ޚަބަރު

"މަސައްކަތުގެ ތަޖުރިބާ ލިބިގެން ނޫނީ ކުރިއަކަށް ނުދެވޭނެ"


ކިތަންމެ މޮޅަށް ކިޔެވިކަމުގައި ވިޔަސް މަސައްކަތުގެ ތަޖުރިބާ ލިބިގެންނޫނީ އަޅުގަނޑުމެންނަށް ކުރިއަށް ނުދެވޭނެކަމަށް ޔޫތު މިނިސްޓަރ އަހުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.ދިރާގުގެ އެޕްރެންޓިސް ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ދިރާގް ހެޑް އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރ ވިދާޅުވީ، މަސައްކަތުގެ ތަޖުރިބާއާއި ތިއަރީއަކީ މުޅިން ތަފާތު ދެ އެއްޗެއްކަމަށާއި އަޅުގަނޑުމެން ކިޔަވާ އެއްޗެއްގެ ފަހެއް ނޫނީ ދިހަ ޕަސެންޓްވެސް މަސައްކަތުގެ މާހައުލުގައި ގިނަފަހަރަށް ބޭނުން ނުކުރެވޭކަމަށެވެ.ދިރާގުން ކުރިއަށްގެންދާ މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ޕްރޮގްރާމަކީ ވަރަށް މުހިންމު ޕްރޮގްރާމެއްކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ އެކިއެކި ޕްރޮގްރާމްތައް އެހެން ކުންފުނިތަކުން ވެސް ހިންގަންޖެހޭކަމަށެވެ. ދިރާގުން ކުރިއަށްގެންދިޔަ އެޕްރެންޓިސް ޕްރޮގްރާމް ފުރިހަމަކޮށް މިފަހަރު ސައްބީސް ކުދިން ސެޓްފިކެޓް ހާސިލްކޮށްފައިވެއެވެ. މި ސައްބީސް ކުދިންނަކީ މި ޕްރޮގްރާމްގައި ބައިވެރިވާން އެދުނު 600 ކުދިންގެ ތެރެއިން ހޮވާލެވުނު 26ކުދިން ކަމަށް ދިރާގުން މައުލޫމާތުދޭ. ދިރާގުން މި ޕްރޮގްރާމް ފެށިފަހުން މިހާތަނަށް 124 ކުދިން ތަމްރީންކޮށްފައިވާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.