ވިޔަފާރި

ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަން ހުށަހަޅަންޖެހޭނީ "އައިލްސް" ޕޯޓަލް މެދުވެރިކޮށް


ސަރުކާރުގެ އޮފީސްތަކުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަން "އައިލްސް" ޕޯޓަލް މެދުވެރިކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް އަންގަވައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިކަމާ ގުޅޭގޮތުން ނެރުއްވާފައިވާ ސަރކިއުލާގައިވާ ބުނެފައިވަނީ 2021 ވަނަ އަހަރުން 2023 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓުގެ ނިއު ޕޮލިސީ އިނިޝިއޭޓިވްސް ހުށަހެޅުމަށް މިހާރު ހަމަޖެހިފައިވަނީ އައިލްސް ޕޯޓަލް މެދުވެރިކޮށްކަމަށެވެ. އަދި ފޯމްތައް މެދުވެރިކޮށް ނިއު ޕޮލިސީ އިނިޝިއޭޓިވްސް ހުށަހެޅުން ބާތިލްކުރެވިފައިވާކަމަށްވެސް ސަރކިއުލަރގައިވެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މިބަދަލާއި ގުޅިގެން އޮފީސްތަކުން، ނިއު ޕޮލިސީ އިނީޝިއޭޓިވްސް 31 އޮގަސްޓްގެ ކުރިން އައިލްސް މެދުވެރިކޮށް ހުށަހަޅުއްވަންޖެހޭނެކަމަށެވެ. އަދި ދައުލަތުގެ އޮފީސްތަކުން ނިއު ޕޮލިސީ އިނީޝިއޭޓިވްސް އެކުލަވާލުމުގައި، ދައުލަތުގެ އޮފީސްތަކުން ހުށަހަޅާ ކަންތައްތަކަކީ ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ކަންތައްތައް ހާސިލުވާނެގޮތަށް އެކުލަވާލާފައިވާ ކަންތައްތައް ކަމުގައި ވާންޖެހޭނެކަމަށްވެސް ފިނޭންސްއިން ވިދާޅުވެއެވެ.