ޚަބަރު

ނޮވެމްބަރު މަހު ފްރާންސްގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުން އެކަށީގެންވޭ


ނޮވެމްބަރު މަހުގެ ތެރޭގައި ކޯވިޑް-19ގެ ދެވަނަ ރާޅެއް ފަރަންސޭސިވިލާތުގައި ފެތުރިދާނެކަމަށް ބެލެވޭކަމަށް އެ ޤައުމުގެ ސަރުކާރުގެ މުޝީރަކު ވިދާޅުވެއްޖެއެވެ.

ފަރަންސޭސިވިލާތުގައި މިހާތަބަށް 248،158 މީހުންނަށް ކޯވިޑް-19 ޖެހި 30،544 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 3،304 މީހުންނަށް ބަލިޖެހި 16 މީހުންވަނީ މަރުވެފައެވެ. އެއީ މިދިޔަ ހަފުތާގެ ޢަދަދުތަކާ އަޅާބަލައިއިރު ދަށް ޢަދަދުތަކެކެވެ. ނަމަވެސް ޒުވާނުންގެ މެދުގައި ބަލިފެތުރޭ މިންވަރުވަނީ އިތުރުވެފައެވެ.

ބަލި ފެތުރޭ މިންވަރު މި ވަގުތު ކޮންމެވެސް ދަށަށް ގޮސްފައިވާ ނަމަވެސް ނޮވެމްބަރު މަހުގައި ފަރަންސޭސިވިލާތުގައި ބަލިފެތުރޭ މިންވަރު އިތުރުވާނެކަމަށް ބެލެވޭކަށް ކޯވިޑް-19އާގުޅޭ ކަންކަމުގައި ސަރުކާރަށް ލަފާއަރުވާ ސައިންސުވެރިންގެ މަޖިލީހުގައި އިސްކޮށް ހުންނަވާ ޖޮން ފޮންސުއާ ދެލްފްރެސީވަނީ ވިދާޅުވެފައެވެ.

ފާއިތުވި ދުވަސްތަކުގައި ފަރަންސޭސިވިލާތުގެ ސިޓީއެއްކަމުގައިވާ މާސެއިލްގައި ކޯވިޑް-19 ފެތުރޭ މިންވަރުވަނީ އިތުރުވެފައެވެ. އެއާއެކު އެ ސިޓީގެ ކެފޭތަކާއި ރެސްޓޯރަންޓުތައް ހުޅުވާފައި ހުންނަ ވަގުތު ކުރުކުރުމަށްވަނީ ނިންމާފައެވެ. އެގޮތުން މީގެ ކުރިން މެންދަމު 12 ނޫނީ 1 ޖަހާއިރު ބަންދުކުރަމުންދިޔަ އެފަދަ ތަންތަން ރޭގަނޑު 11އާ 6އަކާ ދޭތެރޭ ހުޅުވުން މަނާވާނެއެވެ.

އޭގެ އިތުރުން އޮގަސްޓު މަހުގެ 26ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހާހަމައަށް ޢާންމު ތަންތަނުގައި މާސްކު ބޭނުންކުރުމަށް އެ ސިޓީގައި މަޖުބޫރުވާނެއެވެ.