ޚަބަރު

މާލީއާއެކު އޮތް އަސްކަރީ ގުޅުން އެމެރިކާއިން ކަނޑާލައިފި


މާލީގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް އެ ޤައުމުގެ ރައީސް އިބްރާހިމް ބޫބަކުރު ކެއިތާ އިސްތިޢުފާ ދެއްވުމަށް މަޖުބޫރުކުރުމުން އެމެރިކާއާއި އެ ޤައުމާ ދެމެދު އޮތް އަސްކަރީ ގުޅުން ކަނޑާލައިފައިވާކަމަށް އެމެރިކާއިން ބުނެފިއެވެ.

އޮގަސްޓު މަހުގެ 10ވަނަ ދުވަހު މާލީގައި ބަޣާވާތްކޮށް ރައީސް އިސްތިޢުފާދެއްވުމުން އެތައް ހާސް ބަޔަކުދަނީ އެ ޤައުމުގެ މަގުތަކަށް ނުކުމެ އުފާ ފައުޅުކުރަމުންނެވެ. ސަރުކާރު ވައްޓާލުމުން މާލީގެ ބައިންއަޤްވާމީ ބައިވެރިންވަނީ ހުޅަނގު އެފްރިކާގެ ސާހިލް ސަރަޙައްދަށް ބޮޑެތި އަސަރުތައްކޮށް ހަމަނުޖެހުން އިތުރުވެދާނެކަމުގެ ކަންބޮޑުވުން ފައުޅުކޮށްފައެވެ.

އެމެރިކާއަކީ މާލީގެ ދިފާޢީ ބާރުތަކަށް ގިނަ ތަމްރީނުތަކެއް ދެމުންދިޔަ ޤައުމެކެވެ. އެމެރިކާއިން ތަމްރީން ދީފައިވާ ބައެއް ސިފައިން ބަޣާވާތްކުރުމުގައިވަނީ ބައިވެރިފައެވެ. އަލްޤައިދާއާއި އައިއެސްއާ ދެކޮޅަށް ސާޙިލް ސަރަޙައްދުގައި ފަރަންސޭސިވިލާތުން އިސްވެ ޙަރަކާތްތެރިވާ ބަޚުކަން ފައުޖަށްވެސް އެމެރިކާއިން ދިޔައީ ޖާސޫސީ މަޢުލޫމާތު ޙިއްޞާކުރަމުންނެވެ.

ސާޙިލްއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ޖޭ ޕީޓާރ ފަމް ވިދާޅުވީ މަލީގެ އަސްކަރިއްޔާއަށް އެމެރިކާގެ ފަރާތުން އެއްވެސް ތަމްރީނެއް އަދި އެއްބާރުލުމެއް ނުދިނުމަށް ނިންމާފައިވާކަމަށެވެ. ޙާލަތު ރަނގަޅަށް ދިރާސާކޮށް ގޮތެއް ނިންމަންދެން އެ ނިންމުން ދެމި އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އޮގަސްޓު މަހުގެ 10ވަނަ ދުވަހު މާލީގައި ހިންގި ހާދިޘާއަކީ ބަޣާވާތެއްގެ ގޮތުގައި އެމެރިކާއިން ނިންމައިފިނަމަ މާލީގެ ސަރުކާރަށް ދެމުންދިޔަ ސީދާ އެހީތެރިކަން ހުއްޓޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެކަން ނިންމުމަށް ޤާނޫނީ ތަހުޤީޤެއް ކުރަންޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބަޣާވާތްކުރި ފަރާތްތަކުން ބުނީ ނުކުޅެދޭ ސަރުކާރެއްގެ ސަބުބުން ޤައުމު ހަލާކުގެ ތެރެއަށް ވެއްޓުމުން ދިޔަކަމަށާއި އެކަން ޙައްލުކުރުމަށް އަމިއްލައަށް މަސައްކަތްކުރަންޖެހުނީ އެހެންވެ ކަމަށެވެ. ޤައުމުގައި އިންތިޚާބެއް ބާއްވާނެކަމަށް އެމީހުންވަނީ ބުނެފައެވެ. އަސްކަރިއްޔާއަށް ތާއީދުކޮށް އެ ޤައުމުގައި އަމާންކަމާއެކު ކުރިއަށް ގެންދާ އެއްވުންތަކުގެ ބައިވެރިންދަނީ އުފާ ފައުޅުކުރަމުންނެވެ. ނުބައި ވެރިންތަކެއްގެ އަތްދަށުން ޤައުމު ސަލާމަތްވެފައިވާކަމަށް އެމީހުންދަނީ ބުނަމުންނެވެ