ޚަބަރު

ޙަމަލާ ބަދަލުކުރުން ހުއްޓާނުލަށް ޖީއެންއޭއިން ބޭނުމެއް ނުވޭ: އެލްއެންއޭ


ލީބިޔާގައި ހިންގަމުންދާ ދާޚިލީ ހަނގުރާމައިގައިގައި އދން ބަލައިގަނެފައިވާ ލީބިޔާގެ ސަރުކާރު ގޮވަމަންޓު އޮފް ނޭޝަނަލް އެކޯޑު، ޖީއެންއޭއިން ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހުށަހަޅާފައިވަނީ ޢާންމުންގެ ތާއީދު ހޯދުމުގެ މަޤުސަދުގައިކަމަށް އިދިކޮޅު ލީބިއަން ނޭޝަނަލް އާމީ، އެލްއެންއޭއިން ބުނެފިއެވެ.

އޮގަސްޓު މަހުގެ 21ވަނަ ދުވަހު ލީބިޔާގެ ބޮޑުވަޒީރު ފާއިޒް އައްސައްރާޖު އިސްވެ ހުންނަވާ ޖީއެންއޭއިންވަނީ ލީބިޔާގައި ޙަމަލާ ބަދަލުކުރުން ހުއްޓާލައި ތެޔޮ އުފެއްދުމުގެ މަސައްކަތް އަލުން ފެށުމަށް ގޮވާލައްވައިފައެވެ. އެކަމާ ގުޅޭގޮތުން އިދިކޮޅު ޚަލީފާ ޙަފްތާރުގެ އެލްއެންއޭގެ ތަރުޖަމާނު، އަޙުމަދު މިސްމާރީ ވިދާޅުވީ ހުޅަނގުގައި ޙަރަކާތްތެރިވާ ޖީއެންއޭގެ އަސްކަރީ ފައުޖުތަކުން ލީބިޔާގެ މެދުތެރޭގެ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވަމުންދާކަމަށެވެ. އައްސޭރި ފަށުގައި އޮންނާ ސިރުތާއި ޖަފްރާގައި ތިބި އެލްއެންއޭގެ ފައުޖުތަކަށް ޖީއެންއޭއިން ޙަމަލާ ދީފިނަމަ އޭގެ ބަދަލުގައި ޙަމަލާދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މިސްމާރީ ވިދާޅުވީ ބޮޑުވަޒީރު އައްސައްރާޖު ބޭނުންކުރައްވާ އުކުޅުގެ ބޭނުމަކީ ޢާންމުންގެ ތާޢީދު ހޯދުންކަމަށާއި ހަޤީޤަތުގައި ޖީއެންއޭއިން ޙަމަލާބަދަލުކުރުން ހުއްޓާލަން ބޭނުންނުވާކަމަށެވެ. ސިރުތަށް އަސްކަރީ ފައުޖުތަކާއި ހަތިރާޔާއި ވަޞީލަތްތައް ޖީއެންއޭއިން ގެންދަމުންދާކަމަށް ތުހުމަތުކުރައްވާ މިސްމާރީ ވިދާޅުވީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހަޤީޤަތުގައިވެސް ބޮޑުވަޒީރު އައްސައްރާޖު ބޭނުންވެވަޑައިގަންނަވާނަމަ ސިރުތަށް ފައުޖުތައް ފޮނުއްވުމުގެ ބަދަލުގައި އަސްކަރީ ފައުޖުތައް ފަހަތަށް ޖައްސަވާނެކަމަށެވެ.
ލީބިޔާގެ ދެކުނުގައި ޤާއިމްކޮށްފައިވާ ޤާނޫނުހަދާ މަޖިލީހުގެ ރައީސް، އަގުއިލާ ސާލެހްވެސްވަނީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވާލައްވައިފައެވެ. ނަމަވެސް އެކަމާގުޅޭ އެއްވެސް އިޝާރާތެއް މިސްމާރީގެ ވާހަކައިގައި ކުރައްވާފައެއް ނުވެއެވެ.

މިދިޔަ ޖޫން މަހުގައި 14 މަސް ދުވަސް ވަންދެން ވެރިރަށް ތުރާބުލުސް ހޯދުމަށް އެލްއެންއޭއިން ކުރި މަސައްކަތް ނާކާމިޔާބުވުމުން ޙަފްތާރަށްވުރެ ސާލެހުގެ ނުފޫޒުވަނީ ދެކުނުގެ ސަރަޙައްދުތަކުގައި އިތުރުވެފައެވެ. އަދި ބޮޑެތި މަޝްވަރާތަކާއި ނިންމުންތަކުގައި ޙަފްތާރު އެއްފަރާތްވެފައިވާކަމަށްވެސް ބައެއް ފަރާތްތަކުންވަނީ ފާހަގަކޮށްފައެވެ.