ޚަބަރު

ދެކުނު ކޮރެޔާގެ އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރުކޮށްފި


ދެކުނު ކޮރެޔާގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވާތީ އާންމު ތަންތަނުގައި މާސްކު ބޭނުންކުރުމަށް މަޖުބޫރުކޮށްފިއެވެ.

މިހާތަނަށް 17،665 މީހުންނަށް ކޯވިޑް-19 ޖެހި 309 މީހުންވަނީ ދެކުނު ކޮރެޔާގައި މަރުވެފައެވެ. ދެކުނު ކޮރެޔާގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު ސަތޭކައިން މަތީގައި އުޅޭތާ ހަފުތާއަކަށްވުރެ ގިނަދުވަސްވަނީވެފައެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 266 މީހުންނަށްވަނީ ބަލިޖެހިފައެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ދެކުނު ކޮރެޔާއިންވަނީ ޢާންމު ދަތުރުފަތުރުގެ ނިޒާމާއި ޓެކްސީ ބޭނުންކުރުމުގައި މާސްކު ބޭނުންކުރަން ޖެހޭނެކަމަށް ނިންމާފައެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި ބަލިޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ އިޖުތިމާޢީ ގައިދުރުކަމުގެ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާންޖެހޭކަމުގެ ކަންބޮޑުވުންވަނީ އިތުރުވެފައެވެ.

އަލަށް އެޅި ފިޔަވަޅުތަކުގެ ދަށުން ޢާންމުން އެއްވެ އުޅޭ ހުރިހާ ތަނެއްގައިވެސް މާސްކު ބޭނުންކުރަންޖެހޭނެއެވެ. ވެރިކަންކުރާ ސޯލުގައި އަޅާފައިވާ އިޖުތިމާޢީ ގައިދިރުކަމުގެ ފިޔަވަޅުތައްވަނީ އެ ޤައުމުގެ އެހެން ސަރަޙައްދުތަކުގައިވެސް ޤާއިމްކޮށްފައެވެ. އެއާއެކު ދީނީ ބައްދަލުވުންތަކާއި ބުފޭތަކާއި ސައިބަރ ކެފޭތައް ބަންދުވާނެއެވެ.

ދެކުނު ކޮރެޔާގެ ޞިއްޙީ އިދާރާތަކުން ބުނީ އެ ޤައުމުގެ 17 ސަރަޙައްދުގައިވެސް ބަލިފެތުރޭ މިންވަރު އިތުރުވެފައިވާކަމަށާއި މުޅި ޤައުމަށް ބަލިމަޑުކަން ފެތުރެމުންދާކަމަށެވެ. މިހާރު ތަންފީޒުކޮށްފައިވާ އިޖުތިމާޢީ ގައިދުރުކަމުގެ ދެވަނަ ދަރަޖަ، ތިންވަނަ ދަރަޖައަށް މަތިކުރުމަށް ވިސްނަމުންދާކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ ބުނެފައެވެ. އެގޮތަށް ޢަމަލުކޮށްފިނަމަ މަދަރުސާތަކާއި ވިޔަފާރިތައް ބަންދުކުރާނެއެވެ.