ޚަބަރު

ޞިއްޙީ ޙާލަތު ތަން ނުދޭތީ ޖަޕާނުގެ ބޮޑުވަޒީރު އިސްތިޢުފާ ދެއްވައިފި


ޞިއްޙީ ޙާލަތު ތަން ނުދޭތީކަމަށް ވިދާޅުވެ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.

އުމުރުން 65 އަހަރުގެ އަބޭއަކީ މިހާތަނަށް އެންމެ ގިނަ ދުވަސްވަންދެން ޖަޕާނުގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެވެ. އޮގަސްޓު މަހުގެ 29ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޤާމުން އިސްތިޢުފާ ދެއްވަވާފައިވާކަން އިޢުލާނުކުރައްވަމުން އަބޭ ވިދާޅުވީ ރައްޔިތުންގެ ކަންކަމުގައި އެންމެ ރަނގަޅު ނިންމުންތައް ނިންމުމުގެ ޤާބިލުކަން ނެތުމުން މަޤާމުން އިސްތިޢުފާދެއްވުމަށް ނިންމަވާފައިވާކަމަށެވެ.

ގޮހޮރު ދުޅަވުން ނުވަތަ އަލްސެރޭޓިވް ކޮލައިޓިސް ޖެހި ބޮޑުވަޒީރު އަބޭ ފަރުވާ ހޯއްދަވަމުންދާތާ ގިނަ އަހަރުތަކެއްވަނީ ވެފައެވެ. ލިބެރަލް ޑިމޮކްރަޓިކް ޕާޓީ (އެލްޑީޕީ)ގެ ލީޑަރުކަމާއި ޖަޕާނުގެ ބޮޑުވަޒީރުކަމާ 2006ވަނަ އަހަރު އެންމެ ފުރަތަމަ ފަހަރު ޙަވާލުވެވަޑައިގަތުމަށްފަހު 2007ވަނަ އަހަރު ޞިއްޙީ މައްސަލަތަކާ ގުޅިގެންވަނީ އިސްތިޢުފާ ދެއްވާފައެވެ. ނަމަވެސް 2012ވަނަ އަހަރުން ފެށިގެން އަނެއްކާވެސްވަނީ ބޮޑުވަޒީރުގެ މަޤާމު ފުރުއްވާފައެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އަބޭވަނީ ފަރުވާ ހޯއްދެވުމަށް ހަސްފަތާލަށް ޒިޔާރަތްކުރައްވާފައެވެ. އެއާއެކު ޕާޓީގެ ލީޑަރުގެ ހައިޞިއްޔަތުން 2021ވަނަ އަހަރުގެ ސެޕްޓަމްބަރު މަހުގައި ދައުރު ހަމަވަންދެން ބޮޑުވަޒީރުގެ މަޤާމުގައި އޭނާ ދެމިހުންނަވާނެކަމާމެދު އޮތީ ސުވާލު އުފެދިފައެވެ.

ދެވަނަ ފަހަރަށް އިސްތިޢުފާ ދެއްވަމުން އަބޭ ވިދާޅުވީ ފާއިތުވި 8 އަހަރު ދުވަހު ބަލީގެ އުނދަގުލެއް ނުވާކަމަށާއި ނަމަވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި ބަލީގެ އަސަރު އަނެއްކާވެސް ހަށިގަނޑުން ފެންނަން ފަށައިފައިވާކަމަށެވެ. މަޤާމުގެ މަސްޢުލިއްޔަތު ޢަދާ ނުކޮށް މަޤާމުން އިސްތިޢުފާ ދިނުމަށް މެދުވެރިވުމުން ޖަޕާނުގެ ރައްޔިތުންގެ ކިބައިން އޭނާވަނީ މަޢާފަށް އެދިވަޑައިގެންފައެވެ.

އަބޭ މަޤާމުން އިސްތިޢުފާ ދެއްވުމާއެކު ކުރިއަށްއޮތް ދެތިން ހަފުތާގެ ތެރޭގައި ވެރިކަންކުރާ ޕާޓީގެ އައު ލީޑަރެއް ހޮވުމުގެ މަސައްކަތް ފެށޭނެއެވެ. އަބޭގެ ދައުރު ނިމެންދެން ބޮޑުވަޒީރުގެ މަޤާމުގައި ހުންނަވާނީ ޕާޓީގެ ލީޑަރުގެ ގޮތުގައި ދެން ހޮވިވަޑައިގަންނަވާ ބޭފުޅެކެވެ.