ޚަބަރު

400 ހަނގުރާމަވެރިން މިނިވަންކުރުމަށް އަފްޣާނިސްތާނުން އެންމެ ފަހުން ނިންމައިފި


އަފްޣާނިސްތާނުން ހައްޔަރުކޮށްފައިވާ ޠާލިބާނަށް ނިސްބަތްވާ ނުރައްކާތެރި ހަނގުރާމަވެރިން ދޫކޮށްލުމަށް އެ ޤައުމުގެ ރައީސް އަޝްރަފް ޣަނީ ރިޔާސީ އަމުރެއްގައި ސޮއިކުރައްވައިފިއެވެ.

މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ޠާލިބާނުންނާއި އެމެރިކާއާ ދެމެދުވަނީ އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގެ ދަށުން އަފްޣާނިސްތާނުން ހައްޔަރުކޮށްފައިވާ 5،000 ޠާލިބާން ހަނގުރާމަވެރިން ދޫކޮށްލުމަށް އެ ޤައުމުގެ ސަރުކާރުންވަނީ އެއްބަސްވެފައެވެ. އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ހަނގުރާމަވެރިން މިހާރުވަނީ ދޫކޮށްލައިފައެވެ. ނަމަވެސް ނުރައްކާތެރި މުޖުރިމުންގެ ގޮތުގައި ސިފަކޮށް 400 ހަނގުރާމަވެރިން ދޫކޮށްލުމަށް އަފްޣާނިސްތާނުގެ ސަރުކާރުންވަނީ ފަސްޖެހިފައެވެ. އެ މައްސަލައަށް ޙައްލެއް ހޯދުމަށް އެމެރިކާއިންވަނީ އެ ހަނގުރާމަވެރިން ގޭބަންދަށް ބަދަލުކުރުމަށް ހުށަހަޅައިފައެވެ.

އަފްޣާނިސްތާނުގެ ސަރުކާރާއެކު މަޝްވަރާތައް ފެށުމަށް ޠާލިބާނުންވަނީ ހަނގުރާމަވެރިން މިނިވަންކުރުމަށް ޝަރުތުކޮށްފައެވެ. އެހެންކަމުން ހަނގުރާމަވެރިން މިނިވަންކުރުމުގައި ފަހުން ދިމާވި ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ޠާލިބާނުންނާ ސަރުކާރާ ދެމެދު އޮންނަ ނުތަނަވަސްކަން އިތުރުވެ، ސުލްޙައިގެ ވާހަކަތައް ފެށުމަށްވަނީ ހުރަސްއެޅިފައެވެ. ޠާލިބާނުންގެ ތަރުޖަމާނެއްކަމަށްވާ ސުހައިލް ޝާހީން ބުނީ އަފްޣާނިސްތާނުން ހައްޔަރުކޮށްފައިވާ ހަނގުރާމަވެރިން ދޫކޮށްލުމުން އެއް ހަފުތާގެ ތެރޭގައި ޞުލްޙައިގެ ވާހަކަތައް ފެށުމަށް އެ ޖަމާޢަތުން ތައްޔާރަށް އޮތްކަމަށެވެ.

ރިޔާސީ އަމުރެއްގައި އަފްޣާނިސްތާނުގެ ރައީސް ސޮއިކުރެއްވިނަމަވެސް ހަނގުރާމަވެރިން މިނިވަންކުރާނެ ތާރީޚެއް އެ ޤައުމުގެ ސަރުކާރުން ބުނެފައެއް ނުވެއެވެ. ނަމަވެސް މަޢުލޫމާތު ލިބިފައިވާގޮތުގައި އޮގަސްޓު މަހުގެ 16ވަނަ ދުވަހު ޤަޠަރުގެ ދައުހާގައި ޠާލިބާނުންނާއެކު މަޝްވަރާކުރުމަށް އަފްޣާނިސްތާނުގެ ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

ޠާލިބާނު ހަނގުރާމަވެރިން މިނިވަންކުރުމަށް އަފްޣާނިސްތާނުގެ ސަރުކާރުން ނިންމި ނިންމުމަށް އެމެރިކާއިން އެ ޤައުމަށް ކަނޑައަޅާފައިވާ ޚާއްޞަ މަންދޫބު ޒަލްމޭ ޚަލީލްޒާދުވަނީ މަރުޙަބާ ވިދާޅުފައެވެ.