ޚަބަރު

އިންޑިޔާގެ އިމާތާރެއް ވެއްޓި 100އަށްވުރެ ގިނަ މީހުން ތާށިވެއްޖެ


އިންޑިޔާގެ ސިނާޢީ މަސައްކަތްކުރާ އަވަށެއްގައިހުރި 5 ބުރީގެ އިމާރާތެއް ވެއްޓި، 100އަށްވުރެ ގިނަ މީހުން އެ އިމާރާތުގެ ދަށުވެއްޖެއެވެ.

މުމްބާއީއާ 165 ކިލޯމީޓަރު ދުރުގައި އޮންނަ މާހަދުގައި ހުންނަ އިމާރާތުގައި 200އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. ހާދިޘާ ހިނގި ވަގުތުގައި 47 ފްލެޓް ހުންނަ އެ އިމާރާތުގައި ތިބިކަމަށް ބެލެވެނީ ގިނަވެގެން 125 މީހުންނެވެ. ތާށިވެފައިވާ މީހުން ސަލާމަތްކުރުމުގައި އިންޑިޔާގެ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސްގެ ތިން ވަފުދެއް އެ ސަރަޙައްދުތައި ޙަރަކާތްތެރިވަމުންދާކަމަށް އެ އިދާރާއިން ބުންޏެވެ. މިހާތަނަށް 30 މީހުން ސަލާމަތްކޮށްފައިވާކަމަށް ރަސްމީ ފަރާތްތަކުން ބުނެއެވެ.

ހާދިޘާ މެދުވެރިވާން ދިމާވި ސަބަބު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި ހާދިޘާގައި މަރުވީ ކިތައް މީހުންކަމެއްވެސް ބުނެފައެއް ނުވެއެވެ. މަހާރަޝްތާ ސްޓޭޓުގެ އިސް މިނިސްޓަރު އުއްދަވް ތަކެރާއީގެ އިދާރާއިންވަނީ ތާށިވެފައިވާ މީހުން ސަލާމަތްކޮށް ގެއްލުން ލިބުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދީފައެވެ.

މޫސުމީ ބޯ ވާރޭގެ ސަބަބުން އިންޑިޔާގައި ޤަވާއިފާ ޚިލާފަށް އިމާރާތްކޮށްފައިވާ ތަންތަނާއި ވީރާނާވެފައިވާ އިމާރާތްތައް ވެއްޓުމުގެ ގިނަ ހާދިޘާތަކެއް ކޮންމެ އަހަރަކުވެސް ހިނގައެވެ. އެފަދަ ހާދިޘާތައް އާންމުކޮށް ހިނގަނީ ޖޫން މަހާއި ސެޕްޓެމްބަރުމަހާ ދެމެދެވެ. 2017ވަނަ އަހަރުގެ ތެރޭގައި 1،161 އިމާރާތް ވެއްޓުމުގެ ސަބަބުން 1،200އަށްވުރެ ގިނަ މީހުން އިންޑިޔާގައި މަރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މޫސުމާގުޅޭ ގުދުރަތީ ކާރިޘާތަކުގައި މި އަހަރުގެ މިހާތަނަށް އިންޑިޔާގައި 800އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.