ނޫސްވެރިންތަކަކަށް ޖިންސީ ގޯނާއާއި ފުރައްސާރަކޮށްފައިވާ ކަމަށްބުނެ އަވަސް އޮންލައިން"ގެ ޗީފް އެޑިޓަރު އާދަމް ހަލީމްގެ މައްސަލައެއް ބަލައިދިނުމަށް އެދި ނޫސްވެރިންގެ ފަރާތުން ކަމާބެހޭ ފަރާތްތަކަށް ޕެޓިޝަނެއް ހުށައަޅައިފިއެވެ.
19 މީޑިއާއަކުން 73 ނޫސްވެރިން ސޮއިކޮށް މިމައްސަލަ ފުލުހުންނަށާއި ޖެންޑަރ މިނިސްޓްރީއަށާއި މީޑިއާ ކައުންސިލަށްވަނީ ހުށައަޅާފައެވެ. އަދި މިމައްސަލަ ބަލާ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމުގައިވާނަމަ އޭނާއަށް ޙައްގު އަދަބު ދިނުމަށްވެސް ވަނީ ގޮވާލާފައެވެ. އަވަސް އޮންލައިންގެ ޗީފް އެޑިޓަރު އާދަމް ހަލީމް އެނޫހުގައި މަސައްކަތްކުރި އަންހެން ނޫސްވެރިންތަކަކަށް ތަކުރާރުކޮށް ޖިންސީ ގޯނާއާއި ފުރައްސާރަކޮށްފައިވާ ކަމަށާއި އަދި އިތުރު ނޫސްވެރިއަކަށްވެސް ޖިންސީ ގޯނާއާއި ފުރައްސާރަކޮށްފައިވާކަމަށް ބުނެ އަނިޔާ ލިބުނު ފަރާތަކުން ސޯޝަލް މީޑިއާގައިވަނީ އެވާހަކަ ހިއްސާކޮށްފައެވެ. މިމައްސަލައާއި ގުޅޭގޮތުން ނޫސްވެރިންގެ ފަރާތުން ކަންބޮޑުވުންފާޅުކޮށް މިމައްސަލަ ބަލައިދިނުމަށް އެދި ކަމާބެހޭ ފަރާތްތަކަށްވަނީ ގޮވާލާފައެވެ.
ނޫހެއްގެ އިތުބާރު ކުރެވޭ ފަދަ އިސް މާޤާމެއްގައި ހުރި މީހަކާ މެދު ގިނަބަޔަކު މިފަދަ ތުހުމަތުތަކެއް ކުރުމަކީ ކަންބޮޑުވާ ކަމެއްކަމަށް ނޫސްވެރިންގެ ޕެޓިޝަނުގައިވަނީ ފާހަގަކޮށްފައެވެ. އަދި ނޫހެއްގެ އިތުބާރު ކުރެވޭ މަޤާމެއްގައި ހުރު މީހަކު އަދި ގިނަ ދުވަސްތަކެއް ވަންދެން މިދާއިރާގައި މަސައްކަތްކޮށް އެތައް އެވޯޑެއް ޙާސިލުކޮށްފައިވާ މީހެއްގެ މިފަދަ ޢަމަލެއް ނޫސްވެރިން ބަލައިނުގަންނާނެ ކަމަށް މިޕެޓިޝަނުގައިވަނީ ބުނެފައެވެ. ނޫސްވެރިންގެ މިޕެޓިޝަނުގައިވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާއިންވެސް އަންހެނުންނަށް ހަމަހަމަ ފުރުސަތާއި މަސައްކަތްކުރުމަށް ރައްކާތެރި މާޙައުލެއް ހޯދައިދޭންޖެހޭކަން ފާހަގަކޮށްފައެވެ. އަދި އަވަސް އޮންލައިންގެ ޗީފް އެޑިޓަރު އާދަމް ހަލީމްގެ މައްޗަށް ކުރެވޭ ތުހުމަތަކީ އަވަސް އޮންލައިންގައި މަސައްކަތް ކުރަ ނޫސްވެރިންނަށްވެސް އަދި މިދާއރާއިން ކުރިއަށްދާން ބޭނުންވާ ބޭނުންވާ އަންހެނުންނަށް ހުރި ބިރެއްގެ ގޮތުގައިވަނީ ސިފަކޮށްފައެވެ. ނޫސްވެރިންގެ ޕެޓިޝަނުގައިވަނީ ނޫސްވެރިން ކުރާ މަސައްކަތްތަކާއި މި ދާއިރާއާ މެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދި އިތުބާރު ގެއްލޭނެ ފަދަ އަމަލުތަކެއްކަމަށްވާތީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް މިޕެޓިޝަނުގައިވަނީ އެދިފައެވެ.
މިޕެޓިޝަނުގައި ނޫސްވެރިންވަނީ، ވޭތުވެދިޔަ އަހަރުތަކުގައި އާދަމް ހަލީމް ޙާސިލުކޮށްފައިވާ އެކި އެވޯޑުތަކާއި މިދާއިރާއިން ލިބޭ އެންމެ ޝަރަފުވެރި އެއް އެވޯޑުކަމުގައިވާ "ނޫސްވެރިކަމުގެ ރަންގަލަން" އޭނާގެ އަތުން އަތުލުމަށް ގޮވާލާފައެވެ. އަދި ދައުލަތުގެ ފަރާތުންނާއި މީޑިއާ ކައުންސިލްގެ ފަރާތުން ދޭ އެވޯޑުތަކާއި އެކި ޝަރަފުތަކަކީ މިފަދަ ޢަމަލުތައް ކުރާ ފަރާތްތަކުގެ ފަރާތުން އަތުލެވޭނެ ފަދަ ގޮތަކަށް ދޭ ޝަރަފާއި އެވޯޑުތަކަށް ހެދުމަށް އެފަދަ އުސޫލެއް އެކުލަވާލުމަށް ނޫސްވެރިންވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގައިވެސް އެދިފައެވެ.
އާދަމް ހަލީމުގެ މައްޗަށް މިފަދަ ތުހުމަތުތަކެއް ކޮށްފައި މިވަނީ ކުރިން ވީޓީވީގައި މަސައްކަތް ކުރަމުން ދިޔައިރު އެޓީވީގެ އަންހެން މުވައްޒަފެއްގެ ގަޔަށް އަތްލައި އަނިޔާކުރި ވީޑިއޯއެއްވެސް މީގެކުރިން އާއްމުވެފައިވަނިކޮށެވެ.