ދުނިޔެ

ޑިމޮކްރަޓުންގެ ރިޔާސީ ކެންޑިޑޭޓަކީ ޖޯ ބައިޑަންކަން ރަސްމީކޮށް އިޢުލާނުކޮށްފި


ނޮވެމްބަރު މަހުގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޙާބުގައި ޑިމޮކްރަޓުންގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކީ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންކަމަށް ރަސްމީކޮށް އިޢުލާނުކޮށް އެ ޕާޓީގެ މަޖިލީސް ބާއްވައިފިއެވެ.

ކޯވިޑް-19 ފެތުރޭތީ އިންޓަނެޓު މެދުވެރިކޮށް ބާއްވަމުންދާ 4 ދުވަހުގެ މަޖިލީހުގައި ބައިޑަންއަށް އޮތް ތާޢީދު އިޢުލާނުކޮށް މަޖިލީހުގެ ނުފޫޒުގަދަ ގިނަ ޢަދަދެއްގެ ބަޔަކުވަނީ ފުރަތަމަ ދުވަހުގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން ބައިޑަންގެ ވާދަވެރިއެއްގެ ގޮތުގައި ކުރިން ޙަރަކާތްތެރިވަމުން ވަޑައިގެންނެވި ބާނީ ސޭންޑާސްއާ ވެރިކަންކުރާ ރިޕަބްލިކު ޕާޓީން ވަކިވެވަޑައިގެންފައިވާ ޖޯން ކަސިޗްވަނީ އެ ހަފުލާގައި ބައިޑަންއަށް ތާޢީދުކުރައްވާ ވާހަކަ ދައްކަވާފައެވެ. ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝެލް އޮބާމާވެސްވަނީ ބައިޑަންއަށް ތާޢީދުކުރުމަށް ގޮވާލައި ވާހަކަ ދައްކަވާފައެވެ.

2016ވަނަ އަހަރު ރިޕަބްލުކުންގެ ޕްރައިމަރީގައި އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕާ ވާދަކުރެއްވި ކަސިޝް ވިދާޅުވީ ވެރިކަމުގައި ދެވަނަ ދަޢުރަކަށް ދެމިހުރުމުގެ ފުރުޞަތު ޓުރަންޕަށް ދީގެން ނުވާނެކަމަށެވެ. ޤައުމުގެ ޙާލަތު އެންމެންނަށްވެސް ރަނގަޅަށް ތަސައްވަރުކުރެވޭކަމަށާއި ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަރަށް ސާފުކަމަށް އޭނާ ވިދާޅުވިއެވެ. ހުރިހާ ކަމެއް އެކަކަށް ޙައްލު ނުކުރެވުނުނަމަވެސް މިހާރުގެ ޙާލަތަށްވުރެ ރަނގަޅު ޙާލަތަކަށް ޓްރަންޕު ނޫން އެހެން ފަރާތަކަށް ޤައުމު ގެންގޮސްދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓުންގެ ފަރާތުން ވާދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ވައަތު ފިޔައިގެ ބާނީ ސޭންޑަސް ވިދާޅުވީ ޤައުމުގެ ކުރިމަގު އޮތީ ރައްޔިތުންގެ އަތްމަތީގައިކަމަށާއި އިޤްތިޞާދާއި ދުނިޔޭގެ ކުރިމަގުވެސް ބަރޯސާވަނީ ރައްޔިތުންގެ ނިންމުމުގެ މައްޗަށްކަމަށެވެ. މީގެ ކުރިން ޓުރަންޕަށް ވޯޓު ދީފައިވާ މީހުންވެސް ނޮވެމްބަރު މަހުގެ އިންތިޚާބުގައި އެގޮތަށް ޢަމަލު ނުކުރުމަށް އޭނާވަނީ ގޮވާލައްވައިފައެވެ.

ކަޅު ނަސްލަށް ނިސްބަތްވެ ވަޑައިގަންނަވާ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝެލް އޮބާމާވަނީ އޭނާގެ ފިރިކަލުންގެ ރިޔާސީ ދަޢުރުގައި ނައިބު ރައީސްގެ ގޮތުގައި ބައިޑަން ކުރެއްވި މަސައްކަތައް ފާހަގަކުރައްވާ ތަޢުރީފު ކުރައްވާފައެވެ. ބައިޑަނަކީ ޤައުމަށް ކުރިމަރިވެފައިވާ އިޤްތިޞާދީ މައްސަލަތާއި ބޮޑު ބަލިމަޑުކަމުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ދަންނަ، ޤައުމު ހިންގެވޭނެ ބޭފުޅެއްގެ ގޮތުގައި މިޝެލްވަނީ ބައިޑަން ސިފަކުރެއްވިއެވެ. އަދި ބައިޑަންއަކީ ތެދުބަސް ބުނާ މީހުންގެ އަޑުއަހާ ބޭފުޅެއްކަމަށްވެސް މިޝެލް އޮބާމާ ވިދާޅުވިއެވެ.

ކެލިފޯނިއާގެ ނުފޫޒުގަދަ ވިޔަފާރިވެރިއެއްކަމުގައިވާ މެގް ވިޓްމަނާއި ނިއު ޖާޒީގެ ކުރީގެ ގަވަރުނަރު ކްރިސްޓައިން ވިޓްމަނާއި ޤާނޫނުހަދާ މަޖިލީހުގެ ކުރީގެ މެންބަރު ސޫސަން މޮލިނާރީވެސްވަނީ ބައިޑަނަށް ތާޢީދުކުރައްވާ ވާހަކަދައްކަވާފައެވެ. އަދި ޢާންމުންގެ ތެރެއިން ބައެއް ރައްޔިތުންވެސްވަނީ ބައިޑަންއާ މެދު އެމީހުން ދެކޭގޮތް ހާމަކޮށްފައެވެ. ކުރިން ޓްރަންޕަށް ތާޢީދުކޮށް ވޯޓުލާފައިވާ ޢާންމުންގެ މީހަކު ބުނީ ކުރީގައި ރައީސް ޓްރަންޕަށް ވޯޓުދެވުނީތީ އެކަމާ ދެރަވެ ލަދުގަންނަކަމަށެވެ.

އެމެރިކާގެ މިނިއަޕޮލިސްގައި ފުލުހުންގެ އަނިޔާގެ ސަބަބުން މަރުވި ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖު ފުލޮއިޑުގެ ބޭބެ ފިލޮނޮއިސް ފުލޮއިޑުވެސްވަނީ އެ މަޖިލީހުގައި ވާހަކަ ދައްކާފައެވެ. ފުލޮއިޑުގެ މަރަށް ފަހު ނަސްލީ ތަފާތުކުރުންތައް ނައްތާލުމަށް ގޮވާލައި ކުރި މުޒާހަރާތަކަށް އޭނާގެ ވާހަކައިގައިވަނީ އަލިއަޅުވާލައިފައެވެ.

އަންނަ ހަފުތާގައި ރިޕަބްލިކުންގެ ރަސްމީ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރައީސް ޓްރަންޕުގެ ނަން އިޢުލާނުކުރުމަށްދަނީ ތައްޔާރުވަމުންނެވެ.