ޚަބަރު

ޢަލީ ރަޝީދާއި ޑރ.މުހައްމަދު އިބްރާހިމް ސުޕްރީމް ކޯޓަށް ޢައްޔަން ކުރައްވަން ކޮމެޓީން ރުހުން ދީފި


ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކްރިމިނަލް ކޯޓްގެ އިސް ގާޒީ ޢަލީ ރަޝީދު ޙުސައިން އާއި ޤާނޫނީ ވަކީލު ޑރ.މުޙައްމަދު އިބްރާހީމް ޢައްޔަން ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ރުހުން ދީފިއެވެ.

މިމައްސަލަ ދިރާސާ ކުރީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންނެވެ. މި ދެބޭފުޅުން ސުޕްރީމް ކޯޓަށް ޢައްޔަން ކުރެއްވުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. މިދެބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުވާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
ކޯޓުތަކުގެ ޤާނޫނަށް ގެނައި އިސްލާހާއެކު ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ބެންޗުގައި 7 ބޭފުޅުން ތިއްބަވަންޖެހެއެވެ. އެހެންނަމަވެސް މި ވަގުތު ތިއްބެވީ 5 ފަނޑިޔާރުންނެވެ.

ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމަށް ރައީސް ނަން ފޮނުއްވާފައިވާ ދެ ބޭފުޅުންގެ ތެރެއިން އަލީ ރަޝީދު ވަނީ ސިވިލް ކޯޓްގެ ގާޒީކަންވެސް ކުރައްވާފައެވެ. އަދި މިވަގުތު ކްރިމިނަލް ކޯޓްގެ އިސް ގާޒީގެ މަޤާމުގައި ހުންނެވި އަލީ ރަޝީދަކީ އައު ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ މަރުގެ ހުކުމެއް އިއްވެވި ގާޒީއެވެ.

ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް ރައީސް ލަފަޔަކަށް އެދިވަޑައިގެންނެވި ޑރ މުހައްމަދު އިބްރާހީމަކީ ޤާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ މަޝްހޫރު ލޯ ފާމް، "ޕްރިމިއާ ޗެމްބާސް"ގައި މަސައްކަތްކުރައްވަމުން އަންނަ ބޭފުޅެކެވެ.

ސުޕްރީމް ކޯޓުގެ ބެންޗް 7 ފަނޑިޔާރުންގެ ޢަދަދަށް ކަނޑައަޅާ ކޯޓުތަކުގެ ޤާނޫނަށް ފަހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤުކުރައްވާފައި ވަނީ 2019ވަނަ އަހަރުގެ ޖުލައި މަހުގެ 23ވަނަ ދުވަހެވެ.

ސުޕްރީމް ކޯޓުގައި މިހާރު ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.