ޚަބަރު

ނަބަވީ މިސްކިތުގައި އަލުން ކާޕެޓް އަޅައިފި


މަސްޖިދުއް ނަބަވީގެ ކާޕެޓް ނަގާފައި އޮންނަތާ ގާތްގަޑަކަށް 5 މަސްދުވަސްފަހުން އަލުން ކާޕެޓް އަޅައިފިއެވެ. ނަބަވީ މިސްކިތުގައި އަލުން ކާޕެޓް އަޅައި ނަމާދުކުރަން ފަށާނީ ހިޖުރީ އައު އަހަރާ ދިމާކޮށް މިރޭގެ މަޣްރިބް ނަމާދުން ފެށިގެންނެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މުސްލިމުންގެ މައި ދެ ޙަރަމް ކަމަށްވާ، މައްކާގެ މަސްޖިދުލް ޙަރަމާއި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގައި މާރިޗުމަހުގެ 21 ވަނަދުވަހުން ފެށިގެން ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލިއެވެ. އަދި ދެމަސްދުވަސްފަހުން ނަބަވީ މިސްކިތް އާއްމުންނަށް ހުޅުވާލީ މޭމަހުގެ 31 ވަނަދުވަހުއެވެ.

ނަބަވީ މިސްކިތް އާއްމުކޮށް ހުޅުވާލީ މިސްކިތުގެ ކާޕެޓްތައް ނެގުމަށްފަހު މިސްކިތަށް ދާ ކޮންމެ މީހަކު މުސްލައެއް ގެންދިޔުމަށް ކަނޑައެޅުމަށްފަހުއެވެ.

ސައުދީ ސަރުކާރުން ވިދާޅުވީ މިރޭ ފެށޭ ހިޖުރީ އާ އަހަރާއެކު ނަބަވީ މިސްކިތުގައި އަލުން ކާޕެޓް އަޅާފައިވާކަމަށެވެ. އަދި މިސްކިތުގައި ނަމާދުކުރާ ސަރަހައްދުތަކުގައި 7000 ކާޕެޓް އަލުން އަޅާ އެ ސަރަހައްދުތައް ނަމާދުކުރުމަށް ހުޅުވާލާނެކަމަށެވެ. މޭ މަހުގެ 31ވަނަ ދުވަހުން ފެށިގެން ނަބަވީ މިސްކިތް ޢާއްމުކޮށް ހުޅުވާލިނަމަވެސް މަސްޖިދުލް ޙަރަމް އަދިވެސް އާއްމުކޮށް ހުޅުވާލާފައެއްނުވެއެވެ. ޙައްޖު މޫސުމަށް ޙައްޖުވެރިންނަށް ޙަރަމް ހުޅުވާލިނަމަވެސް އޭގެފަހުން އަނެއްކާވެސް ވަނީ ބަންދުކޮށްފައެވެ.

ކޯވިޑްް-19އާ ގުޅިގެން ޙައްޖާއި އުމްރާއަށް މީހުން އެތެރެވުން ސައުދީ ސަރުކާރުން މަނާކޮށްފައި އޮތުމުން މިފަހަރުގެ ޙައްޖުގެ އަޅުކަން ކުރިޔަށް ގެންގޮސްފައިވަނީ އެންމެ 1000 މީހުންނާ އެއްކޮށެވެ.

މި އަހަރުގެ ޙައްޖުގެ ކާމިޔާބީއަށްފަހު އަންނަ އުމްރާ ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ސައުދީގެ ޙައްޖާއި އުމްރާގެ މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ. ޙައްޖަށްފަހު އުމްރާގެ ކަންކަމަށް އާއްމުކޮށް ސައުދީ ހުޅުވާލަނީ މުހައްރަމު މަހުގެ 15ވަނަ ދުވަހުގެ ފަހުންނެވެ. ސައުދީ އަރަބިއްޔާގައި މިއަދު އެކަނިވެސް ކޯވިޑް ބަލީގެ މުޅިން އާ 1363 ކޭސް ފެނިފައިވެއެވެ. މައްކާ މަދީނާއަށް ބަލާއިރު މައްކާ އިން 106 މީހަކު އަދި މަދީނާއިން 57 މީހަކު މިއަދު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

ސައުދީން މި ބަލި ޖެހުމު މީހުންގެ ޖުމްލަ އަދަދަށް ބަލާއިރު މިހާތަނަށް 302،686 ( ތިން ލައްކަ ދެ ހާސް ހަ ސަތޭކަ އަށްޑިހަ ހަ )މީހުނަށް މި ބަލިވަނީ ޖެހިފައެވެ. އަދި އެޤައުމުން މަރުވި މީހުންގެ އަދަދު ވަނީ 3 ހާސް 500 ވުރެ މައްޗަށް އަރާފައެވެ.