ޚަބަރު

ކެލިފޯނިއާގައި ރޯވެފައިވާ 24އަށްވުރެ ގިނަ އަލިފާންގަނޑު އަދިވެސް ނިއްވާނުލެވޭ


މިދިޔަ ހަފުތާއިން ފެށިގެން ހިނގަމުންދާ ހޮނު އެޅުމުގެ ހާދިޘާތަކުގެ ސަބަބުން އެމެރިކާގެ ކެލިފޯނިއާގައި ރޯވެފައިވާ 24އަށްވުރެ ގިނަ ބިޔަ އަލިފާންގަނޑު އަދިވެސް ނިއްވާނުލެވި އަނދަމުން އެބަދެއެވެ.

ކެލިފޯނިއާ ޑިޕާޓްމަންޓް އޮފް ފޮރެސްޓްރީ އެންޑް ފަޔަރ ޕްރޮޓެކްޝަން، ކެލްފަޔަރއިން ބުނީ ހޫނުގަދަވުމުގެ ސަބަބުންނާއި ހޮނުއެޅުމުގެ ހާދިޘާތައް އަދިވެސް ހުއްޓިފައިނުވާތީ އަލިފާންގަނޑު ނިއްވުމުގައި ބޮޑެތި ހުރަސްތަކަކާ ކުރިމަތިވަމުންދާކަމަށެވެ. އޮގަސްޓު މަހުގެ 21ވަނަ ދުވަހުވެސް 100އަށްވުރެ ގިނަ ހޮނުއަޅާފައިވާކަމަށް އެ އިދާރާއިން ބުންޏެވެ.
އަލިފާނުގެ ހާދިޘާތަކުގައި މިހާތަނަށް 6 މީހުން މަރުވެ 700އަށްވުރެ ގިނަ އިމާރާތްވަނީ އަނދާފައެވެ. އަލިފާން ނިއްވުމުގައި ޙަރަކާތްތެރިވި 43 މީހަކަށާއި ޢާންމުންގެ މީހުންވެސްވަނީ ޒަޚަމްވެފައެވެ.

ގާތްގަނޑަކަށް 560 އަލިފާންގަނޑު ނިއްވުމުގައި ކަމާބެހޭ ފަރާތްތަކުން ޙަރަކާތްތެރިވަމުންދާކަމަށް ކެލިފޯނިއާގެ ގަވަރުނަރު ގާވިން ނިއުސަމްވަނީ ވިދާޅުވެފައެވެ. ގިނަ ސަރަޙައްދުތަކެއްގައި ދިރިއުޅޭ 175،000އަށްވުރެ ގިނަ މީހުން ދެގޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދިއުމަށްވަނީ އަންގާފައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި ގާތްގަނޑަކަށް އެއް މިލިއަން (އެކްރާ)ގެ ސަރަޙައްދެއް އަންދާފައިވާކަމަށް އެ އިދާރާއިން ބުނެއެވެ. ސެން ފްރެންސިސްކޯ ބޭ އޭރިއާއާއި ސެންޓާ ކުރުޒްގައި ހުންނަ ޔުނިވާސިޓީ އޮފް ކެލިފޯނިއާ ކައިރީގައި އޮންނަ ގަސް ބޯ ސަރަޙައްދާއި ސެން ފްރެންސިސްކޯއާއި ވެރިކަންކުރާ ސިޓީ ސަކްރަމެންޓޯއާ ދެމެދު އޮންނަ ބޮޑު ސަރަޙައްދެއްވަނީ އަލިފާނުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައެވެ.

އޮގަސްޓު މަހުގެ 22ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުވަނީ ކާރިޘާގެ ޙާލަތު ކެލިފޯނިއާގައި އިޢުލާނުކުރައްވާފައެވެ. އެއާއެކު މައި ސަރުކާރުގެ މާލީ އެހީތެރިކަން އަލިފާނުގައި ގެއްލުން ލިބިފައިވާ މީހުންނަށާއި ވިޔަފާރިތަކަށް ފޯޜުކޮށްދީ ވަގުތީ ހިޔާވަހިކަމާއި ގޭގޭގެ މަރާމާތާއި އެހެނިހެން ބޭނުންތަކަށް ޚަރަދުކުރުމުގެ ޙުއްދަވަނީ ލިބިފައެވެ. ޓްރަންޕް އެގޮތަށް ނިންމަވާފައިވަނީ ކެލިފޯނިއާއަށް އެހީތެރިކަން ފޯރުނުކޮށްދެއްވާނެކަމުގެ އިންޒާރު މި ހަފުތާގެ ކުރީކޮޅު ދެއްވުމަށް ފަހުގައެވެ.

އަލިފާން ނިއްވުމަށް 14،000އަށްވުރެ ގިނަ ފަޔާފައިޓަރުން އެ ސަރަޙައްދުގައިދަނީ ޙަރަކާތްތެރިވަމުންނެވެ. ނަމަވެސް އެންމެ ބޮޑެތި އަލިފާންގަނޑު ނިއްވުމުގައި ގިނަ ހުރަސްތަކާ ކުރިމަތިވެ އިތުރު އެހީތެރިކަން ބޭނުންވާކަމަށް ބުނެ އެހެން ސްޓޭޓުތަކާއި ސަރަޙައްދުތަކުގެ އެހީތެރިކަމަށް ކެލިފޯނިއާއިންވަނީ އެދިފައެވެ. ވިދުމާއި ހޮނުއެޅުން ހަފުތާ ބަންދުގެ ތެރޭގައި އިތުރުވާނެކަމަށް ބެލެވޭކަމަށް ކެލްފަޔާއިންވަނީ ބުނެފައެވެ. އެހެންކަމުން އިތުރު ހުޅުގަނޑު ރޯވުމުގެ ނުރައްކާ އޮތްކަމަށް އެ އިދާރާއިން ބުންޏެވެ