ޚަބަރު

ލުބުނާނަށް އިސްލާހީ ބަދަލުގެނައުމަށް އެ ޤައުމުގެ އިސްވެރިންގެ ޝައުޤެއް ނުފެނޭ: އދ


ލުބުނާނަށް އިސްލާހީ ބަދަލުގެނައުމަށް ހުޅަނގުގެ ފަރާތްތަކުން ދެމުންދާ އިންޒާރުތަކަށް ލުބުނާނުގެ ސިޔާސީ ލީޑަރުން ދެއްވަމުންދަނީ ފިނި ޢިޖާބައެއްކަމަށް އދން ބުނެފިއެވެ.

އޮގަސްޓު މަހުގެ 4ވަނަ ދުވަހު ލުބުނާނުގެ ބައިރޫތުގައި ބޮޑެތި ގޮވުންތަކެއް ގޮވައި އެ ސިޓީގެ ބޮޑުބައެއްވަނީ ބިމާ ހަމަވެފައެވެ. އެ ހާދިޘާގައި 178މީހުން މަރުވެ 6،000އަށްވުރެ ގިނަ މީހުންވަނީ ޒަޚަމްވެފައެވެ. 300،000އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުނު ހާދިޘާއިން އަރައިގަތުމަށް ބައިނަލްއަޤްވާމީ އެހީތެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވުމަށް ލުބުނާނަށްވަނީ މަޖުބޫރުވެފައެވެ. އެ ހާދިޘާއަށްފަހު ފަރަންސޭސިވިލާތާއި އެމެރިކާއިން ބައިރޫތަށް ޒިޔާރަތްކުރެއްވި އިސް ފަރާތްތަކުންވަނީ އެ ޤައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނީ އެ ޤައުމުގައި ހިންގާ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުމަކަށް ގެނެސް ޤައުމުގެ ހިންގުމުގައި ހުރި މައްސަލަތައް ޙައްލުކުރާނަމަކަމަށް ބުނެފައެވެ.

ލުބުނާނަށް ޒިޔާރަތްކުރި އދއާއި އެމެރިކާއާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް ބައިވެރިވާ އިންޓަނޭޝަނަލް ސަޕޯޓު ގުރޫޕު، އައިއެސްޖީގެ މަންދޫބުން ވިދާޅުވީ ލުބުނާނުގެ ޙާލަތާމެދު އައިއެސްޖީއިން ކަންބޮޑުވާކަމަށެވެ. ލުބުނާނުގެ އިސްވެރިންނާއި ސިޔާސީ ފަރާތްތަކަށް ހަރުކަށި އިންޒާރުތައް ދީފައިވާކަމަށާއި، ނަމަވެސް އެ އިންޒާރުތަކަށް އެ ބޭފުޅުން މާ ބޮޑު ސަލާމުކަމެއް ދެއްވާފައިނުވާކަމަށް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ. ލުބުނާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ޝަރުތުކުރާ އެންމެ މުހިންމު ކަމަކީ ޤައުމަށް ހެޔޮ ބަދަލުތައް ގެނައުންކަން ސާފުވާނެކަމަށް މަންދޫބުންވަނީ ފާހަގަކުރައްވާފައެވެ.