ކުޅިވަރު

20 ބުރީގެ އިމާރާތް އެޅުމަށް އެފްއޭއެމް ހިންގުން އެހެން އިމާރާތަކަށް


ވިހި ބުރިޔަށް ހެދުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އައު އިމާރާތް އެޅުމަށް އެފްއޭއެމްގެ ހިންގުން އެހެން އިމާރާތަކަށް ބަދަލުކޮށްފިއެވެ.

އެފްއޭއެމްގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ އެސޯޝިއޭޝަންގެ ހިންގުން މިހާރު ޗާންދަނީ މަގު ސޮނީ ސްޕޯޓްސް ކުރިމަތީގައި ހުންނަ އިމާރާތަށް ބަދަލުކޮށްފައިވާކަމަށެވެ.

އެފްއޭއެމްގެ އިމާރާތް ވިހި ބުރިއަށް ނެގުމަށް ހަވާލުކޮށްފައިވަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާއެވެ. އެގޮތުން އެ ކުންފުންޏާއެކު މިދިޔަ މާރިޗު މަހު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ވިހި ބުރިޔަށް އެފްއޭއެމްގެ އިމާރާތް ހެދުމުގެ އިތުރުން ދެން މި އެއްބަސްވުމުގައި ހިމެނެނީ މާލޭ ހިއްކި ބިން ސަރަހައްދު (ޓާރފް ދަނޑު ފަހަތުގައި އޮންނަ ވެލި ދަނޑު) ގައި ހަތަރު ބުރީގެ ފުޓްސެލް ދަނޑަކާއި، ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި 20 އާޓިފިޝަލް ވިނަ ދަނޑު އެޅުމެއެވެ.

އައު އިމާރާތް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެ އިމާރާތުގައި އެންމެ ޒަމާނީ ފެންވަރުގެ ޖިމެއްގެ ޚިދުމަތާއި މެޑިކަލް ވަސީލަތްތަކުގެ އިތުރުން ގައުމީ ޓީމުތައް ކޭމްޕް ކުރެވޭނެ ރަނގަޅު ފެންވަރުގެ ވަސީލަތްތައް ގާއިމު ކުރުމަށް ނިންމާފައިވެއެވ. އަދި އިމާރާތުގެ ގިނަ ފަންގި ފިލާތައް ބޭނުން ކުރާނީ އެފްއޭއެމަށް ފައިސާ ލިބޭނެ ގޮތަށް ކަމަށް ބައްސާމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެފްއޭއެމް އިން މިހާރު އަޅަން ހަމަޖެހިފައިވާ 20 ބުރީގެ އިމާރަތާއި ހިއްކި ބިމުގައި އަޅާ 17،000 އަކަފޫޓުގެ ހަތަރު ބުރީގެ އިމާރާތުން އަހަރަކު 90 މިލިޔަން ރުފިޔާއަށް ވުރެން ގިނަ ފައިސާ އެފްއޭއެމް އަށް ލިބޭނޭ ކަމަށް ވަނީ ލަފާކޮށްފައެވެ.