ފަރަންސޭސިވިލާތުގައި ކޯވިޑް-19 އެންމެ ގިނައިން ޖެހެނީ އުމުރުން 40 އަހަރުން ދަށުގެ މީހުންނަށްކަމަށް އެ ޤައުމުން ބުނެފިއެވެ.
ފަރަންސޭސިވިލާތުގެ ޞިއްޙަތާބެހޭ ވަޒީރު އޮލިވިއަރ ވެރަން ވިދާޅުވީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށްވުރެ 40 އަހަރުން ދަށުގެ މީހުންނަށް ކޯވިޑް-19ޖެހޭ މިންވަރު އެ ޤައުމުގައި އިތުރުކަމަށެވެ. 40 އަހަރުން ދަށުގެ މީހުންގެ މެދުގައި ބަލި ފެތުރުން އިތުރުވުމުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށް ބަލީގެ ނުރައްކާ ބޮޑެވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ފަރަންސޭސިވިލާތުގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާ ސަބަބަކީ ހަމައެކަނި ތަހުލީލުކުރާ މިންވަރު އިތުރުވުމުން ނޫންކަމަށާއި ޤައުމުގެ ޙާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް އެ ޤައުމުގެ ރައީސް އެމަނުއަލް މެޚްރޮންއެކޭ އެއްގޮތަށް ބަލި ފެތުރުން ހުއްޓުވުމަށް ދެވަނަ ފަހަރަށް ޤައުމު ފުރަބަންދުކުރަން ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ހަމައެކަނި ފަރަންސޭސިވިލާތުގެ ވިސްނުމެއް ނޫންކަމަށާއި ވިލާތުގެ ޤައުމުތަކުގެ ޚިޔާލަކީވެސް އެއީކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބަލި ބޮޑަށް ފެތުރޭ ސަރަޙައްދުތަކުގައި އެފަދަ ފިޔަވަޅުތައް ވަކިވަކިން އެޅިދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ފަރަންސޭސިވިލާތުގައި މިހާތަނަށް 238،000 މީހުންނަށް ކޯވިޑް-19 ޖެހި 30،500 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިޖެހިފައިވާ 3.602 މީހުންވަނީ ދެނެގަނެފައެވެ. ވެރަން ވިދާޅުވީ އުމުރުން 2 އަހަރާއި 40 އަހަރާ މެދުމުގެ މީހުންގެ ޒަރިއްޔާއިން އުމުރުން ދުވަސްވީ މީހުންނަށް ބަލިޖެހެމުންދާކަމަށެވެ. އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތަކަށް ޢާންމުން ބޯލަންބަމުން ނުދާކަމަށާއި ބަލި ފެތުރުން އިތުރުވެފައިވާ މައިގަނޑު ސަބަބަކީ އެއީކަމަށް ވެރަން ވިދާޅުވިއެވެ. އަދި ބަލިފެތުރޭ މިންވަރު ދަށަށް ގެންދިއުމަށް އައު ފިޔަވަޅުތަކެއް ވަރަށް އަވަހަށް އަޅުއްވާނެކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭގެ ތަފްޞީލެއް ދެއްވާފައެއް ނުވެއެވެ.