ފަލަސްޠީނުގެ ޣައްޒާގައި ކޯވިޑް-19 ޖެހިފައިވާ މީހަކު އާއްމުންގެ ތެރެއިން ފެނުމުން 48 ގަޑިއިރަށް ފުރަބަންދުކޮށްފިއެވެ.
މިހާތަނަށް ކޯވިޑް-19 ޖެހިފައިވާ 109 މީހުން ޣައްޒާއިން ފެނި އެކަކުވަނީ މަރުވެފައެވެ. މީގެ ކުރިން ޣައްޒާގައި ކޯވިޑް-19 ޖެހިފައިވާ މީހުންނަކީ ބޭރުގެ ސަރަޙައްދުތަކުން ޣައްޒާއަށް އެތެރެވާ މީހުން ބައިތިއްބާ ކަރަންޓީނު މަރުކަޒުތަކުން ފެނިފައިވާ މީހުންނެވެ.
އެހެންނަމަވެސް، ކޯވިޑް-19 ޖެހިފައިވާ 4 މީހުންވަނީ ޣައްޒާގެ ރެފިއުޖީ ކޭމްޕަކުންވަނީ ފެނިފައެވެ. އަލްމަޣާޒީ ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ އެ 4 މީހުންނަކީވެސް އެއް ޢާއިލާއަކަށް ނިސްބަތްވާ 4 މީހުންކަމަށް ސަރުކާރުން ނެރެފައިވާ ބަޔާނެއްގައިވަނީ ބުނެފައެވެ. އަދި އެމީހުންނަކީ ބޭރު ޤައުމުތަކުން ޣައްޒާއަށް އެނބުރި އައިސްފައިވާ މީހަކާ އެއްވެސް ގުޅުމެއް ނެތް ބައެއްކަމަށް ސަރުކާރުން ބުންޏެވެ.
ފުރަބަންދުކޮށްފައިވާ މުއްދަތުގައި ޣައްޒާގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން މަނާވާނެއެވެ. އަދި ސަރުކާރުގެ އިދާރާތަކާއި ތަޢުލީމުދޭ މަރުކަޒުތަކާއި މިސްކިތްތަކާއި ކައިވެނި ޙަފްލާތައް ބާއްވާ މާލަންތައް ބަންދުވާނެއެވެ. އޭގެ އިތުރުން ޢާންމުން އެއްވެ އުޅުންވެސް މަނާވާނެއެވެ. ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށް ކުރިއަށްއޮތް 48 ގަޑިއިރުގެ ތެރޭގައި ބޭރުތެރެއަށް ނުނިކުތުމަށް ސަރުކާރުންވަނީ އިލްތިމާސްކޮށްފައެވެ.