީގެ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުން ގުޅިގެން، މޯލްޑިވްސް ސޮސައިޓީ އޮފް އިންޓަރނަލް މެޑިސިންގެ ނަމުގައި ޖަމިއްޔާއެއް އުފައްދައިފިއެވެ.

ދިވެހިރާއްޖޭގެ ޑަކްޓަރުންގެ ތެރެއިން އިންޓާރނަލް މެޑިސިންގެ ރޮނގުން ޚިދުމަތްކުރާ ޑަކްޓަރުންގެ ޖަމިއްޔާކަމުގައިވާ މޯލްޑިވްސް ސޮސައިޓީ އޮފް އިންޓާރނަލް މެޑިސިން (އެމް.އައި.އެސްއެމް)ގެ ފުރަތަމަ ހިންގާ ކޮމިޓީ އިންތިޚާބުކުރުން އޮތީ ރޭ ދަރުމަވަންތަ ހޮސްޕިޓަލްގައި އެވެ.

މުޅިއެކު 31 އެގްޒެކެޓިވް މެންބަރުންނާއި އެކު އުފެއްދި މިޖަމިއްޔާގެ ހިންގާކޮމިޓީގައި 7 މެމްބަރުން ތިއްބަވައެވެ.

މޯލްޑިވްސް ސޮސައިޓީ އޮފް އިންޓާރނަލް މެޑިސިން (އެމް.އައި.އެސްއެމް)ގެ ހިންގާ ކޮމިޓީ:
- ރައީސް: ޑރ. އަލީ އަބްދުﷲ ލަތީފް
- ނައިބު ރައީސް: ޑރ، އަލީ ޝާހިދު މުހައްމަދު
- ޓްރެޒަރަރ: ފާތިމަތު ނާދިޔާ
- އެގްޒެކެޓިވް ސެކްރެޓަރީ: ޑރ. އަބްދުﷲ އިސްނީން ހިލްމީ
- ޑެޕިއުޓީ ސެކްރެޓަރީ: ޑރ މުއާޒް މޫސާ
- ސްޕޯކްސް ޕާރސަން: ޑރ. ޢަލީ ނަޒީމް
- އެކަޑެމިކް އެންޑް ސައިންޓިފިކް ސެކްރެޓަރީ: ޑރ ނަޝީދާ ސައީދު.

މޯލްޑިވްސް ސޮސައިޓީ އޮފް އިންޓާރނަލް މެޑިސިން (އެމް.އައި.އެސްއެމް) ވުޖޫދަށްގެނައުމުގެ މަގުސަދުތަކުގެ ތެރޭގައި އެތެރެހަށީގެ އަދި އެއާއި ގުޅުންހުރި ބަލިތަކަށް ރާއްޖޭގައި ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުން ހިމެނޭކަމުގައި ގައި، އެމް.އައި.އެސްއެމް ސްޕޯކްސް ޕާސަން ޑރ އަލީ ނަޒީމް ވިދާޅުވިއެވެ.

ޑރ އަލީ ނަޒީމް ވިދާޅުވީ، އެތެރެހަށީގެ ބަލިތަކާއި ބެހޭ ސުޕަރސްޕެޝަލިޓީ ތަކުގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރުމާއި، އެތެރެހަށީގެ ބަލިތަކާއި އެއާއި ގުޅުންހުރި ދާއިރާތަކުން ތަފާތު ދިރާސާތަކާއި ތަހުލީލުތައް ކުރުމާއި، ސިއްހީދާއިރާގެ ކަންކަން ބަލަހައްޓާ، ސަރުކާރުގެ އިދާރާތަކާއި، މިނިވަން މުއައްސަސާތަކަށް ލަފަޔާއި އިރުޝާދު ދިނުންވެސް މިޖަމިއްޔާ ވުޖޫދަށް ގެނައި މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އަދި އޭގެ އިތުރުން ދިވެހިރާއްޖޭގައި މަސައްކަތް ކުރާ އެތެރެހަށީގެ ޑަކްޓަރުންގެ މެދުގައި، ފަންނުވެރިކަން ނަގަހައްޓައި، އެމީހުންގެ ދައުރު މުޖުތަމަޢުގެ އެކި ދާއިރާތަކުގައި ފުޅާކޮށް ކުރިއެރުވުމާއި، ބައިނަލްއަގުވާމީ މިފަދަ ޖަމިއްޔާތަކާތަކާއި އެކު ގުޅުން ބަދަހިކޮށް، މިދާއިރާގެ ކުރިއެރުމަށް ކުރަންޖެހޭ އެކިއެކި ކަންކަންކުރުމާއި ސޮސައިޓީގެ މަޤްސަދުތައް ހާސިލްކުރުމަށް ޓަކައި އެކިއެކި ހަރަކާތްތައް ރާވައި ކުރިއަށޤ ގެންދިޔުންވެސް ހިމެނޭ ކަމުގައި ޑރ އަލީ ނަޒީމް ވިދާޅުވިއެވެ.

ރާއްޖޭގައި، އެންމެ ގިނަ ބަލިތަކުގެ ތެރޭގައި އެތެރެހަށީގެ ބަލިތައް ހިމެނެއެވެ. މިގޮތުން ލޭ މައްޗަށް ދިޔުމާއި ހަކުރު ބައްޔާއި، ކިޑްނީގެ ބަލިތައް ރާއްޖޭގައި ވަނީ އިތުރުވެފައެވެ.