ޚަބަރު

ކޯވިޑް-19 ޖެހުމުން ޙާލުދެރަވާ އަންހެނުންގެ ޢަދަދަށްވުރެ ފިރިހެނުންގެ ޢަދަދު އިތުރު


ކޯވިޑް-19ޖެހޭ އަންހެނުންނަށްވުރެ ފިރިހެނުންގެ ޙާލު ދެރަވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ. އެމެރިކާގެ ޔޭލް ޔުނިވަސިޓީއިން ކުރި ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ 60 އިންސައްތަ ޙިއްޞާކުރަނީ ފިރިހެނުންނެވެ.

ދިރާސާކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި ޕުރޮފެސަރު އަކީކޯ އިވަސާކީ ވިދާޅުވީ ކޯވިޑް-19 ޖެހުމުން ހަށިގަނޑުގެ ދިފާޢީ ނިޒާމް މަސައްކަތްކުރާގޮތުގައި އަންހެނުންނާ ފިރިހެނުންނާ ދެމެދު ތަފާތުތަކެއް ހުރިކަމަށް ފާހަގަވެފައިވާކަމަށެވެ. އަދި އެއީ ބަލިޖެހޭ ފިރިހެނުންގެ ޢަދަދު ގިނަވާ ސަބަބެއްކަމަށްވުން އެކަށީގެންވާކަމަށެވެ. ޔޭލް ޔުނިވަސިޓީއިން ކުރި ދިރާސާގައި ކޯވިޑް-19 ޖެހިފައި ނުވާ މީހުންނާއި ބަލި ޖެހިފައިވާ މީހުންގެ ހަށިގަނޑުން ނަގާފައިވާ ދަވައާއި ކުޅާއި ލޭގެ ސާންޕަލުތައްވަނީ ތަހުލީލުކޮށްފައެވެ. އެ ސާންޕަލުތައް ތަހުލީލުކުރުމުން ބައްޔާ ދެކޮޅަށް ޙަމަލާ ދިނުމުގައި ލޭގައި ހުންނަ ދިފާޢީ މަސައްކަތްކުރާ މާއްދާއެއްކަމަށްވާ ޓީ ލިމްފޮސައިޓްސް ނުވަތަ ޓީ ސެލްސް، އަންހުންގެ ހަށިގަނޑުގައި މަސައްކަތްކުރާ މިންވަރު އިތުރުކަމަށްވަނީ ފާހަގަވެފައެވެ. ފިރިހެނުންގެ އުމުރު މަތިވާ ވަރަކަށް އެމީހުންގެ ހަށިގަނޑުގައި ހުންނަ ޓީ ލިމްފޮސައިޓުގެ ބާރު ދެރަވި ނަމަވެސް އުމުރުން ދުވަސްވީ އަންހެނުންގެ ލޭގައި ހުންނަ ޓީސެލްސްގެ ބާރު ދެރަނުވާކަމަށް ދިރާސާއިންވަނީ ދެނެގަނެފައެވެ.

ދިފާޢީ ނިޒާމުން ބަލިބައްޔާ ދެކޮޅަށް މަސައްކަތްކުރުމުގައި ހަށިގަނޑުން ބޭނުންކުރާ މާއްދާއެއްކަމަށްވާ ސައިޓޯކައިންސް ކިޔާ ޕުރޮޓީނެއް ފިރިހެނުންގެ ހަށިގަނޑުން އުފައްދާ މިންވަރު އަންހެނުންނާ އަޅާބަލައިއިރު އިތުރެވެ. ނަމަވެސް ކޯވިޑް-19 ޖެހިގެން ހާލުދެރަވާ ފިރިހެނުންގެ ހަށިގަނޑުގައި ހުންނަ ސައިޓޯކައިންސް މާއްދާ އެ ޙާލަތުގައި މާ ބޮޑަށް މަސައްކަތްކޮށް 'ސައިޓޯކައިން ސްޓޯމެއް' ހަށިގަނޑުގައި އުފެދުމަށް މެދުވެރިވެއެވެ. ސައިޓޯކައިން މާބޮޑަށް އިތުރުވުމުން ހަށިގަނޑަށް ގެއްލުން ލިބި ފުރާނައަށް ގެއްލުންވާ ފަހަރުވެސް މެދުވެރިއެވެ.

ބަލި ޙާލަތު ގޯސްވުމުގެ ކުރިންވެސް ހަށިގަނޑުގައި ސައިޓޯކައިން ގިނައިން ހުންނަ ފިރިހެނުންގެ ޙާލަތު ބަލީގެ ސަބަބުން މާ ބޮޑަށް ގޯސްވާކަމަށްވަނީ ފާހަގަވެފައެވެ. ހަމަ އެގޮތަށް ހަށިގަނޑުގައި ސައިޓޯކައިންގެ މިންވަރު ގިނައިން ހުންނަ އަންހެނުންގެ ޙާލު ބޮޑުވާކަމަށްވެސް ދިރާސާއިންވަނީ ފާހަގަވެފައެވެ. އެފަދަ ތަފާތުތަކެއް ފާހަގަވެފައިވާތީ ކޯވިޑް-19 ޖެހިފައިވާ އަންހެނުންނާއި ފިރިހެނުންނަށް ފަރުވާ ދިނުމުގައި ދެ ޖިންސަށް ބޭނުންވާ ފަރުވާވެސް ތަފާތުވުން އެކަށީގެންވާކަމަށް ދިރާސާކުރި ފަރާތުންވަނީ ބުނެފައެވެ. އިވަސަކީ ވިދާޅުވީ ފިރިހެނުންނަށް ދޭ ވެކްސިނެއްގައި ޓީ ސެލް މަސައްކަތްކުރާ މިންވަރު އިތުރުކޮށް، އަންހެނުންނަށް ދޭ ވެކްސިންގައި ސައިޓޯކައިން މަސައްކަތްކުރާ މިންވަރު ދަށްކުރުމަށް އަމާޒުކުރެވިދާނެކަމަށެވެ.

ނަމަވެސް ޔޭލްއިން ކުރި ދިރާސާގައި ބައިވެރިވި މީހުންގެ ޢަދަދު މަދުވުމާއި އެމީހުންގެ އުމުރު މަތިވުމުންވެސް ދިރާސާގެ ނަތީޖާއަށް އަސަރުކޮށްފައިވުން އެކަށީގެންވާކަމަށް ބައެއް މާހިރުން ބުނެއެވެ. އެ ދިރާސާގައި ބައިވެރިވި ބަލި 98 މީހުންގެ ތެރެއިން ގިނަ މީހުންނަކީ އުމުރުން އެވަރެޖުކޮށް 60 އަހަރުގެ މީހުންނެވެ.

ޔޭލްގެ ދިރާސާއާގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޔުނިވަސިޓީ އޮފް އެޑިންބާގުގެ ޕުރޮފެސަރެއްކަމަށްވާ އެލިއެނޯ ރައިލީ ވިދާޅުވީ އުމުރުގެ ތަފާތުތަކާއި ހަށިގަނޑުގެ އުފެދުމާއި ބައްޓަމާއި ބަރުމިންފަދަ ކަންކަމުގެ ސަބަބުން ދިރާސާގައި ފާހަގަކޮށްފައިވާ ބައެއް ތަފާތުތައް މެދުވެރިވެފައިވުން އެކަށީގެންވާކަމަށެވެ. އޭނާ ޤަބޫލުކުރައްވާގޮތުގައި ފަރުވާ ދިނުމުގައި ޖިންސަށް ނުބަލާ ކޮންމެ ބަލި މީހެއްގެ ޙާލަތަށް ވަކިން ބަލައި އެމީހެއްގެ ޙަލަތާ އެންމެ އެކަށީގެންވާ ފަރުވާއެއް ދިނުން ބުއްދިވެރިއެވެ.

ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށީއްސުރެވެސް ގިނަ ޤައުމުތަކުގައި މަރުވާ ފިރިހެނުންގެ ޢަދަދު އަންހެނުންގެ ޢަދަދަށްވުރެ އިތުރުކަމަށްވަނީ ފާހަގަވެފައެވެ. އެގޮތަށް ކަން ދިމާވެދާނެ ބައެއް ސަބަބުތައް ސައިންސުވެރިންވަނީ އަންދާޒާކޮށްފައެވެ. ބައެއް ސައިންސުވެރިން ޤަބޫލުކުރާގޮތުގައި ޞިއްޙަތަށް ގެއްލުންލިބި އުމުރަށް ބޭސްފަރުވާ ހޯދަންޖެހޭފަދަ ބަލިތައް ޖެހުމަށް މެދުވެރިވާ ކަންކަމުގައި އަންހެނުންނަށްވުރެ ބޮޑަށް ފިރިހެނުން މަޝްޢޫލުވާ މިންވަރު އިތުރުވުން ގާތްކަމަށެވެ. އަނެއްބައި ސައިންސުވެރިން ދެކޭގޮތުގައި އަންހުންގެ ޑީއެންއޭގައި ދެ 'އެކްސް' ކުރޮމޮސޯމް ހުރުމާއި ހަށިގަނޑުން އުފައްދާ ހޯމޯންތަކުގެ ސަބަބުން އަންހެނުންގެ ހަށިގަނޑަށް އިތުރު ދިފާޢީ ބާރު ލިބުން އެކަށީގެންވެއެވެ.