ޚަބަރު

ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވާތީ ލުބުނާނުގައި އިތުރު ފިޔަވަޅުތައް އަޅައިފި


ލުބުނާނުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުންދާތީ ލުއި ފުރަބަންދަކާއި ކަރފިއުއެއް ހިންގައިފިއެވެ.

މި މަހުގެ ކުރީކޮޅު އެ ޤައުމުގެ ބައިރޫތުގައި ހިންގި ބޮޑު ގޮވުންތަކުގެ ސަބަބުން ލުބުނާނުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެ ހަސްފަތާލުތަކަށްވަނީ ބާރު ބޮޑުވެފައެވެ. އެފަދަ ދަނޑިވަޅެއްގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާތީ ދާޙިޅީ ވުޒާރާއިންވަނީ އޮގަސްޓު މަހުގެ 21ވަނަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ. ނަމަވެސް ބޮޑު ގޮވުންތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ބައިރޫތު ސާފުކުރުމަށް ކުރާ މަސައްކަތްތައް މެދުކަނޑައެއް ނުލާނެއެވެ.

ރައްކާތެރިކަމުގެ އައު ފިޔަވަޅުތަކުގެ ދަށުން މާރުކޭޓުތަކާއި ވިޔަފާރި މަރުކަޒުތަކާއި ޖިމްތަކާއި ޕޫލްތަކާއި ބައެއް އަމިއްލަ ވިޔަފާރިތައް ބަންދުވާނެއެވެ. ރެސްޓޯރަންޓުތަކުން ދެވޭނީ ޑެލިވަރީގެ ޚިދުމަތް އެކަނިކަމަށާއި އެ ތަންތަން ހުޅުވާ ގަޑިތަކަށްވެސް ވަނީ ބަދަލުގެނަސްފައެވެ. އޭގެ އިތުރުން އިޖުތިމާޢީ އެއްވުންތައްވެސްވަނީ މަނާކޮށްފައެވެ. އަދި އިރުއޮއްސި 6އަކާ ހެނދުނު 6އަކާ ދެމެދު ބޭރަށް ނުކުމެ އުޅުން މަނާވާނެއެވެ. ވައިގެ ބަނދަރު ބަންދުކުރުމަށް ނިންމާފައިނުވާނަމަވެސް ބޯޓަށް އެރުމުގެ ކުރިން ޕީސީއާރު ތަހުލީލު ކުރާނެއެވެ.

ލުބުނާނުގައި މިހާތަނަށް 10.952 މީހުންނަށް ބަލިޖެހި 113 މީހުންވަނީ މަރުވެފައެވެ. މީގެ ހަފުތާތަކެއް ކުރިން ދުވާލެއްގެ މައްޗަށް ބަލިޖެހެމުން ދިޔައީ 20އަކަށް މީހުންނަށެވެ. ނަމަވެސް އެ ޢަދަދު މިހާރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 605 މީހުންނަށް ބަލިޖެހި 4 މީހުންވަނީ މަރުވެފައެވެ.