ޚަބަރު

ފެން ބޮޑުވުމުގެ ހާދިޘާއެއްގައި އަފްޣާނިސްތާނުގެ 70އަށްވުރެ ގިނަ މީހުން މަރުވެއްޖެ


ފެން ބޮޑުވުމުގެ ކުއްލި ހާދިޘާއެއްގައި އަފްޣާނިސްތާނުގެ 70އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

އަފްޣާނިސްތާނުގެ ވެރިކަންކުރާ ކާބުލްއާ އިންވެގެން ދެކުނުގައި އޮންނަ ޕަރުވާން ޕުރޮވިންސުގައި ހިންގި ހާދިޘާގައި 300އަށްވުރެ ގިނަ ގެދޮރު ހަލާކުވެ ގިނަ ޢަދަދެއްގެ މީހުންނާއި ކުޑަކުދިން އެ ހާދިޘާގައި ގެއްލިފައިވާކަމަށް ކާރިޘާތަކާބެހޭ ވުޒާރާއިން ބުންޏެވެ. އެ ވުޒާރާގެ ތަރުޖަމާނު ތަމީމް އަޒީމީ ވިދާޅުވީ 72 މީހުން މަރުވެފައިވާކަމަށާއި 90އަށްވުރެ ގިނަ މީހުން އެ ހާދިޘާގައި ޒަޚަމްވެފައިވާކަމަށެވެ.

ދެކުނުގެ އިތުރު އަށް ޕުރޮވިންސަށްވެސް ފެންބޮޑުވުމުގެ އަސަރުވަނީ ކޮށްފައެވެ. މައިދަން ވަރުދަކު ޕުރޮވިންސުން ދެ މީހުންނާއި ނަންގަހާރު ޕުރޮވިންސުންވެސް ދެ މީހުން މަރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން އަފްޣާނިސްތާނަށް ކުރިމަތިވާ ފެންބޮޑުވުމުގެ ހާދިޘާތައް އިތުރަށް ގޯސްވަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީގެ ތަރުޖަމާނަކު ވިދާޅުވީ ހާދިޘާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް އިރުޝާދު ދެއްވާފައިވާކަމަށާއި ހާދިޘާތަކުގެ ސަބަބުން މާއްދީ އަދި މާލީ ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށެވެ.

ފެންބޮޑުވުމުގެ ހާދިޘާގައި ބޮޑެތި ގެއްލުންތައް އަފްޣާނިސްތާނަށް ލިބިފައިވަނީ ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގެ ހީނަރުވެފައިވާ އިޤްތިޞާދު އިތުރަށް ބަލިކަށިވެ އެ ޤައުމުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ލޭ އޮހޮރުވުންތަކަށް ޙައްލެއް ނުލިބި ދިގުދެމިގެންދާ ވަގުތެއްގައެވެ.