ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަޤުޞަދުގައި ހުޅުމާޅޭގެ މަގުތަކާއި އާންމުތަންތަން ސާފުކޮށް ބޭއްވުމަށް ޕްރޮގްރާމެއް ފަށައިފިއެވެ.
"ވެށި ސާފު" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ހުޅުމާލޭގެ ރައްޔިތުންނަށާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހުޅުމާލެ ހެދުމަށް ރައްޔިތުންގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ. އަދި ޒަމާނުއްސުރެ އޮންނަ އާދައެއް ކަމަށްވާ ދިރިއުޅޭގޭގެ ވަށައިގެންވާ ސަރަހައްދު ކުނިކަހާ ބެލެހެއްޓުމުގެ ސަގާފަތް ދެމެހެއްޓުމަށް ހިތްވަރުދީ އާމްދަނީއެއް ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ފެށި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމު އިފްތިތަހުކޮށްދެއްވާފައި ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
މި ޕްރޮގްރާމުގައި ސާފުކުރުމުގެ މަސައްކަތަށް 34 މީހަކު ހޯދަން ވަނީ އިއުލާން ކޮށްފަ އެވެ. މިއީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް މަސައްކަތެކެވެ.
ސާފު ކުރުމުގެ ޕްރޮގްރާމްގެ ބައިވެރިން، އެމީހަކާއި ހަވާލު ކުރާ ސަރަހައްދު ކޮންމެ ދުވަހެއްގެ ހަވީރު 3:30 ގެ ކުރިން ކުނިކަހާ ސާފު ކުރަން ޖެހެ އެވެ. ހަވާލު ކުރާ ސަރަހައްދުގެ ފްލެޓްތަކުގެ "ކޮމަން އޭރިއާ" ސާފުކޮށް ބެލެހެއްޓުމާއި އެ ސަރަހައްދުން ނަގާ ކުނި ވަކި ތަނަކަށް ޖަމާ ކޮށް ސުޕަވައިޒަރަށް އަންގަން ޖެހޭނަކަމަށް އެޗްޑީސީން ބުނެއެވެ. އަދި ހަވާލުކުރާ ސަރަހައްދުގެ މަގުތަކާއި، ޕޭމަންޓާއި، މަގުތަކުގެ ދެފަރާތް ސާފުކުރަން ޖެހެއެވެ.
މި މަސައްކަތް ކުރާ ފަރާތަކަށް، މުސާރައިގެ ގޮތުގައި 4800 ރުފިޔާ ދޭ އިރު މަސައްކަތް ކުރަން ވަކި ވަގުތެއް ހަމަޖައްސާފައެއް ނެތެވެ.