ޚަބަރު

ބައިރޫތުގައި ގުދަންކޮށްފައި ހުރި ކެމިކަލްތަކުގެ ނުރައްކާ ރައީސަށާއި ބޮޑުވަޒީރަށްވަނީ އަންގާފައި


ލުބުނާނުގެ ބައިރޫތުގެ ބަނދަރާ ކައިރި ސަރަޙައްދެއްގައި ނުރައްކާތެރި ކެމިކަލެއްކަމަށްވާ އެމޮނިއަމް ނައިޓްރޭޓު ގުދަންކޮށްފައިވާކަން އެ ޤައުމުގެ ރައީސް މިޝެލް އައުންއާއި ކުރީގެ ބޮޑުވަޒީރު ހަސަން ދިޔާބުގެ ސަމާލުކަމަށް ގެނެސްފައިވާކަން ހާމަވެއްޖެއެވެ.

އޮގަސްޓު މަހުގެ 4ވަނަ ދުވަހު ބައިރޫތުގައި ބާރުގަދަ ގޮވުންތަކެއް ގޮވައިފައިވަނީ ގުދަނެއްގައި ރައްކާކޮށްފައި ހުރި 2،750 ޓަނުގެ އެމޮނިއަމް ނައިޓްރޭޓުގައި ހުޅުހިފުމުންކަމަށް އިބްތިދާއީ ތަހުޤީގުތަކުންވަނީ ފާހަގަވެފައެވެ. އެ ޙާދިޘާގައި 160 މީހުން މަރުވެ، 6،000 މީހުންވަނީ ޒަޚަމުވެފައެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ލުބުނާނުގެ ސަލާމަތާބެހޭ ފަރާތްތަކުންވަނީ ބަނދަރުގައި ރައްކާކޮށްފައިހުރި ކެމިކަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް އެ ޤައުމުގެ ރައީސާއި ބޮޑުވަޒީރާ ޙިއްޞާކޮށް، އޭގެ ސަބަބުން ކުރިމަތިވެދާނެ ހާދިޘާއެއްގައި ބައިރޫތު ބިމާހަމަވެދާނެކަމުގެ އިންޒާރު ދީފައެވެ.

ބައިރޫތުގައި ހިނގި ހާދިޘާއާ ގުޅޭގޮތުން ޖެނެރަލް ޑައިރެކްޓޮރޭޓު އޮފް ސްޓޭޓު ސެކިއުރިޓީން ތައްޔާރުކޮށްފައިވާ ދިރާސާއެއްގައި ހާދިޘާ ހިނގުމުގެ ކުރިން ކަންތައް ހިނގާފައިވާ ގޮތްވަނީ ހިމަނައިފައެވެ. އެގޮތުން ޖުލައި މަހުގެ 20ވަނަ ދުވަހު އައުންނަށާއި ދިޔާބަށް ސިޓީއެއް ފޮނުވައި ކުރިމަތިވާން އުޅޭ ނުރައްކަލުގެ އިންޒާރު ދީފައިވާކަންވަނީ އެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އެނގިފައިވާ ގޮތުގައި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކުރި ދިރާސާއަށްފަހު ވަގުތުން އެ ކެމިކަލުތައް ރައްކާތެރިގޮތަކަށް ގުދަންކުރަންޖެހޭކަންވަނީ އެ ލިޔުމުގައި ފާހަގަކޮށްފައެވެ. އަދި އެ ކެމިކަލުތައް ވަގަށް ނަގައި ނިރުބަވެރި ޙާމަލާއެއް ދިނުމަށް ބޭނުންކުރުމުގެ ބިރު އޮތްކަންވެސްވަނީ ފާހަގަކޮށްފައެވެ. ލުބުނާނުގެ ޕުރޮސެކިއުޓަރ ޖެނެރަލުގެ އޮފީހުންވަނީ ކަމާ ގުޅުންހުރި އިދާރާތަކަށް އެ ދިރާސާ ފޮނުވައިފައެވެ.

ލުބުނާނުގެ ރައީސް މިޝެލް އައުންވަނީ ގުދަންކޮށްފައިހުރި އެމޮނިއަމް ނައިޓުރޭޓާބެހޭ މަޢުލޫމާތު އޭނާއަށް ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެ މަޢުލޫމާތު ލިބިވަޑައިގަތުމުން ފިޔަވަޅު އެޅުމަށް ސުޕުރީމު ޑިފެންސް ކައުންސިލަށް އަންގަވާފައިވާނެކަމަށެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ގޮވުންތައް ގޮވި ބައިރޫތުގެ ބަނދަރު ސަރަޙައްދުގައި އަދިވެސް ނުރައްކާތެރި ކެމިކަލުތަކުގެ ބާވަތްތައް ގުދަންކޮށްފައި އެބަހުއްޓެވެ. އަދި އެ ގުދަންތަކުގައި ހުރި ބައެއް ކެމިކަލުތައް ކޮންޓޭނަރުތަކުން ބޭރުވެފައިވާކަމަށްވެސް އެތަކެތި ރައްކާތެރި ސަރަޙައްދަކަށް ގެންދިޔުމުގައި ޙަރަކާތްތެރިވާ ފަރާތްތަކުންވަނީ ބުނެފައެވެ.

ބައިރޫތުގައި ބާރުގަދަ ގޮވުންތަކެއް ގޮވައިފައިވަނީ ލުބުނާނުގައި ސިޔާސީ ހަމަނުޖެހުންތަކާއި ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދު ހީނަރުވެ ޤައުމުގެ ރައްޔިތުންވަނީ މާޔޫސްވެ ރުޅިގަދަވެފައެވެ. އެ ހާދިޘާގެ ޒިންމާ އުފުލައި އެ ޤައުމުގެ ސަރުކާރުވަނީ އިސްތިޢުފާ ދީފައެވެ.