ކުޅިވަރު

ލެސްޓާ ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ވާޑީ އައުކޮށްފި


ލެސްޓާ ސިޓީގެ ފޯވާޑް ޖެމީ ވާޑީ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އައު ކޮށްފިއެވެ.

އިނގިރޭސިވިލާތަށް އުފަން ވާޑީގެ ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އަދި އެބައޮތެއެވެ. ނަމަވެސް މިދިޔަ ސީޒަނުގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު އެ ކްލަބުން ވަނީ އިތުރު އެއް އަހަރަށް އޭނާގެ ކޮންޓްރެކްޓް އައުކޮށްދީފައެވެ. 33 އަހަރުގެ ވާޑީ ވަނީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި 23 ލަނޑު ޖަހައި ރަން ބޫޓު ހާސިލްކޮށްފައެވެ.

ކޮންޓްރެކްޓް އައުކުރުމަށްފަހު ވާހަކަ ދައްކަމުން ވާޑީ ބުނީ އަނެއްކާ ވެސް އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އިތުރު ކުރެވުމުން ވަރަށް ތަފާތު އިހްސާސްތަކެއް ކުރެވޭ ކަމަށެވެ. ލެސްޓާގެ ސަޕޯޓަރުގެ ކުރިމަތީގައި ކުޅުމަކީ އޭނާއަށް ލިބޭ ބޮޑު އުފަލެއް ކަމަށާއި ކްލަބްގެ ތާރީހުގައި މުހިންމު ދަނޑިވަޅެއްގައި އެ ކްލަބަށް ކުޅެން ލިބުމީ ބޮޑު ޝަރަފެއް ކަމަށް ދެކޭ ކަމަށް ވާޑީ ވަނީ ބުނެފައެވެ. އަދި މިވަގުތު ލެސްޓާގައި އޮތީ ވަރަށް ރަނގަޅު ޓީމެއް ކަމަށާއި އަދިވެސް އިތުރު ކުރިއެރުންތަކެއް މި ޓީމުން ހޯދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ވާޑީ ލެސްޓާ ސިޓީއާއި ގުޅުނީ 2012 ވަނަ އަހަރުއެވެ. އަދި 2016 ވަނަ އަހަރު ފުރަތަމަ ފަހަރަށް ލެސްޓާއިން އިންގްލިޝް ޕްރިމިއާ ލީގުގެ ތަށި އުފުލާލާފައިވާއިރު، އެމަޤާމަށް ލެސްޓާ އައުމުގައި ވާޑީގެ ޙިއްސާ ވަރަށް ބޮޑެވެ. މީގެއިތުރުން ވާޑިވަނީ 2017 ވަނަ އަހަރު ލެސްޓާއާއެކު ޗެމްޕިއަންސް ލީގު ކުއާޓާރ ފައިނަލަށްވެސް ދަތުރުކޮށްފައެވެ.