ޚަބަރު

1869ވަނަ އަހަރަށްފަހު ސްވިޑަންގައި އެންމެ ގިނަ މީހުން މަރުވީ މި އަހަރު


2020ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފާއިތުވި 150 އަހަރުގެ ތެރޭގައި އެ މުއްދަތުގައި މީހުން މަރުވެފައިނުވާ މިންވަރަށް ސްވީޑަންގައި މީހުން މަރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރުގެ ޖެނުވަރީ މަހާއި ޖޫން މަހާ ދެމެދު 51،405 މީހުންވަނީ ސްވީޑަންގައި މަރުވެފައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި މަރުވި މީހުންގެ ޢަދަދަށްވުރެ 15 އިންސައްތަ އިތުރު ޢަދަދެކެވެ. 2019ވަނަ އަހަރުގެ އެ މުއްދަތުގައި ސްވީޑަންގައި މަރުވެފައިވަނީ 6،500 މީހުންނެވެ. 1969ވަނަ އަހަރު ސްވިޑަނުން ބޮޑު ތަދާ ކުރިމަތިލި ދުވަސްވަރު އެ ޤައުމުގައި މަރުވެފައިވަނީ 55،431 މީހުންނެވެ. އޭގެ ފަހުން 150 އަހަރު ފާއިތުވި ފަހުން އެ ޢަދަދަށްވުރެ ގިނަ މީހުން ހަ މަސް ދުވަހުގެ ތެރޭގައި މަރުވެފައިވަނީ މި އަހަރެވެ.

ސްވީޑަންގައި މިހާތަނަށް 85،810 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެހެން ގިނަ ޤައުމުތަކާ ޚިލާފަށް ކޯވިޑް-19 ފެތުރެން ފެށުމުން ސްވިޑަން ފުރަބަންދުކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފަރުދީ ޒިންމާގެ މުހިންމުކަމާމެދު ޢާންމުން ހޭލުންތެރިކޮށް، މަދަރުސާތަކާއި ރެސްޓޯރަންޓުކަލާއި ސެލޫންތައްފަދަ ތަންތަން ބަންދުނުކުރުމަށްވަނީ ނިންމާފައެވެ.

އެހެން ޤައުމުތަކަށްވުރެ ބޮޑެތި ލުއިތައް ސްވީޑަންގައި ދިން ނަމަވެސް، އޭޕްރިލް މަހާ ހަމައަށް ބަލިޖެހުމަށްފަހު ރަނގަޅުވުމުން ބައްޔާ ދެކޮޅަށް މަސައްކަތްކުރާ އެންޓިބޮޑީ މާއްދާ އުފެދިފައިވަނީ ވެރިކަންކުރާ ސްޓޮކްހޯމްގެ 7.3 އިންސައްތަ މީހުންގެ ހަށިގަނޑުގައެވެ. މުޖުތަމަޢުގެ އާބާދީގެ 70 ނުވަތަ 80 އިންސައްތަ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީ މާއްދާ ހުރެގެން މެނުވީ ހަރޑް އިމިއުނިޓީ ނުވަތަ މުޖުތަމަޢުގެ އެހެން މީހުންނަށް ބަލިޖެހުމުން ރައްކާތެރިކޮށެއް ނުދޭނެއެވެ.

ޖޫން މަސް ފެށުނުއިރު ކޯވިޑް-19ޖެހިގެން 4،500އަށްވުރެ ގިނަ މީހުންވަނީ ސްވިޑަންގައި މަރުވެފައެވެ. އެ ޢަދަދު މިހާރުވަނީ 5،802އަކަށް އިތުރުވެފައެވެ. މަރުވި މީހުންގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ މުސްކުޅިން ބަލަހައްޓާ މަރުކަޒުތަކުގައެވެ. އޭގެ ސަބަބުން ބަލި ފެތުރުން ހުއްޓުވުމަށް ސްވީޑަނުން ބޭނުންކުރި އުކުޅަށް ގިނަ ބައެއްގެ ފާޑިކިޔުންވަނީ އަމާޒުވެފައެވެ.

ސްވިޑަންގެ ގައިންގަޔަށް އަރާބަލިތަކާބެހޭ އެންމެ އިސް ފަރާތް، އެންޑާސް ޓެގްނަލްވަނީ މުސްކުޅިން ބަލަހައްޓާ މަރުކަޒުތަކުގައި ބަލި ފެތުރޭ މިންވަރު އެހާ ބޮޑަށް އިތުރުވެ އެހާ ގިނަ ޢަދަދެއްގެ މީހުން މަރުވެދާނެކަމަށް ޤައުމުގެ ޞިއްޙީ އިދާރާތަކަށް އަންދާޒާކުރެވިފައި ނުވާކަމަށް އިޢުތިރާފުވެފައެވެ. ނަމަވެސް ރަނގަޅު ކުރެވިދާނެ ގިނަ ކަންތައްތަކެއް ހުރިކަމަށް އެއްބަސްވެލައްވާ ނަމަވެސް ސްވީޑަނުން ޢަމަލުކޮށްފައިވާ ގޮތް ރަނގަޅުކަމަށް ދެކިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބެލްޖިއަމާއި ނެދަލޭންޑްސާއި އިނގިރޭސިވިލާތްފަދަ ޤައުމުތަކާ އަޅާބަލާއިރު ސްވީޑަންގައި މަރުވެފައިވާ މީހުންގެ ޢަދަދު އެހާ ބޮޑު ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޓެގްނަލް އިތުރަށް ވިދާޅުވީ މުސްކުޅިން ބަލަހައްޓާ މަރުކަޒުތަކުގައި ބަލި ފެތުރޭކަން ފާހަގަވުމުން އެކަމަށް ރިޢާޔަތްކޮށް އަވަސް ފިޔަވަޅުތަކެއް އަޅާފައިވާކަމަށާއި ބަލިފެތުރޭ މިންވަރު މިހާރު އެއްކޮށްހެން ދަށަށްގޮސްފައިވާކަމަށެވެ.

ބަލިން ރައްކާތެރިވުމަށް މާސްކު ބޭނުންކުރުމަށްވެސް ސްވިޑަނުން ބާރު ނާޅައިކަމަށް ފާހަގަކުރައްވަމުން ޓެގްނެލް ވިދާޅުވީ މާސްކު ބޭނުންކުރުމަށް ބާރުއަޅާނަމަ ހިރާސްތަކާ ކުރިމަތިލުމުގައި ޢާންމުން ފަސްޖެހޭ މިންވަރު ކުޑަވާނެކަމަށެވެ.