ދުނިޔެ

ޙަރީރީ އަވަހާރަކޮށްލި މައްސަލައިގެ ހުކުމަށް ތައްޔާރު، ހާދިޘާއަށް އަވަސް ކަޅިއެއް


2005 ވަނަ އަހަރު ދިން ބޮމުގެ ޙަމަލާއެއްގައި ލުބުނާނުގެ ކުރީގެ ބޮޑުވަޒީރު ރަފިކް އަލްޙަރީރީވަނީ އަވަހާރަކޮށްލާފައެވެ. ޙަރީރީ އަވަހާރަކޮށްލިތާ 15 އަހަރު ފަހުން، އޮގަސްޓު މަހުގެ 4ވަނަ ދުވަހު ބައިރޫތުގައި ހިންގި ބޮޑެތި ގޮވުންތަކުގެ ސަބަބުން ޤައުމުގެ ޙާލަތު ގޯސްވެފައިވަނިކޮށް ޙާރީރީގެ މަރުގެ މައްސަލައިގައި ހުކުމް އިއްވުމަށްދަނީ ތައްޔާރުވަމުންނެވެ.

ރަފީކް އަލްޙަރީރީއަކީ ކާކު؟

1975ން 1990ވަނަ އަހަރަށް ލުބުނާނުގައި ކުރި ދާޚިލީ ހަނގުރާމައަށްފަހު ފަސް ފަހަރެއްގެ މަތިން ޙަރީރީވަނީ ލުބުނާނުގެ ބޮޑުވަޒީރުގެ މަޤާމު ޢަދާކުރައްވާފައެވެ. އިމާރާތްކުރުމުގެ ސިނާޢަތުގައި ފުންނާބު އުސް ބޭފުޅެއްކަމުގައިވާ ޙަރީރީއަކީ ސަޢުދީ ޢަރަބިއްޔާގައި މަސައްކަތްކޮށް މަހުޖަނަކަމަށް ވެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާއަކީ ލުބުނާނުގެ އޭރުގެ އެންމެ ވަރުގަދަ މުސްލިމް ސިޔާސީ ލީޑަރުގެ ގޮތުގައި ހުންނެވި ބޭފުޅެވެ.

ބޮޑުވަޒީރުގެ މަޤާމަށް ފުރަތަމަ ފަހަރަށް ޙަރީރީ އިސްވެވަޑައިގަތީ 1992ވަނަ އަހަރެވެ. އޭނާވަނީ ބައިރޫތުގެ ސަރަޙައްދުތައް އާރާސްތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ޙަރީރީއަކީ ބައިނަލްއަޤްވާމީ ގުޅުންތައް ޤާއިމްކޮށް ދެމެހެއްޓުމުގައި ކާމިޔާބު ބޭފުޅެއްގެ ގޮތުގައިވަނީ ފާހަގަވެފައެވެ. ފާހަގަކޮށްލެވޭ ގުޅުންތަކުގެ ތެރޭގައި ފަރަންސޭސިވިލާތުގެ ކުރީގެ ރައީސް ޖާޚް ޝިރަކާއެކު ބޭއްވެވި ގާތް ރަހުމަތްތެރި ގުޅުން ހިމެނެއެވެ. ސަޢުދީ ޢަރަބިއްޔާގެ ޕާސްޕޯޓު އޮންނަ ޙާރީރީއަކީ ސޫރިޔާގެ ބާރުގެ ދަށުން ލުބުނާނު މިނިވަންވި ފަހުން އެ ޤައުމަށް އޮންނަ ސަޢުދީ ޢަރަބިއްޔާގެ ނުފޫޒު ރަމްޒުކޮށްދޭ ފަރާތެއްގެ ގޮތުގައި އޮތީ ބެލެވިފައެވެ.

ޙަމަލާގެ ކުރިން ޙާލަތު އޮތީ ކިހިނެތް؟

ސޫރިޔާގެ ފިއްތުންތަކާއެކު ލުބުނާނުގެ ޤާނޫނު އަސާސީއަށް ބަދަލުގެނެސް 3 އަހަރަށް ރައީސްގެ ދަޢުރުވަނީ ދިގުކޮށްފައެވެ. ޙަރީރީ އަވަހާރަކޮށްލުމުގެ އަހަރެއް ކުރިން ފެށިގެން ސޫރިޔާއާއެކު ގާތް ގުޅުމެއް ބާއްވަވާ އޭރުގެ ރައީސް އެމައިލް ލަހޫދުގެ ރިޔާސީ ދަޢުރުގެ މުއްދަތު އިތުރުކުރުމަށް ކުރަމުންދިޔަ މަޝްވަރާތަކުގައި ދަޢުރު ދިގުކުރުމަށް ޙަރީރީވަނީ ދެކޮޅުހައްދަވާފައެވެ. ހަރީރީ އެ ނިންމުމާ ދެކޮޅު ހެއްދެވި ނަމަވެސް ގިނަ ގޮންޖެހުންތަކާއި ފިއްތުންތައް ކުރިމަތިވެ ފަހުންވަނީ އެ ބަދަލުގައި ސޮއިކުރައްވާފައެވެ.

2004ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އދގެ ސަލާމަތީ މަޖިލީހުން ނިންމި ނިންމުމެއްގެ ސަބަބުން ލުބުނާނުގައި ސޫރިޔާއިން ޢަދާކުރަމުންދިޔަ ދަޢުރަށް ފިއްތުންތައް ކުރިމަތިވިއެވެ. ލުބުނާނުގައި މިނިވަން އަދި އިންސާފުވެރި ރިޔާސީ އިންތިޚާބެއް ބޭއްވުމަށް އެ މަޖިލީހުންވަނީ ގޮވާލައިފަވެއެވެ. އަދި ލުބުނާނުގައި ހުރި ބޭރުގެ އަސްކަރީ ފައުޖުތައް އެ ޤައުމުން ފައިބައި، އެ ޤައުމުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތައް ރޫޅާލުމަށްވެސް ވަނީ އަންގާފައެވެ. އޭގެ ތެރޭގައި ސޫރިޔާއަށް ވާގިވެރިވާ ހިޒްބުﷲވެސް ހިމެނެއެވެ. އެ ގޮވާލުމަށް ޙަރީރީވަނީ ތާޢީދުކުރައްވާފައެވެ. އެއަށްފަހު އޮކްޓޯބަރު މަހުގެ ތެރޭގައި ޙަރީރީވަނީ ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.

ލުބުނާނުގައި ހަމަނުޖެހުންތަކާއި ކޯޅުންތައް އިތުރުވަމުން ދިޔައީ އެމެރިކާއިން ޢިރާޤަށް ޙަމަލާދީފައިވާ ވަގުތެއްގައެވެ. އޭގެ ސަބަބުން ސަރަޙައްދީ ބާރުތަކުގެ މަޤާމުތަކަށް ބޮޑެތި ލޮޅުންތައް އެރިއެވެ. އެހާ ހިސާބުން އީރާނުގެ ޝީޢީންނާއި، ސޫރިޔާ ހިމެނޭގޮތަށް އެ ފަރާތަކަށް ވާގިވެރިވާ އެހެން ފަރާތްތަކާ، އެމެރިކާއާއެކު ގާތް ގުޅުމެއް ބާއްވަމުން ދިޔަ ގަލްފުގެ އަރަބި ޤައުމުތަކުގެ މެދުގައި ވާދަވެރިކަން އިތުރުވިއެވެ.

އަވަހާރަކޮށްލުން

2005ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 14ވަނަ ދުވަހު ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޙަރީރީވަނީ ޤާނޫނު ހަދާ މަޖިލީހަށް ވަޑައިގެންނެވުމަށްފަހު އެ ސަރަޙައްދުގައި ހުންނަ ކެފޭއަކަށް ޒިޔާރަތްކުރައްވާފައެވެ. އެއަށްފަހު، އެންމެ ފަހު ވަގުތާހަމައަށް ސިއްރުކޮށްފައިވާ މަގަކުން ދަތުރުކުރައްވަމުން ދަނިކޮށް އޭނާ ދަތުރުކުރައްވަމުންދިޔަ އުޅަނދަށް ޢަމާޒުކޮށް އެހެން އުޅަނދެއްގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލުމުން ޙަރީރީވަނީ އަވަހާރަވެފައެވެ.

އެ ޙަމަލާގައި ޙާރީރީގެ އިތުރުން 21 މީހުންވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހަރީރީގެ ހަށިފާރަވެރިންނާއި އިޤްތިޞާދާ ބެހާ ކުރީގެ ވަޒީރު ބައްސިލް ފުލައިހާނާއި ޢާންމުންގެ މީހުން ހިމެނެއެވެ. އެ ޙަމަލާ ދިނުމަށް 1،000 ކިލޯގެ ގޮވާތަކެތިވަނީ ބޭނުންކޮށްފައެވެ.

މަރުގެ ތަހުޤީޤު

2005ވަނަ އަހަރުގެ ޖޫން މަހުގައި ޙަރީރީގެ މަރުގެ ހާދިޘާއާގުޅޭ ބައިނަލްއަޤްވާމީ ތަހުޤީގެއްވަނީ ފަށައިފައެވެ. އެ އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް ދިޔައިރު ތަހުޤީޤީ ޓީމުންވަނީ ޙަރީރީގެ މަރާގުޅޭ ރިޕޯޓެއް ނެރެފައެވެ. އެ ރިޕޯޓުގައި ސޫރިޔާ އަދި ލުބުނާނުގެ އިސްވެރިންގެ ބައިވެރިވުން ޙަމަލާގައި ވާކަމަށްވަނީ ބުނެފައެވެ. ނަމަވެސް ސޫރިޔާއިން އަބަދުވެސް ބުނަމުންދަނީ ޙަރީރީއަށް ދިން ޙަމަލާއާ އެ ޤައުމާ އެއްވެސް ގުޅުމެއް ނުވާކަމަށެވެ.

އޮގަސްޓު މަހުގެ 4ވަނަ ދުވަހު ލުބުނާނުގެ އަސްކަރިއްޔާގެ އިސް ހަތަރު ވެރިއަކުވަނީ ޙައްޔަރުކޮށްފައެވެ. އެ މީހުންނާ ދެކޮޅަށް އެއްވެސް ދަޢުވާއެއްކޮށްފައެއް ނުވެއެވެ. ޙައްޔަރު ކުރިތާ ހަތަރު އަހަރު ފަހުން އެމީހުން ދޫކޮށްލީ ޙަރީރީ އަވަހާރަވި ހާދިޘާއާ އެމީހުންނާ ގުޅުވައިދޭ ހެކި ލިބިފައިނުވާތީއެވެ. އެއަށްފަހު 2006ވަނަ އަހަރުން ފެށިގެން ތަހުޤީޤުގެ ކަންކަން މަޑުޖެހުނެވެ. އަދި ތަހުޤީޤުގައި ބައިވެރިވި މުހިންމު ގިނަ ބަޔަކުވަނީ އިސްތިޢުފާ ދީފައެވެ.

2010ވަނަ އަހަރު އޭނާގެ ބައްޕާފުޅުގެ މަރުގެ ޒިންމާ ނަގަންޖެހޭނީ ސޫރިޔާއިންކަމަށް ވިދާޅުވަމުންދިޔަ ސާދް އަލް ޙަރީރީވަނީ އޭނާގެ ތުހުމަތުތައް އަނބުރާ ގެންގޮސްފައެވެ. އެއަށްފަހު މަރާ ގުޅުންހުރިކަމަށް ބެލެވޭ ހިޒްބުﷲއަށް ނިސްބަތްވާ ހަތަރު މީހަކު ހައްޔަރުކުރުމަށް 2011ވަނަ އަހަރު ވަނީ އަމުރުނެރެފައެވެ. އަދި 2012ވަނަ އަހަރު އިތުރު މީހަކުވަނީ ޙައްޔަރުކޮށްފައެވެ.

ނަމަވެސް ހިޒްބުﷲއިން ވަނީ މި ދަޢުވާތަކާ ދެކޮޅު ހަދައި އެ ދަޢުވާތަކަށް ބާރުދޭ އެއްވެސް ހެއްކެއް ނެތްކަމަށް ބުނެފައެވެ. 2016ވަނަ އަހަރު ތުހުމަތުކުރެވޭ 4 މީހުންގެ ތެރެއިން އެކަކު، ހިޒްބުﷲގެ އިސް ފަރާތެއްކަމުގައިވާ މުސްތަފާ ބަދްރުއްދީންވަނީ ސޫރިޔާގައި މަރުވެފައެވެ. ތަހުމަތުކުރެވޭ މީހުންނާމެދު ގޮތެއް ނިންމުމަށް އދން ޤާއިމްކޮށްފައިވާ ސްޕެޝަލް ޓްރައިބިއުނަލް ފޯރ ލެބަނޮންއިންވަނީ ތައްޔާރުވެފައެވެ.