ޚަބަރު

ނިޔާވި މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


މިރޭ އައިޖީއެމްއެޗަށް ގެންދިޔަ އިރު ނިޔާވެފައިވާ އުމުރުން ދުވަސްވީ މީހަކު، ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމުގައި އެޗްއީއޯސީން ހާމަކުރައްވައިފިއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީޤު ވިދާޅުވީ، މިރޭ އިރުއޮއްސި 7 ޖެހިއިރު އައިޖީއެމްއެޗަށް ގެންދިޔަ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެންމީހާ ހޮސްޕިޓަލަށް ގެނެވުނު އިރުވެސް ވަނީ ނިޔާވެފައި ކަމަށެވެ. އަދި ކޯވިޑް-19އަށް ޓެސްޓްކުރި އިރު އެމީހާގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމުގައި ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ، އެމީހާގެ ކިބައިގައި ނިޔާވިއިރު، ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ނެތްކަމަށާއި، އަދި އެމީހާގެ މަރަކީ ކޯވިޑް-19ގެ މަރެއްގެ ގޮތުގައި ގުނުމާއި މެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށެވެ.

އިއްޔެވެސް ރާއްޖެއިން މިބަލީގައި މީހަކު މަރުވި އިރު އޭގެ ކުރީދުވަހުވެސް ވަނީ މީހަކު މަރުވެފައެވެ.

މިހާތަނަށް ރާއްޖެއިން 21 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެ އެބަލީގައި ނިޔާވެފައެވެ.