ޚަބަރު

12 އަހަރުން މަތީގެ ކުދިން މާސްކު އެޅުމަށް ޑަބްލިއުއެޗުއޯއިން އިރުޝާދު ދީފި


އުމުރުން 12 އަހަރުން މަތީގެ ކުޑަކުދިން މާސްކު އަޅަންޖެހޭނެކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނެފިއެވެ.

ޑަބްލިއުއެޗުއޯއިން ބުނީ ބޮޑެތި މީހުންނެކޭ އެއްގޮތަށް ފުރާވަރުގެ ކުދިންނަށް ކޯވިޑް-19 ޖެހުމުން އެހެން މީހުންނަށް ބަލިޖެހުމުގެ ފުރުޞަތު ބޮޑުކަމުގެ ހެކި ލިބިފައިވާކަމަށެވެ. ޑަބްލިއުއެޗުއޯއިން އިރުޝާދު ދީފައިވަނީ އުމުރުން 12 އަހަރުން ދަށުގެ ކުޑަކުދިންވެސް އެހެން މީހުންނާ ދެމެދު 1 މީޓަރުގެ ދުރުމިނެއް ނުބެހެއްޓޭނަމަ މާސްކު އެޅުމަށެވެ. އުމުރުން 6 އަހަރާއި 11 އަހަރާ ދެމެދުގެ ކުޑަކުދިން މާސްކު އެޅުވުމުގައި މުޖުތަމަޢުގައި ބަލިފެތުރިފައިވާ މިންވަރަށް ރިޢާތްކުރުމަށްވަނީ ނަސޭހަތްތެރިވެފައެވެ. އަދި ބަލިޖެހުމުގެ ފުރުޞަތު ބޮޑު މީހުންނާ އެކުދިންނާ ބައްދަލުވާ މިންވަރަށް ބެލުމަށްވެސްވަނީ އިރުޝާދުދީފައެވެ. ފަސް އަހަރުން ދަށުގެ ކުޑަކުދިން މާސްކު އަޅަން ނުޖެހޭނެކަމަށް އެ ޖަމުޢިއްޔާއިންވަނީ ބުނެފައެވެ.

މިހާތަނަށް 23 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19ޖެހި 800،000 މީހުންވަނީ އެ ބަލީގައި މަރުވެފައިވާކަމަށް ރަސްމީ ޢަދަދުތަކުން ދައްކައެވެ. ނަމަވެސް ބަލިޖެހިފައިވާ މީހުންނާއި މަރުވާ މީހުންގެ ހަޤީޤީ ޢަދަދުތައް އެއަށްވުރެ އިތުރުވާނެކަމަށް ޞިއްޙީ ޚިދުމަތްތެރިން ޤަބޫލުކުރެއެވެ. ބައެއް ސަރަޙައްދުތަކުގައި ތަހުލީލުކުރާ މިންވަރު ދަށްވުމުގެ ސަބަބުންނާއި މީހުންގެ ކިބައިން ބަލީގެ ޢަލާމާތްތައް ނުފެނުމުގެ ސަބަބުން އަސްލު ޢަދަދުތަކަށްވުރެ ރަސްމީ ޢަދަދުތައް ދަށްވުން ގާތްކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ޑަބްލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިއޭސުސް ވަނީ ކުރިއަށްއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ބަލިން އަރައިގަނެވޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ފުންނާބުއުސް ސައިންސުވެރިއަކު ވިދާޅުވީ ކޯވިޑް-19ގެ ނުރައްކާ ދުވަހަކުވެސް ފޮހެވިގެން ނުދިޔުމުގެ ބިރު އޮތްކަމަށެވެ. އަދި ބަލި ފެތުރޭ މިންވަރު މަދުކުރުމަށް ޢާންމުންނަށް ޤާވާއިދުން ވެކްސިން ދޭންޖެހުމަކީ އެކަށީގެންވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.