ކުޅިވަރު

ޕޮގްބާ ޔުނައިޓެޑުގައި މަޑުކުރާނެ: އޭޖެންޓް

މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަންނަ ސީޒަނުގައިވެސް ޔުނައިޓެޑްގައި މަޑުކުރާނެ ކަމަށް އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނެފިއެވެ.

ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ ބީބީސީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ބުނީ، މެންޗެސްޓާ ޔުނައިޓެޑާއި ޕޮގްބާ ހަދާފައިވާ ކޮންޓްރެކްޓް އައު ކުރުމުގެ ވާހަކަތައް ވަރަށް އަވަހަށް ފެށޭނެކަމަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޓްރާންސްފާ ބާޒާރުގައި ޕޮގްބާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި އޭނާގެ ކުރީގެ ކުލަބު ޔުވެންޓަސް އާއި ރެއާލް މެޑްރިޑް އަދި ޕީއެސްޖީވެސް ހިމެނެއެވެ.

ޕޮގްބާ މި ވަގުތު ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް މެންޗެސްޓާ ޔުނައިޓެޑުން ބޭނުންވާނަމަ އިތުރު އެއް އަހަރަށް ޕޮގްބާގެ އެއްބަސްވުން އައު ކުރުމުގެ ފުރުސަތު އެބައޮތެވެ.

މީގެ ކުރިން ޕޮގްބާގެ އޭޖެންޓް ރައިއޯލާ ބުނީ ޔުނައިޓެޑުން ޕޮގްބާ އަށް ލިބޭ އެއްވެސް ހުށަހެޅުމެއް ގަބޫލުނުކުރާނެ ކަމަށެވެ. އަދި ހާސްކަމެއް ނެތް ކަމަށާއި ވަރަށް އަވަހަށް އާ ކޮންޓްރެކްޓާ ބެހޭގޮތުން ވާހަކަތައް ފަށާނެ ކަމަށެވެ.

ޕޮގްބާ ޔުނައިޓެޑްގައި މަޑުކުރާއިރު، މީގެ ކުރިން ޕޮގްބާއާއެކު ޔުވެންޓަސްއަށް ކުޅުނު މިޑްފީލްޑަރު އަދި މިހާރު އެޓީމުގެ ކޯޗު އަންދްރޭ ޕިރްލޯ އެ ޓީމަށް ގެންދަން އެންމެ ބޮޑަށް ބޭނުންވާ ކުޅުންތެރިއަކީ ޕޮގްބާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިއަރު ފެށި ޕޮގްބާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުވެންޓަސްއަށް ބަދަލުވީ 2012 ވަނަ އަހަރެއެވެ. އެޓީމުގައި ހޭދަކުރި ހަތަރު ސީޒަނުގައި ޕޮގްބާ ވަނީ 178 މެޗުން 34 ލަނޑު ޖަހާފައެވެ. އޭގެ ފަހުން އަނެއްކާވެސް ޕޮގްބާ އެނބުރި ޔުނައިޓެޑަށް ބަދަލުވީ 2016 ވަނަ އަހަރެއެވެ.