ޚަބަރު

ބަހުރައިނަށް އެތެރެވާ މީހުން ދެން އެކަހެރިވާކަށް ނުޖެހޭނެ


ބަހުރައިނަށް އެތެރޭވާ މީހުން އެކަހެރިވާންޖެހޭގޮތަށް އޮތް އޮތުން އެ ޤައުމުން ބާޠިލްކޮށްފިއެވެ.

ބަހުރައިނުގައި މިހާތަނަށް 3،482 މީހުންނަށް ކޯވިޑް-19 ޖެހި 178 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. އެ ޤައުމުގެ ޤަވާއިދުތައް މިހާރު އޮންނަ ގޮތުން ޤައުމަށް އެތެރެވާ މީހުން ކޯވިޑް-19އަށް ތަހުލީލުކޮށް ހަށިގަނޑުގައި ބަލި ނެތްކަމަށް ނަތީޖާއިން ދެއްކި ނަމަވެސް 10 ދުވަހުގެ މުއްދަތުގައި އަމިއްލައަށް އެކަހެރިވާންޖެހެއެވެ.

ބަހުރައިނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ އެ ޤަވާއިދު ބަދަލުކޮށްފައިވާކަމަށާއި އޮގަސްޓު މަހުގެ 20ވަނަ ދުވަހުން ފެށިގެން ބަހުރައިނަށް އެތެރެވާ މީހުން އެކަހެރިވާން ޖެހޭނީ ފުރަތަމަ ތަހުލީލުން ބަލި ޖެހިފައިވާކަމަށް ދައްކައިފިނަމަ އެކަނިކަމަށެވެ. ޤައުމަށް އަންނަ ފަރާތްތައް އެކަހެރި ނުވި ނަމަވެސް 10 ދުވަސް ފަހުން ދެވަނަ ތަހުލީލެއް ކުރަންޖެހޭނެއެވެ.

ޤަވާއިދަށް ބަދަލުގަނައުމަށް ނިންމާފައިވަނީ ޖުލައި މަހުގެ 1ވަނަ ދުވަހާ އޮގަސްޓު މަހުގެ 16ވަނަ ދުވަހާ ދެމެދު އެ ޤައުމަށް އެތެރެވި މީހުންގެ ތެރެއިން ބަލިޖެހުނު މީހުންގެ ނިސްބަތް 0.2 އިންސައްތައިގައި ހުރުމުންކަމަށް އެ ވުޒާރާއިން ބުނެއެވެ.