ހާލުދެރަވެ އެހީއަށް ބޭނުންވެފައިވާ ވެލައެއް މާފުށީގައި އޮންނަތާ 5 ދުވަސްވެއްޖެއެވެ.
މާފުށިން ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކެވި އިބްރާހީމް ޝަފީގް ބުނީ މިވެލާ ފެނިފައިވަނީ ރަށުގެ ގޮނޑުދޮށަށް ލައްވެފައިވަނިކޮށް، މީގެ 5 ދުވަސް ކުރިންނެވެ. ޑައިވް ޚިދުމަތްދޭ "ފްރީ ޑައިވަރސް އޮފް މާފުށި"އިން މި ވެލާ ނަގައި އެހީވުމަށް މަސައްކަތްކޮށްފައިވާކަމަށް ޝަފީޤް ބުނެއެވެ.
ވެލާ ފެނުނު އިރުވެސް ވެލާ އޮތީ ވަރަށް ޙާލުދެރަވެ ބަލިކޮށްކަމަށް އޭނާ ބުނެފައިވެއެވެ. މި ވެލައަކީ ކަނހަބު އާއިލާއަށް ނިސްބަތްވާ (ހޯކްސްބިލް) ޓަރޓަލްއެކެވެ.
ރަށުގައި މެރިން ދާއިންރާއިން ތަޖުރިބާހުރި ފަރާތްތަކާއި މަޢުލޫމާތު ޙިއްސާކޮށް ވެލައަށް އެހީވުމަށް މަސައްކަތް ކުރިކަމަށް އޭނާ ބުންޏެވެ. ޝަފީޤް ބުނެފައިވަނީ ބެލެވޭގޮތުގައި ވެލާގެ ހާލު ދެރަވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ނުކެވުމުގެ ސަބަބުންނެވެ. މިކަން އީޕީއޭއަށް އަންގައި އެހީހޯދުމަށް މަސައްކަތްކުރިނަމަވެސް، 5 ދުވަސްވި އިރުވެސް ވެލައަށް ފަރުވާ ދެވޭނެ ހިސާބަކަށް ގެންދެވިފައި ނުވާކަމަށް އޭނާ ބުންޏެވެ.
ނަމަވެސް ފޯ ސީޒަން ކުޑަހުރާގެ މެރިން ބައޮލޮޖީ ޓީމްގެ އިރުޝާދާއިއެކު އަދިވެސް މާފުށީގައި ވެލާ ބަލަހައްޓަމުންދާކަމަށް އޭނާ ބުންޏެވެ. އެގޮތުން 4 ވަރަކަށްދުވަހު އެކި ފަރުވާ ދިނުމަށްފަހު އިއްޔެ ވެލާ ދޫކޮށްލިނަމަވެސް، އަނެއްކާވެސް މިއަދު ހެނދުނު މިވެލާވަނީ މާފުށީ ގޮންޑުދޮށަށް ލައްގާފައެވެ.
ޝަފީގް ބުނީ ބެލެވޭގޮތުގައި ވެލާގެ ބަނޑުގައި ޕްލާސްޓިކްގެ އަސަރު އެބަހުއްޓެވެ. އެހެންވެ ކެއުމަށް ފެނު އަޑިއަށް ނުދެވި ވެލާ ފެން މަތީގައި އޮންނަކަން ފާހަގަވިކަމަށް އޭނާ ބުންޏެވެ. މި ވެލާ ބެލެހެއްޓުމުގެ މަސައްކަތް މާފުށީ ޑައިވް ސެންޓަރުން އަދިވެސް ދަނީ ކުރަމުންނެވެ.
އެފަރާތުން ބުނެފައިވަނީ ފަރުވާ ދިނުމަށް ވެލާ ފޯސީޒަން ކުޑަހުރާއަށް ނުގެންދެވިވަނީ އެކަމަށް ބޭނުންވާ ދަތުރު ހަމަޖެއްސުމަށް ބޭނުންވާ ހުއްދަތަށް އީޕީއޭއާއި އެޗްޕީއޭއިން ނުލިބިގެންކަމަށެވެ.
ވެލައަކީ ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުމެކެވެ. ދުނިޔެއިން ނެތެމުންދާ އެތަށް ބާވަތެއްގެ ވެލާ ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅެމުންދެއެވެ. ވެލާ ޙިމާޔަތްކޮށްފައިވަނީ އެތަކެތީގެ އާބާދީ އިތުރުކުރުމަށެވެ. ގަވައިދާ ޚިލާފައި ވެލާ ނެގުމާއި، ވެލާ ބިސްނެގުމާއި އަދި ވެލައަށް ގެއްލުންދީގެން، އީޕީއޭއިން މީގެކުރިން ފިޔަވަޅުވެސް އަޅާފައިވެއެވެ.