ޚަބަރު

ފާއިތުވެފައިވާ މުއްދަތަށްވެސް އަސާސީ ޕެންޝަނުގެ ފައިސާދޭ ގޮތަށް ޤަވާއިދު އިސްލާޙުކޮށްފި


ހެލްތު އިމާޖެންސީ އިއުލާނުކޮށްފައިވާ މިހާލަތުގައި، އަސާސީ ޕެންޝަނަށް އެދި ފޯމު ހުށަނޭޅި، ފާއިތުވެ ދިޔަ މުއްދަތަށްވެސް އަސާސީ ޕެންޝަން ދޭގޮތަށް ނިންމައި އަސާސީ ޕެންޝަން ދިނުމުގެ ޤަވާއިދު އިސްލާހްކޮށްފިއެވެ.

މޯލްޑިވުސް ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީހުން، ވިދާޅުވީ، ޤަވާއިދަށް ގެނެވުނު ބަދަލަށް މިއަދުން ފެށިގެން އަމަލުކުރަމުން ގެންދާނެ ކަމަށެވެ. މިގޮތުން ޤަވާއިދަށް ގެނެވުނު ބަދަލު، މިހާރުވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެެވެ.

އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ދިނުމުގެ ޤަވާއިދުގައި ކުރިން އޮތް ގޮތުން، އަސާސީ ޕެންޝަނުގެ ފައިސާ ޖަމާކޮށްދޭނީ، އަސާސީ ޕެންޝަނުގެ އުމުރު ހަމަވުމަށް ފަހު، ޕެންޝަނަށް އެދޭ ފޯމު ހުށައެޅުމުންނެވެ، މިގޮތުން އަސާސީ ޕެންޝަން ދިނުމުގެ ޤަވާއިދަށް ގެނައި އެއްވަނަ އިސްލާހުގެ ދަށުން، އަސާސީ ޕެންޝަންގެ ފައިސާ ޖަމާކޮށްދެމުން އައީ ޕެންޝަނަށް އެދި ހުށައަޅާމަހުން ފެށިގެންނެވެ.

މިޤަވާއިދަށް ގެނައި ތިންވަނަ އިސްލާހަކީ، އެމާއްދާގެ (ނ)ގެ ފަހަތަށް އަކުރެއް އިތުރުކުރުމެވެ.

މިގޮތުން އިތުރުކުރި، މާއްދާގައި ބުނެފައި ވަނީ، އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރި ތާރީޚު ކަމުގައިވާ 12 މާރިޗު 2020 އިން ފެށިގެން އެ ހާލަތު އުވައިލާ ފަހުން 30 (ތިރީސް) ދުވަސް ހަމަވާ ތާރީޚުގެ ނިޔަލަށް، އަސާސީ ޕެންޝަން ޙައްޤުވާ އުމުރު ފުރޭ ފަރާތްތަކުގެ ތެރެއިން އަސާސީ ޕެންޝަން ލިބުމަށް އެދި ފޯމު ހުށަހެޅިފައި ނުވާ ފަރާތަކުން، އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އަސާސީ ޕެންޝަނަށް އެދި ފޯމު ހުށަހަޅައިފިނަމަ، އެ ފަރާތަކަށް އަސާސީ ޕެންޝަން ޙައްޤުވާ އުމުރު ފުރުނު މަހުން ފެށިގެން އަސާސީ ޕެންޝަނުގެ ފައިސާ ޖަމާކޮށްދޭނެ ކަމަށެވެ.

އަދި 12 މާރިޗު 2020 ގައި އިޢުލާނު ކުރި، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލުމާއި އެކު އެ މާއްދާގެ ދަށުން ޝަރުޠު ހަމަވާ މުއްދަތުތައް ބަޔާންކޮށް ޕެންޝަން އޮފީހުން އާންމު އިއުލާނެއް ކުރަންޖެހޭނެ ކަމަށްވެސް ޤަވާއިދުގައި ބުނެފައި ވެއެވެ.