ޚަބަރު

ރިޔާޟް އެއްބަސްވުން ތަންފީޒުކުރުމާގުޅޭ މަޝްވަރާތަކުން އެސްޓީސީ އެއްފަރާތްވެއްޖެ


ޔަމަނުގެ ދެކުނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ސަދަން ޓްރާންސިޝަނަލް ކައުންސިލް، އެސްޓީސީގެ އަމިއްލަ ވެރިކަން ދޫކޮށްލައި ސަޢުދީ ޢަރަބިއްޔާއިން އިސްވެ 2019ވަނަ އަހަރު ޤާއިމްކޮށްފައިވާ އެއްބަސްވުމަށް ޢަމަލުކުރުމާ ގުޅޭގޮތުން ކުރަމުންދިޔަ މަޝްވަރާތަކުން އެއްފަރާތްވުމަށް ނިންމައިފިއެވެ.

މިދިޔަ އަހަރު ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ބޭއްވި މަޝްވަރާތަކުގައި އެސްޓީސީއާއި ޔަމަނުގެ ސަރުކާރުންވަނީ ޢަދާވާތްތެރިކަން ނައްތާލައި ދެ ފަރާތުގެ މަންދޫބުން ހިމެނޭގޮތަށް އައު ވަޒީރުންގެ މަޖިލީހެއް އެކުލަވާލައި ދެ ފަރާތުގެ އަސްކަރިއްޔާ އެއްކޮށްލުމަށް އެއްބަސްވެފައެވެ. އެ އެއްބަސްވުން ތަންފީޒުކޮށް ޔަމަނުގައި ސުލްޙަ ޤާއިމްކުރުމަށް ސަޢުދީ ޢަރަބިއްޔާއިންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެ ކުރިން އެސްޓީސީއާއި ޔަމަނުގެ ސަރުކާރުން ގުޅިގެންވަނީ ޔަމަނުގައި ޙަރަކާތްތެރިވާ ހޫޘީންނާ ދެކޮޅަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އޭޕްރިލް މަހުގެ ތެރޭގައި އެސްޓީސީންވަނީ އަސްކަރީ އިއްތިޙާދުން ވަކިވެ، ޔަމަނުގެ ދެކުނުގައި އަމިއްލަ ވެރިކަމެއް އިޢުލާނުކޮށްފައެވެ. އެއާއެކު ދެ ފަރާތުގެ މެދުގައި ޤާއިމުކޮށްފައިވާ އެއްބަސްވުމަށްވަނީ ހުރަސްއެޅިފައެވެ. އޭގެ ފަހުން ޔަމަނުގެ މައި ސަރުކާރާއި އެ ޖަމާޢަތާ ދެމެދުވަނީ ވަރުގަދަ ޙަމަލާތަކެއްވެސް ބަދަލުކޮށްފައެވެ. އޭގެ ސަބަބުން ޔަމަނުގައި ސުލްޙަ ޤާއިމުކުރުމަށް އދން ކުރަމުންދިޔަ މަސައްކަތަށހުރަސް އެޅުނެވެ. ނަމަވެސް އޭގެ ފަހުން އެސްޓީސީއިންވަނީ ރިޔާދުގެ އެއްބަސްވުމަށް އަނެއްކާވެސް ޢަމަލުކުރާނެކަމަށް ބުނެ އަމިއްލަ ވެރިކަން ދޫކޮށްލުމަށް އެއްބަސްވެފައެވެ.

އެސްޓީސީގެ ނައިބު ރައީސް ހާނީ ބުން ބުރިކު ބުނީ އެކަމާގުޅޭ މަޝްވަރާތައް މެދުކަނޑާލުމަށް ނިންމާފައިވަނީ ރިޔާދުގެ އެއްބަސްވުމަށް ބައެއް ފަރާތްތަކުން އިޚުތިރާމު ނުކުރާތީކަމަށެވެ. އަދި މަޝްވަރާތައް ހުއްޓާލީ އެ އެއްބަސްވުމަށް ފުރިހަމައަށް ޢަމަލުކުރުމުގެ މުހިންމުކަން ހާމަކުރުމުގެ ގޮތުންކަމަށް އޭނާ ބުންޏެވެ. ޔަމަނުގެ ދެކުނުގެ ސަރަޙައްދުތަކުގައި ޢާންމު ޚިދުމަތްތައް ލިބެން ނެތުމާއި އަބްޔަން ޕުރޮވިންސުގައި ސަރުކާރުގެ އަސްކަރީ ފައުޖުތަކުން ޙަރަކާތްތެރިވާ މިންވަރު އިތުރުވެފައިވާކަމަށް އެސްޓީސީއިންވަނީ ފާހަގަކޮށްފައެވެ. އެސްޓީސީއިން ބުނީ އެއްބަސްވި ގޮތަށް އެ ޖަމާޢަތުން ޢަމަލުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި 100،000 މީހުން މަރުވެ، އެ ޤައުމަށްވަނީ ބޮޑު އިންސާނީ ކާރިޘާއެއް ކުރިމަތިވެފައެވެ. އެގޮތުން، އެތައް މިލިއަން މީހުންގެ ގެދޮރު ގެއްލި، ގާބޯތަކެއްޗާއި ބޭސްފަރުވާއަށްވަނީ ބޭނުންޖެހިފައެވެ. އެސްޓީސީން ސަރުކާރާ ގުޅެން ނިންމުމުން ހަމަނުޖެހުންތައް މަދުވެ ޔަމަނުގެ ޙާލަތު ރަނގަޅުވާނެކަމަށްއޮތީ ޤަބޫލުކުރެވިފައެވެ.