ކުޅިވަރު

އައްޑޫ ސިޓީ ފޭދޫ ފަތާ ޓްރެކްގެ މަސައްކަތް ނިންމާލައިފި


ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަމުންދާ ފަތާ ޓްރެކް ތަކުގެ ތެރެއިން އައްޑޫ ސިޓީ ފޭދޫގައި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ތަރައްޤީކުރި ފަތާ ޓްރެކް ނިންމާ ބޭނުން ކުރަން ފަށައިފިއެވެ.

ފޭދޫގައި ފަތާ ޓްރެކެއް އެޅުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖޫން މަހު ޔޫތް މިިނިސްޓްރީން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ސްވިމިންގ އެސޯސިއޭޝަނާއެވެ. މި މަސައްކަތަށް ދަޢުލަތުގެ ބަޖެޓުން ހަތްލައްކަ ފަސްދޮޅަސް ތިންހާސް ހަތްސަތޭކަ ރުފިިޔާ ވަނީ ހަރަދުކޮށްފައެވެ.

ފޭދޫގައި އެޅި ފަތާ ޓްރެކް ނިމުނުކަން އިޢުލާންކުރަމުން ޔޫތް މިނިސްޓަރ އަޙުމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޯވިޑް-19 އާ ގުޅިގެން ފޭދޫ ފަތާ ޓްރެކްގެ މަސައްކަތަށް ދިމާވި ހުރަސްތަކަށްފަހު މިހާރު ޓްރެކްގެ މަސައްކަތް އެއްކޮށް ނިންމާލެވުނީތީ އުފާކުރާ ކަމަށެވެ. އަދި މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ސްވިމިންގ އެސޯސިއޭޝަނާއި، ފުލުހުންނާއި، ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ނިހާދުގެ އިތުރުން ފޭދޫގެ ޒުވާނުން މިކަން ކުރުމަށް ދިން އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށް މަޙްލޫފް ވިދާޅުވިއެވެ.

ޓްވީޓްގައި މަޙްލޫފް އިތުރަށް ވަނީ، ފަތާ ޓްރެކްގެ މަސައްކަތް ލަސްވީތީ އެކަމަށް މަޢާފަށް އެދިފައެވެ. އަދި ކުރިޔަށް ދެން އޮތީ ދަނޑުގެ މަސައްކަތް ކަމަށް މަޙްލޫފް ވިދާޅުވިއެވެ.

ޔޫތް މިނިސްޓްރީގެ ފަރާތުން ދަނީ މިހާރުވެސް ރާއްޖޭގެ އަތޮޅުތަކުގެ އެކި ރަށްރަށުގައި ފަތާ ޓްރެކް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބައެއް ރަށްތަކުގެ ފަތާ ޓްރެކްތަކުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. އެގޮތުން ހދ. ކުޅުދުއްފުށްޓާއި، ހއ. ދިއްދޫއާއި އައްޑޫ ސިޓީ މީދޫގެ ފަތާ ޓްރެކްގެ މަސައްކަތް ވަނީ ނިންމާލާފައެވެ.