ޚަބަރު

އީރާނާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ހުރަސް ނޭޅުމަށް އެމެރިކާއިން ގޮވާލައިފި


އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާއިން ކުރާ މަސައްކަތަށް ޗައިނާއާއި ރަޝިޔާއިން ހުރަސް ނޭޅުމަށް އެ ޤައުމުން ގޮވާލައިފިއެވެ.

2015ވަނަ އަހަރުގެ ނިއުކުލިއަރ އެއްބަސްވުމުގެ ދަށުން ވެފައިވާ ފަސް އަހަރުގެ މުއްދަތަށް އީރާނަށް ހަތިޔާރު ވިއްކުން މަނާކުރުމުގެ އެއްބަސްވުން އަންނަ އޮކްޓޯބަރު މަހުގައި ހަމަވާނެއެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ އެއްބަސްވުން އަލުން އައު ކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް އޮގަސްޓު މަހުގެ 14ވަނަ ދުވަހު އދ.ގެ ސަލާމަތީ މަޖިލީހުގައި ނެގި ވޯޓުގައި އެ މަޖިލީހުގެ ދާއިމީ މެންބަރުންކަމުގައިވާ ރަޝިޔާއާއި ޗައިނާއިން ވޯޓުދިނީ އެމެރިކާގެ ހުށަހެޅުމާ ދެކޮޅަށެވެ. އެއާއެކު އެ ހުށަހެޅުން ފާސްކުރުމުގައި އެމެރިކާއިންވަނީ ނާކާމިޔާބުވެފައެވެ. އެއަށްފަހު އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅުއްވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕުވަނީ ވިދާޅުވެފައެވެ. އޮގަސްޓު މަހުގެ 20ވަނަ ދުވަހު ދަތިކުރުމުގެ ފިޔަވަޅުތައް ރުޖޫޢަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އދގެ ސަލާމަތީ މަޖިލީހުގައި ފެށުމަށް ރައީސް ޓްރަންޕްވަނީ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯއަށް އަންގަވައިފައެވެ.

އެގޮތުން އޮގަސްޓު މަހަށް ކަނޑައަޅާފައި ހުންނެވި ސަލާމަތީ ކައުންސިލުގެ ރައީސް، އިންޑޮނޭޝިޔާގެ މަންދޫބު ދިއާން ތުރިއަންސާ ޖާނީއާ ޕޮންޕެއޯ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. 2018ވަނަ އަހަރު ނިއުކުލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވެފައިވާ ނަމަވެސް އެ ބައްދަލުވުމުގައި ނިއުކުލިއަރ އެއްބަސްވުމާ އެއްގޮތަށް އީރާނުން ޢަމަލުނުކުރާކަމުގެ ޝަކުވާ އެމެރިކާއިން ހުށަހަޅާނެއެވެ.

2015ވަނަ އަހަރު އީރާނާއި ރަޝިޔާއާއި ޗައިނާއާއި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އިތުރުން އެމެރިކާއިންވެފައިވާ ނިއުކުލިއަރ އެއްބަސްވުމުގެ ދަށުން އީރާނުން ނިއުކުލިއަރ ހަތިޔާރު ތައްޔާރުކުރުން ހުއްޓާލުމުގެ ބަދަލެއްގެ ގޮތުގައި އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށްވަނީ ލުއި ދީފައެވެ. ނަމަވެސް ނިއުކުލިއާ އެއްބަސްވުމުން 2018ވަނަ އަހަރު ވަކިވެފައިވާ އެމެރިކާއަށް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ރުޖޫޢަކުރުމަށް މަސައްކަތް ކުރެވިދާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ޚާރިޖީ ފަރާތްތަކުން ދެކޭގޮތުގައި އެމެރިކާގެ މަސައްކަތަށް މާ ބޮޑު ސަމާލުކަމެއް ނުދީ ޗައިނާއާއި ރަޝިޔާއާއި އެހެން ޤައުމުތަކުން ފިޔަވަޅުތައް ރުޖޫޢަކުރިއަ ނުދޭނެއެވެ. އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއަޅާނަމަ އެ ދެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅުއްވާނެކަމަށްވެސް ޕޮންޕެއޯ ވިދާޅުވިއެވެ. ޕޮންޕެއޯ ވިދާޅުވީ ސަލާމަތީ ކައުންސިލުގެ ވިލާތަށް ނިޞްބަތްވާ ޤައުމުތަކުން ވަކި ކޮޅަކަށް ވޯޓުލާފައިނުވާތީ އެކަމާ ހިތާމަކުރައްވާކަމަށެވެ. އަދި އޭގެ ސަބަބުން އެ ސަރަޙައްދުގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅޭކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނާބެހޭ ޝަކުވާ ސަލާމަތީ މަޖިލީހަށް އެމެރިކާގެ ފަރާތުން ހުށަހެޅުމުން 30 ދުވަހުގެ ތެރޭގައި ދަތިކުރުމުގެ ފިޔަވަޅު އެޅުން ހުއްޓާލާފައި އޮތް އޮތުން ދަމަހައްޓާނޭކަމަށް ބުނެ ޤަރާރެއް ސަލާމަތީ މަޖިލީހުން ނެރެންޖެހޭނެއެވެ. އެގޮތަށް ޢަމަލުނުކޮށްފިނަމަ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ދަތިކުރުމުގެ ފިޔަވަޅުތައް އަލުން ރުޖޫޢަވާނެއެވެ. ނަމަވެސް ހުށަހެޅުންތައް ބާތިލްކުރުމުގެ ބާރު ލިބިފައިވާ އެމެރިކާއިން މިހާރު އޮތް އެއްބަސްވުން ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ހުރަސްއަޅާނެއެވެ.