ހިޔާ މަޝްރޫއުގެ ހަތަރު ކެޓަގަރިއަކުން ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު މިއަދު އާއްމުކޮށްފިއެވެ.
ފްލެޓް ކޮމިޓީން މައްސަލަތައް ބެލުމަށް ފަހުގައި މިއަދު އާއްމުކޮށްފައި ވަނީ H4، ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓަގަރީ އާއި H5، ޓީޗަރުންނަށް ޚާއްސަ ކެޓަގަރީ އާއި H8 މާލޭ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީ އާއި H10، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ ކެޓަގަރީން ފްލެޓްތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓްތަކެވެ.
މިއަދު ލިސްޓްތައް އާއްމު ކުރި އިރު ހިޔާ ފްލެޓްތައް، މާލޭ ރަށްވެހީންނަށް ދިނުމަށް ކަނޑައެޅި ކެޓަގަޜީއަށް ވަނީ އަދަދު އިތުރުކޮށްފައެވެ. މިގޮތުން ކުރިން އެކެޓަގަރީން 1000 ފުލެޓް ދިނުމަށް ކަނޑައެޅި ނަމަވެސް، ފްލެޓް ކޮމިޓީން މައްސަލަތައް ބެލުމަށް ފަހުގައި، އެކެޓަގަރީން 1772 ފްލެޓް ދިނުމަށް ވަނީ ނިންމާފައެވެ. ފްލެޓްތަކުގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޓީ އާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ، މާލޭ ރަށްވެހިންގެ ކެޓަގަރީއަށް ފްލެޓް އިތުރުކޮށްފައި ވަނީ އެހެން ބައެއް ކެޓަގަރީތަކުން ކަނޑައަޅާފައިވާ އަދަދަށް ފުލެޓް ލިބޭމީހުން ނެތުމާއި ގުޅިގެން ކަމަށެވެ.
މިއަދު ފްލެޓް ލިސްޓް އާއްމުކޮށްފައިވާ ކެޓަގަރީތަކުގެ ތެރެއިން ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައި ވަނީ، H4، ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓަގަރީ 233 މީހުންނަށެވެ. އަދި H5، ޓީޗަރުންނަށް ޚާއްސަ ކެޓަގަރީން 523 މީހުންނަށް ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާއިރު، H8 މާލޭ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީ 1772 މީހުންނަށް ފްލެޓް ލިބޭނެއެވެ. އަދި H10، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ ކެޓަގަރީން ފްލެޓްތައް ލިބޭ ފަރާތްތަކަށް 1000 ފުލެޓް ކަނޑައަޅާފައިވާއިރު، އެކެޓަގަރީން 1000 މީހުން ފުލެޓުގެ ވަގުތީ ލިސްޓުގައި ހިމަނާފައެވެ.
"ހިޔާ" މަޝްރޫޢުގެ H8, H5, H4 އަދި H10 ކެޓަގަރީތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 24 އޮގަސްޓު 2020 އިން ފެށިގެން 14 ސެޕްޓެންބަރު 2020 ގެ 15:00 ނިޔަލަށް މިހާރުވަނީ ހުޅުވާލާފައެވެ. މިގޮތުން https://hcp.presidency.gov.mv/ މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމުން،، "ހިޔާ" މަޝްރޫޢުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި އެޝަކުވާތަކަށް ބަލާނެ ކަމުގައި ފްލެޓް ކޮމިޓީން ވިދާޅުވެއެވެ.