ޚަބަރު

އައިއެންސީގެ ވަގުތީ ރައީސްކަމުގެ މަޤާމުން އިސްތިޢުފާދެއްވުމަށް ސޯނިއާ ގާންދީ ހުށަހަޅުއްވައިފި


އިންޑިޔާގެ އިދިކޮޅު މައި ޕާޓީ، އިންޑިއަން ނޭޝަނަލް ކޮންގްރެސް (އައިއެންސީ) ޕާޓީގެ ވަގުތީ ރައީސްގެ މަޤާމުން އިސްތިޢުފާދެއްވުމަށް ސޯނިއާ ގާންދީ ހުށަހަޅުއްވައިފިއެވެ.

އިންޑިޔާ ކޮންގްރެސް ޕާޓީގެ ޗީފްގެ މަޤާމުން ރާހުލް ގާންދީ ވަކިވެވަޑައިގަތުމުން، 2019ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ވަގުތީ ރައީސްކަމާ ޙަވާލުވެވަޑައިގެންނެވި ސޯނިއާ ގާންދީގެ ރައީސްކަމުގެ ދައުރު އޯގަސްޓް މަހުގެ 10 ވަނަ ދުވަހު ވަނީ ހަމަވެފައެވެ. އެހެންނަމަވެސް ޕާޓީގެ އިސް ބައެއް ބޭފުޅުންގެ އެދިވަޑައިގަތުމުގެ މަތީން އައި އިންތިޚާބެއް ބޭއްވެންދެން މަޤާމުގައި ދެމިހުންނަވަން ގާންދީ ނިންމެވިއެވެ.

އިސްތިއުފާދެއްވުމަށް ސޯނިއާ ގާންދީ ހުށަހަޅުއްވާފައިމިވަނީ ޕާޓީގެ ހިންގުމާމެދު ކޮންގްރެސްގައި ޚިޔާލު ތަފާތުވެފައިވާ ދަނޑިވަޅެއްގައެވެ. ޕާޓީގެ އެއްބަޔަކު އެދެނީ ގާންދީ ޢާއިލާއިން ޕާޓީގެ ކަންކަން ހިންގުމުގައި ދެމިތިބުމަށެވެ. އަދި އަނެއްބަޔަކު ބޭނުންވަނީ ހިންގުން އެހެން ފަރާތަކާ ޙަވާލުކުރުމަށެވެ. ޕާޓީގެ ގިނަ ޢަދަދެއްގެ އިސް މެންބަރުންވަނީ އެކަމަށް ގޮވާލާ، ސޯނިއާ ގާންދީއަށް ސިޓީތަކެއް ފޮނުއްވާފައެވެ.

އޮގަސްޓު މަހުގެ 24ވަނަ ދުވަހު ކޮންގްރެސް ވޯކިން ކޮމިޓީ (ސީޑަބްލިއުސީ)ގައި ސޯނިއާ ގާންދީވަނީ ޕާޓީއަށް އައު ރައީސެއް ހޮވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. ޕާޓިގެ އިސް މެންބަރުންތަކެއްގެ އެދުމުގެ މަތިން ދާޢިމީ ރައީސަކު ޕާޓީއަށް ޢައްޔަނުކުރުމާ ގުޅޭގޮތުން ބޭއްވި ސީޑަބްލިއުސީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސޯނިއާ ގާންދީ ވިދާޅުވީ މަޤާމުން ދުރުވެވަޑައިގަތުމަށް ހުށަހަޅުއްވާފައިވާ ސަބަބާ ގުޅޭ ތަފްޞީލް އޯލް އިންޑިޔާ ކޮންގުރެސް ކޮމިޓީ (އޭއައިސީސީ)އަށް ދެއްވާފައިވާނެކަމަށެވެ.

ސޯނިއާ ގާންދީއަށްފަހު ބައްދަލުވުމުގައި ވާހަކަދެއްކެވި އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންހްވަނީ މަޤާމުގައި ދެމިހުންނެވުމަށް ސޯނިއާ ގާންދީއަށް ބާރުއަޅުއްވާފައެވެ. އޭނާގެ އިތުރުން ކުރީގެ ދިފާޢީ ވަޒީރު އޭކޭ އެންތަނީވެސްވަނީ އެ މޭރުމުން ވާހަކަދައްކަވައިފައެވެ. ދެ ބޭފުޅުންވެސްވަނީ އައު ރައީސަކު އިޚްތިޔާރުކުރުމަށް ގޮވާލާ، ޕާޓީގެ އިސް ބައެއް މެންބަރުން ފޮނުވާފައިވާ ސިޓީތަކަށް ފާޑުވިދާޅުވެފައެވެ.

މީގެ ކުރިން ކޮންގްރެސް ޕާޓީއަށް ނިސްބަތްވާ ޤާނޫނުހަދާ މަޖިލީހުގެ ގިނަ މެންބަރުންވަނީ ސޯނިއާ ގާންދީއަށް ތާޢީދުކުރައްވާކަމަށް ވިދާޅުވެ، މަޤާމުގައި ދެމިހުންނަވަން ނުވަތަ ދަރިކަލުން ރާހުލް ގާންދީއާ މަޤާމު ޙަވާލުކުރެއްވުމަށް ގޮވާލައްވައިފައެވެ. ކޮންގްރެސް ޕާޓީއަށް އައު ވެރިން ހޮވުމަށް ގޮވާލަމުންދާ މެންބަރުންނަކީ ޕާޓީ ބަލިކަށިކުރުމަށް މަސައްކަތްކުރާ ބައެއްކަމަށް ގާންދީއަށް ތާޢީދުކުރައްވާ ބައެއް ފަރާތްތަކުންވަނީ ތުހުމަތުކޮށްފައެވެ.

ނަމަވެސް އައު ވެރިން ކަނޑައެޅުމަށް ބާރުއަޅަމުންދާ ޕާޓީގެ އިސް ފަރާތްތަކުން ބުނަނީ 2014 އަދި 2019ވަނަ އަހަރުގެ އިންތިޚާބު ޕާޓީއަށް ނާކާމިޔާބުވުމަށް ދިމާވި ސަބަބުތައް ތަހުޤީގުކޮށްފައި ނުވާކަމަށާއި ޕާޓީގެ ހިންގުން ބަލިކަށިވުމުގެ ސަބަބުން ޢާންމުން ނާއުންމީދުވެފައިވާކަމަށެވެ. އެހެންކަމުން ޕާޓީގެ ކަންކަމުގައި ޙަރަކާތްތެރިކަމާއެކު ދާއިމީ ގޮތަކަށް މަސައްކަތްކުރައްވާނެ ފަރާތަކާ ޕާޓީގެ ހިންގުން ޙަވާލުކުރުމަކީ ކޮންމެހެން މުހިންމުކަމެއްކަމަށް އެ ބޭފުޅުން ވިދާޅުއެވެ.