ޚަބަރު

8 ރަށެއްގެ ފެނުގެ ނިޒާމް ޑިޒައިން ކުރުމަށް ބަޔަކާ ހަވާލުކޮށްފި


އަށް ރަށެއްގެ ފެނުގެ ނިޒާމްގެ
ޑިޒައިން އަދި ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކުރުމަށް ގްރީންޓެކް ކޮންސަލްޓިންގ
ލިމިޓެޑާއިއެކު އެންވަރމަންޓް މިނިސްޓްރީން ސޮއިކޮށްފިއެވެ. 

މިކަމަށްޓަކައި ޝީ
ބިލްޑިންގ ގައި މިއަދު އޮތް ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ
ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރ ތާރިޤް
އިބްރާހިމެވެ. އަދި ގްރީންޓެކް ކޮންސަލްޓިންގ ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ
އެކުންފުނީގެ ޑިރެކްޓަރ ދިޔަތު ގުނަވަރުދަނާއެވެ.

ފެނުގެ ނިޒާމްގެ ޑިޒައިން އަދި
ޓެންޑަރ ޑޮކިއުމެންޓް ހަދަން ހަވާލުކުރި 8 ރަށަކީ ހއ.ހޯރަފުށި، ހދ.ހަނިމާދޫ،
ށ.މިލަންދޫ، ރ.އުނގޫފާރު، ޅ.ނައިފަރު، ދ.ކުޑަހުވަދޫ އަދި ތ. ގުރައިދޫގެ އިރުތުން
ގއ.ވިލިނގިއްޔެވެ. 

މިރަސްމިއްޔާތުގައި
ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވީ،
މިއަށްރަށުގެ ފެނުގެ ނިޒާމްގެ އިތުރުން އިތުރު ދެ ރަށެއްގެ ފެނުގެ ނިޒާމްވެސް މި
ފަންޑިންގެ ތެރޭގައި ހިމެނޭކަމަށެވެ. އެއީ ތ.ވިލުފުއްޓާއި ބ.އޭދަފުށްޓެވެ. މިނިސްޓަރ
ތޯރިޤް ވިދާޅުވީ، މި ދިހަރަށުގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ފައިސާ އޯފިޑްގެ
ލޯނުގެ ދަށުން މިހާރު ލިބިފައިވާކަމަށެވެ. އަދި މަސައްކަތުގެ ޑިޒައިންގެ މަސައްކަތް
ނިންމާ އަންނަ އަހަރު މި ރަށްރަށުގެ ފެނުގެ ނިޒާމްގެ އަމަލީ މަސައްކަތް ފެށޭނެކަމަށާއި އަދި ދެހާސް
ސަތާރަވަނަ އަހަރުގެ ކުރީކޮޅު މިރަށްރަށުގެ ފެނުގެ ނިޒާމް ޤާއިމްކޮށް
ނިންމާލެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

6 މަސްދުވަހުގެ ތެރޭގައި
މަސައްކަތް ނިންމާގޮތައް ހަވާލުކުރި މި ޕްރޮޖެކްޓަށް 2.5 މިލިޔަން ރުފިޔާ
ހަރަދުވާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

މިރަށްރަށުގެ ފެނުގެ
ނިޒާމްގެ ޑިޒައިން އަދި ޓެންޑަރ ޑޮކިއުމެންޓް ތައްޔާރު ކުރުމަށް ސޮއިކުރި ގްރީންޓެކް
ކޮންސަލްޓިންގ ލިމިޓެޑުން މިމަސައްކަތް ކުރާނީ ޑެންމާކުގެ ކުންފުންޏެއް ކަމަށްވާ "އެސޯސިއޭޝަން ވިތު ގްރޮންޓް މިޖް" އާއި "ޑިވަލޮޕްމަންޓް ކޮލޮބަރޭޓިވް ޕާރޓްނާޝިފް" އަދި "އޮބްޓިމަމް ސޮލިއުޝަން" އާއި ހަވާލުކޮށްގެންކަމަށް އެންވަޔަރަމެންޓް މިނިސްޓަރީން
މައުލޫމާތުދެއްވައެވެ.