ޚަބަރު

ބެއިޖިންގުގައި މާސްކު އެޅުމުގެ ޤަވާއިދުތައް އަނެއްކާވެސް ލުއިކޮށްފި


ޗައިނާގެ ވެރިކަންކުރާ ބެއިޖިންގ ސިޓީގައި ކޯވިޑް-19 ފެތުރޭ މިންވަރު ދަށަށް ގޮސްފައިވާތީ ބޭރުތެރެއަށް ނުކުތުމުގައި މާސްކު ބޭނުންކުރުމަށް މަޖުބޫރުކުރާ ޤަވާއިދަށް ލުއި ދީފިއެވެ. ފާއިތުވި 13 ދުވަހުގެ ތެރޭގައި ކޯވިޑް-19 ޖެހިފައިވާ އެއްވެސް މީހަކު ބެއިޖިންގުން ފެނިފައެއް ނުވެއެވެ.

މާސްކު ބޭނުންކުރުމަށް ހަދާފައިވާ ޤަވާއިދުތަކަށް ލުއި ދިން ނަމަވެސް ގިނަ ޢަދަދެއްގެ މީހުން އަދިވެސްދަނީ މާސްކު ބޭނުންކުރަމުންނެވެ. ބައެއް މީހުން ބުނާގޮތުގައި މާސްކު އެޅުމުން ނޫނީ ރައްކާތެރިކަމުގެ އިޙުސާސެއް ނުކުރެވެއެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ޤަވާއިދެއްގެ ދަށުން މާސްކު ބޭނުންކުރުމަށް ލާޒިމު ނުވިނަމަވެސް މާސްކު ނާޅައި ބޭރުތެރޭގައި އުޅޭނަމަ އެމީހަކާމެދު އެހެން މީހުން ދެކޭގޮތް ތަފާތުވާނެއެވެ. އެހެންކަމުން މާސްކު ނޭޅުމަކީ އެހެން މީހުން ބަލައިގަންނަ ކަމެއްކަން ފުރަތަމަ ޔަޤީންކުރަންޖެހެއެވެ.

މިއީ ބެއިޖިންގު ސިޓީގައި މާސްކު ބޭނުންކުރުމަށް ޤަވާއިދު ހެދުމަށްފަހު ލުއި ދިން ދެވަނަ ފަހަރެވެ. ބަލި އެންމެ ފުރަތަމަ ފެތުރެން ފެށުމުން މާސްކު އެޅުމަށް ބެއިޖިންގުގައި މަޖުބޫރުކުރުމަށްފަހު އޭޕްރިލް މަހުގެ ފަހުކޮޅުގައި އެ ޤަވާއިދުތަކަށްވަނީ ލުއި ދީފައެވެ. ނަމަވެސް ޖޫން މަހުގައި ބަލި ޖެހިފައިވާ ގިނަ ޢަދަދެއްގެ މީހުން ގަނޑުކޮށް މުދާ ވިއްކާ މާރުކޭޓަކުން ފެނުމުން އެ ޤަވާއިދުވަނީ އަލުން ރުޖޫޢަކޮށްފައެވެ.

ބެއިޖިންގ ފުރަބަންދުކޮށް އެޅި އަވަސް ފިޔަވަޅުތަކުގެ ސަބަބުން ބަލިފެތުރުންވަނީ އަނެއްކާވެސް މަޑުޖެހިފައެވެ.