ޚަބަރު

ކޯވިޑް-19ގައި މަރުވި މީހުންގެ ޢަދަދު 8 ލައްކައަށްވުރެ މައްޗަށް


ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ ޢަދަދު 800،000އަށް އިތުރުވެއްޖެއެވެ.

ފާއިތުވި ދެ ހަފުތާގެ ޢަދަދުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި ކޯވިޑް-19ގެ ސަބަބުން ޖުމްލަކޮށް 5،900 މީހުންދަނީ މަރުވަމުންނެވެ. އެއީ ކޮންމެ ގަޑިއިރެއްގެ ތެރޭގައި 246 މަރެވެ. އަދި ކޮންމެ 15 ސިކުންތަކު އެއް މަރެވެ. ބަލީގައި މީހުން މަރުވާ މިންވަރުވަނީ އެއް މިނެއްގައި ހިފެހެއްޓިފައެވެ. މަރުވި މީހުންގެ ޢަދަދު 700،000ން 800،000އަށް އިތުރުވާން ނެގީ 17 ދުވަހެވެ. މީގެ ކުރިން 600،000 މަރުން 700،000އަށް އިތުރުވުމަށްވެސް ނެގީ ހަމަ އެ މުއްދަތެވެ.

180،000މަރާއެކު މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އެމެރިކާގައެވެ. މިދިޔަ ޖުލައި މަހާ އަޅާބަލާއިރު އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައިވީނަމަވެސް އަދިވެސް ބަލިޖެހިފައިވާ 360.000އަށްވުރެ ގިނަ މީހުންދަނީ ދުވާލެއްގެ މައްޗަށް ފެންނަމުންނެވެ. އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގައި ބަލިޖެހޭ މީހުންގެ ޢަދަދު 20 އިންސައްތައިން އިތުރުވެފައިވާ ނަމަވެސް ގިނަ ޢަދަދެއްގެ މަދަރުސާތަކާއި ޔުނިވަސިޓީތައްވަނީ ހުޅުވައިފައެވެ. މަދަރުސާތައް އަލުން ހުޅުވުމަށްފަހު ބަލި ފެތުރޭ މިންވަރު އިތުރުވާތީ ބައެއް މަދަރުސާތައްވަނީ އަލުން އިންޓަނެޓު މެދުވެރިކޮށް ކިޔަވާދިނުމަށް ބަދަލުކޮށްފައެވެ.

ދެވަނައަށް އެންމެ ހަލުވިކޮށް ބަލިފެތުރޭ ބުރެޒިލުގައި މިހާތަނަށް 114،000 މީހުންވަނީ މަރުވެފައެވެ. 3.5 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާ ބުރެޒިލުގައި ބަލި ފެތުރޭ މިންވަރު އަދިވެސްދަނީ އެއްދުވަހަށްވުރެ އަނެއް ދުވަހު އިތުރުވަމުންނެވެ. ނަމަވެސް އެ ޤައުމުގެ ގިނަ ސަރަޙައްދުތަކުގައި ފިހާރަތަކާއި ރެސްޓޯރަންޓުތައްފަދަ ތަންތަންދަނީ އަލުން ހުޅުވަމުންނެވެ.

ކޯވިޑް-19 ޖެހިގެން ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގައި މަރުވި މީހުންގެ ޢަދަދުވަނީ 50،000އަށްވުރެ އިތުރުވެފައެވެ. އެ ޢަދަދަށް މީހުން މަރުވުމަށް އެ ޤައުމުގައި ނެގީ ފަސް މަސް ދުވަހެވެ. އެންމެ ހަލުވިކޮށް ބަލިފެތުރޭ އެމެރިކާއާއި ބުރެޒިލަށްފަހު 2 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާ ޤައުމުގެ ގޮތުގައި އޮތީ އިންޑިޔާއެވެ. ނަމަވެސް އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދާ އަޅާބަލާއިރު ބަލީގެ ސަބަބުން މަރުވަނީ ބަލިޖެހޭ މީހުންވެ 1.9 އިންސައްތަ މީހުންނެވެ. ދުނިޔޭގެ އެހެން ގިނަ ސަރަޙައްދުތަކުގައި އެ ނިސްބަތް ހުރީ 3.5 އިންސައްތައިގައެވެ. ބައެއް ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި އިންޑިޔާގައި މަރުވާ މީހުންގެ ނިސްބަތް އެހެން ޤައުމުތަކަށްވުރެ ދަށް ނަމަވެސް ބަލީގައި މަރުވެފައިވާ މީހުންގެ ހަޤީޤީ ޢަދަދުތައް އެއަށްވުރެ އިތުރުވާނެއެވެ.

އެމެރިކާއާއި ބްރެޒިލުގައި ބަލި ފެތުރުން ހުއްޓުވުމަށް ހަރުދަނާ ރޭވުންތަކެއް އަދިވެސް ރޭވިފައި ނުވާކަމުގެ ކަންބޮޑުވުން ޞިއްޙީ މާހިރުންވަނީ ފައުޅުކޮށްފައެވެ. ބަލި ފެތުރުން ހުއްޓުވުމަށް ހަރުދަނާ ސިޔާސަތުތައް އެކުލަވާލުމުގެ ބަދަލުގައި އެ ޤައުމުތަކުގެ ސަރުކާރުތަކުން އިސްކަން ބޮޑަށްދެނީ މަދަރުސާތަކާއި ވިޔަފާރިތައް އަލުން ހުޅުވުމަށްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.