ޚަބަރު

ފެންބޮޑުވުމުގެ ކުއްލި ހާދިޘާއެއްގައި ތުރުކީވިލާތުގައި ފަސް މީހުން މަރުވެއްޖެ


ތުރުކީވިލާތުގައި ހިންގި ފެންބޮޑުވުމުގެ ކުއްލި ހާދިޘާއެއްގައި ފަސް މީހުން މަރުވެ، ގިނަ ޢަދަދެއްގެ މީހުން ގެއްލިއްޖެއެވެ.

އާދަޔާ ޚިލާފަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ތުރުކީގެ އުތުރުގެ ސަރަޙައްދެއްކަމަށްވާ ބްލެކް ސީގައި ފެންބޮޑުވެ ގިނަ ޢަދަދެއްގެ ކުނިބުންޏާއި އުޅަނދުފަހަރުވަނީ ޗަކައާ އެކުވެ މަގުތަކަށް ޖަމާވެފައެވެ. އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތުގައި ޢާންމުންނާއި އެހެން ފަރާތްތަކުން ޙަރަކާތްތެރިވަމުންދާ މަންޒަރުވަނީ ފެނިފައެވެ.

ތުރުކީވިލާތިގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވީ އެ ހާދިޘާގައި ފަސް މީހުން މަރުވެފައިވާކަމަށެވެ. އޭގެ އިތުރުން ވީ ނުވީއެއް ނޭނގި 11 މީހުން ގެއްލިފައިވާކަމަށާއި 12 މީހުން ޒަޚަމްވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ފެން ބޮޑުވުމުގެ އަސަރު ވަށައިގެންވާ ޕުރޮވިންސުތަކަށްވެސް ކުރަމުންދާކަމަށް ފާހަގަކުރައްވާ ހާދިޘާގެ ސަބަބުން ލިބިފައިވާ ގެއްލުމުން ވަރަށް އަވަހަށް އަރައިގަނެވޭނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް އުރުދުޣާން ވިދާޅުވިއެވެ.

ތުރުކީވިލާރުގެ ދާޚިލީ ވަޒީރު ސުލައިމާން ސޮއިލު ވިދާޅުވީ ބުލެކު ސީ ސަރަޙައްދުގައި އޮންނަ ގިރެސުން ސިޓީގެ ޙާލަތު ވަރަށް ގޯސްކަމަށެވެ. އެ ސިޓީއަށް ވަދެވޭ މައި މަގުތައް ބަންދުވެފައިވާކަމަށެވެ. އެ ސަރަޙައްދުން މިހާތަނަށް 153 މީހުން ސަލާމަތްކޮށްފައިވާކަމަށާއި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި 1،000އަށްވުރެ ގިނަ މީހުން ޙަރަކާތްތެރިވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ހާދިޘާގެ ސަބަބުން މާއްދީ ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށާއި 17 އިމާރާތް ވެއްޓި 361 އިމާރާތަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ކަރަންޓު ކެނޑިފައިވާ ބައެއް ސަރަޙައްދުތަކަށް މިހާރު ކަރަންޓު ފޯރުކޮށްދީފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތުރުކީވިލާތުގެ ގިރެސުންއަށް މަސްދުވަހުގެ ތެރޭގައި އާންމުކޮށް ވަރޭވެހޭ މިންވަރަށްވުރެ 1.5 ގުނަ އިތުރަށް މި އޮގަސްޓު މަހުގެ ތެރޭގައިވަނީ ވާރޭ ވެހިފައެވެ.