ޚަބަރު

ޖުޑީޝަލް އެކަޑަމީއެއް ޤާއިމުކުރުމަށް ސުޕްރީމްކޯޓުން ނިންމަވައިފި


ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުޑީޝަލް ތަޢުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް ޖުޑީޝަލް އެކަޑަމީއެއް ޤާއިމުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވައިފިއެވެ.ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންނާއި ކޯޓުތަކުގެ މުއައްޒަފުންނަށް ދާއިމީކޮށް ޕްރޮފެޝަނަލް ގޮތެއްގައި ތަމްރީނާއި ތަޢުލީމު މި އެކަޑަމީގެ ފަރާތުން ފޯރުކޮށްދޭނެކަމަށް ސުޕްރީމްކޯޓުން ބުނެއެވެ. އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އަބުދުﷲ ސަޢީދު ސޮއިކުރައްވާ ނެރެފައިވާ ސަރކިއުލާއެއްގައި ބުނެފައިވަނީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ވަކިފަރާތަކަށް ބުރަވުމެއްނެތި، މުސްތަޤިއްލުކަމާ، ނަޒާހާތްތެރިކަމާއެކު، އެކަށީގެންވާ އަވަސްމިނެއްގައި ޝަރީޢަތް ކުރުމުގެ ހައްޤު ކަށަވަރު ކުރުމަށްޓަކައި ހަރުދަނާކަމާއެކު ޤާއިމުކޮށްފައިވާ މިފަދަ މުއައްސަސާއެއް ޤާއިމުކުރެވިފައިހުރުން މުހިންމުކަމަށެވެ.މިސަރކިއުލާގައި ބަޔާންކޮށްފައިވާގޮތުން މިއަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިއެކަޑަމީ ވުޖޫދަށް އައުމާއެކު ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި، ޤާނޫނީ ވަކީލުންނާއި، ޝަރުޢީ ދާއިރާގެ މުއައްޒަފުންނަށް "ކޮންޓިނިއުއިންގ ޖުޑީޝަލް އެޑިއުކޭޝަން" ޕްރޮގްރާމްތަށް އެކުލަވާލައި ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރާނީ ޖުޑީޝަލް އެކަޑަމީންނެވެ.މި އެކަޑަމީ ހިންގާނީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ކަމަށާއި، މިއެކަޑަމީގެ އިސްތިޝާރީ މަޖިލީހުގެ ޗެއަރމަންއަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމަށް މިސަރކިއުލާރގައި ވަނީ ކަނޑައަޅާފައެވެ. އިސްތިޝާރީ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވަނީ، ވައިސްޗާންސެލަރަކަށް ކަނޑައަޅާ ސުޕްރީމްކޯޓުގެ ފަނޑިޔާރަކާއި، ހައިކޯޓުގެ އިސް ފަނޑިޔާރާއި، ދަށުކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ސްޕްރީމްކޯޓުން ކަނޑައަޅާ ފަނޑިޔާރަކާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ގެ މަޤާމުގައި ހުންނަވާ ބޭފުޅަކާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގައި ޤާނޫނީ ތައުލީމު އުނގަންނައިދޭ ލެކްޗަރަރއިންގެ ތެރެއިން ފާހަގަކޮށްލެވޭ ލެކްޗަރައެކެވެ.މި ސަރކިއުލާގައި ބަޔާންކޮށްފައިވާގޮތުން ޖުޑީޝަލް އެކަޑަމީ ހިންގުމަށް ޗާންސެލަރަކާއި، ވައިސް ޗާންސެލަރަކާއި، އެގްޒެކެޓިވް ސެކެއްޓަރީއެއް ހުންނަންޖެހެއެވެ. މިމަޤާމުތަކަށް މީހުން އައްޔަންކުރާނީ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ލަފާގެ މަތިން އުއްތަމަފަނޑިޔާރުކަމަށް މިސަރކިއުލާގައިވެއެވެ.މި އެކަޑަމީގައި ތަޢުލީމު އުނގަންނައިދޭ އުސްތާޛުން ކަނޑައަޅާނީ އިސްތިޝާރީ މަޖިލީހުން ފާސްކުރާ ގޮތުގެ މަތިން ސުޕްރީމްކޯޓުގެ ފަނޑިޔާރުންކަމަށް ވަނީ ކަނޑައަޅާފައެވެ.އަދި ޖުޑީޝަލް އެކަޑަމީ ޤާއިމުކުރެވުމާއެކު އެއެކަޑަމީގެ ތަމްރީން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ޝަރުޢީ ދާއިރާގައި ވަޒީފާ ދިނުމާއި، ޕްރޮމޯޝަން ދިނުމަށް އިސްކަންދޭންވާނެކަމަށް ސުޕްރީމްކޯޓުގެ ސަރކިއުލާގައިވެއެވެ.