ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ތާރީހުގައި ޕީއެސްޖީ ފުރަތަމަ ފަހަރަށް ފައިނަލަށް


ޔުއެފާ ޗެމްޕިއަންސް ލީގުގެ ތާރީހުގައިވެސް ފުރަތަމަ ޕީއެސްޖީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޕީއެސްޖީ ފައިނަލުން ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރޭ ލިޕްޒިގްގެ މައްޗަށް 0-3 ކުރި ހޯދައިގެންނެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އަންނަ އާދީއްތަ ދުވަހުގެރޭ ޕީއެސްޖީއާ ދެކޮޅަށް ނުކުންނަނީ މިރޭ ކުޅޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ލިއޯން އާއި ބަޔާން މިއުނިކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ޕީއެސްޖީ ދަތުރުކުރީ ކުއާޓާ ފައިނަލްގައި އިޓަލީގެ އެޓަލަންޓާއި ލަނޑެއް ޖަހާފައިވަނިކޮށް މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. އަދި މިއީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެއެވެ.

ލިޕްޒިގް ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލްގައި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށްގެންނެވެ. މިއީ ލިޕްޒިގްގެ 11 އަހަރުވީ ތާރީހުގައި އެ ކްލަބް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެއެވެ.

ލިޕްޒިގްއާއި ޕީއެސްޖީ ބައްދަލުކުރި މެޗްގެ 6 ވަނަ މިނެޓްގައި ނޭމާއަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ގޯލަށް ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ގޯލުގެ އަރިމަތީ ދަނޑިއެވެ.

މެޗުގައި ޕީއެސްޖީން ލީޑު ނެގީ ނޭމާއަށް ކުރި ފައުލަކާއި ގުޅިގެން އެޓީމަށް ލިބުނު ހިލޭ ޖެހުމަކުންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ޑިމަރިއާ އޭރިިޔާ ތެރެއަށް ނަގައިދިން ބޯޅަ ބޮލުން ޖަހާ ގޯލަށް ވައްދާލީ މާކީނިއޯސްއެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ލިޕްޒިގްގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ފުރަތަމަ ހާފް ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ނޭމާގެ އެހީތެރިކަމާއެކު މި ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ އެންހެލް ޑިމާރިއާއެވެ.

ޕީއެސްޖީގެ ފުރަތަމަ ލަނޑާއެކު ލިޕްޒިގުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ހާފު ނިމުމުގެ ކުރިން ސްކޯ ބަދަލުކުރުމަށްް މަސައްކަތްކުރިއެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ލިޕްޒިގުން ނިންމާލަން ޖެހުނީ ހުސްއަތާއެވެ.

ދެވަނަ ހާފް ފަށައިގެން މެޗުގެ 56 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ މެޗުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޑިމާރިއާގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖުއާން ބެނަޓްއެވެ.

މި މޮޅާއި އެކު ޕީއެސްޖީ ވެގެން ގޮސްފައި ވަނީ 2004 ގައި މޮނާކޯގެ ފަހުން ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކުރި ފްރާންސްގެ ފުރަތަމަ ޓީމަށެވެ.

ކޯވިޑް-19ގެ ސަބަބުން ބައެއް ބަދަލުތައް މުބާރާތައް ގެނެސްފައިވުމުން ކުއަޓަރަ ފައިނަލުން ފެށިގެން ހުރިހާ މެޗެއް އެއް ލެގުގެ އުސޫލުން ކުރިއަށްގެންދަނީ ޕޯޗުގަލްގެ ލިޒްބަންގައެވެ.