ޚަބަރު

ޚިޔާލު ތަފާތުވުން ހުއްޓަސް އެމްޑީޕީ މެމްބަރުން ކަންކަން ހިތުއަޅައިގެން ނޫޅޭނެ: ފައްޔާޟު


އެމްޑީޕީ ތެރޭގައި ޚިޔާލުތަފާތުވުންތައް ހުއްޓަސް އެކަންކަން ހިތުއަޅައިގެން ޕާޓީގެ މެމްބަރުން ނޫޅޭނެ ކަމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާއިލް މިހެން ވިދާޅުވީ، އިތުބާރުނެތްކަމުގެ ވޯޓުނެގުމަށް ކުރާ މަސައްކަތާއި އަދި އެކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ޕާޓީގެ އެންމެ ވަރުގަދަ މެމްބަރުންގެ ،މެދުގައި ބައެއް ކަންކަމުގައި ޚިޔާލު ތަފާތުވުންތައް ހުއްޓަސް އެޕާޓީގެ މެމްބަރުންނަކީ ކަންކަން ހިތުގައި އަޅައިގެން އުޅޭނެ ބައެއް ނޫންކަމަށެވެ. އަދި އެމްޑީޕީއަކީ ތަފާތު ފިކުރުތަކާއި އެކު ކުރިއަށްދާ ވަރުގަދަ ޕާޓީއެއްކަން އިދިކޮޅު ފަރާތްތަކަށް ނޭނގޭކަމީ ހައިރާންވެ ވަޑައިގަންނަވާ ކަމެއް ކަމުގައި މިނިސްޓަރ ފައްޔާޒު ވިދާޅުވެފައިވެއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ ވޯޓުނެގުމަށް މަޖިލީހަށް ހުށައެޅުމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ މަސައްކަތް ފައްޓަވާފައި ވާއިރު، އެމްޑީޕީތެރެ ބައިބައިވެއްޖެ ކަމުގައި ބުނެ އިދިކޮޅު ޕާޓީތަކުން ދަނީ ވާހަކަ ދައްކަމުންނެވެ. އަދި ފައްޔާޒުގެ އިތުބާރުނެތްކަމުގެ ވޯޓުގެ މައްސަލައަކީ، ސަރުކާރާއި އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެކޮޅުވެރިކަމެއް ކަމުގައިވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އިތުބާރުނެތްކަމުގެ މައްސަަލަ މަޖިލީހަށް ހުށައެޅުމަށް ރައީސް ނަޝީދު އިސްވެހުންނަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބަރ ގުރޫޕުގައިވެސް ރައީސް ނަޝީދު ފައްޔާޒާއި ގުޅޭގޮތުން ލިޔުއްވި މެސެޖުތަކެއް ވަނީ މިޑިއާއަށް އާއްމުވެފައެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅަން އުޅޭކަން އެނގިވަޑައިގެންނެވުމުން، ހައިރާންކަން ލިބިވަޑައިގެންނެވި ކަމަށާއި، އަދި އިތުބާރުގެއްލޭ ފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމުގައި މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައި ވީނަމަވެސް މިހާތަނަށް އަދި އެމައްސަލަ މަޖިލީހަށް ހުށައަޅާފައެއް ނުވެއެވެ.