ކުޅިވަރު

މަޓުއިޑީ އިންޓަ މިޔާމީއަށް ބަދަލުވެއްޖެ

ޔުވެންޓަސްގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ އެމެރިކާގެ މޭޖާ ލީގުގައި ވާދަކުރަމުން އަންނަ އިންޓަ މިޔާމީއަށް ބަދަލުވެއްޖެއެވެ.

އުމުރުން 33 އަހަރުގެ މަޓުއިޑީ އިންޓަ މިއާމީއަށް ބަދަލުވެފައިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. މަޓުއިޑީ ޔުވެންޓަސްއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރުއެވެ. ނަމަވެސް އޭނާގެ އެދުމުގެ މަތިން ޔުވެންޓަސްއިން ވަނީ ކޮންޓްރެކްޓް އުވާލަން ނިންމާފައެވެ.

މަޓުއިޑީ ދޫކޮށްލިކަން ހާމަކޮށް ޔުވެންޓަސްއިން ނެރުނު ބަޔާނުގައި ބުނީ ވޭތުވެދިޔަ ދުވަސްތަކުގައި މަޓުއިޑީ ކުލަބަށް ކޮށްދިން ޚިދުމަތަށް ޝުކުރުއަދާކުރާ ކަމަށާއި، މަޓުއިޑީއަށް އުޖާލާ މުސްތަގުބަލަކަށް އެދޭ ކަމަށެވެ.

ފްރާންސް ގައުމީ ޓީމަށް 82 މެޗު ކުޅެ، އެ ޓީމާ އެކު 2018 ވަނަ އަހަރުގެ ވަރލްޑް ކަޕް ކާމިޔާބުކުރި މަޓުއިޑީ ޔުވެންޓަސްއާ ގުޅުނީ 2017 ވަނަ އަހަރު ޕީއެސްޖީންނެވެ. އަދި ޔުވެންޓަސްއަށް ބަދަލުވެ މަޓުއިޑީ ވަނީ އެ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ޔުވެންޓަސްއަށް ކުޅެދިން 133 މެޗުގައި 8 ލަނޑު ކާމިޔާބުކުރި މަޓުއިޑީ ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ.