ޚަބަރު

ހަތިޔާރުއެޅި މީހެއްގެ ސަބަބުން ޓްރަންޕަށް ނާމާން ވަގުތުކޮޅެއް


އެމެރިކާގެ ރިޔާސީ އިދާރާ، ވައިޓު ހައުސްގައި އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއް ސަލާމަތީ ސަބަބުތަކަށް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލަން ޖެހިއްޖެއެވެ.

ވައިޓު ހައުސްގައި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަންޕު ވާހަކަދައްކަވަން ހުންނަވަނިކޮށް، އޭނާގެ ހަށިފާރަވެރިންވަނީ އޭނާގެ ވާހަކަ މެދުކަނޑާލައްވަން އެދުމަށްފަހު އެ މާލަމުން އޭނާ ގެންގޮސްފައެވެ. އެއާއެކު ނޫސްވެރިންގެ ބައްދަލުވުން ހުއްޓި، ނޫސްވެރިންގެ މެދުގައި ހާސްކަމާއި ކަންބޮޑުވުން އުފެދުނެވެ. އަދި ހަށިފާރަވެރިންނާއެކު ޓްރަންޕު ވަޑައިގެންނެވި ވަގުތު ވެގެން އުޅޭ ގޮތް އޮލުންފިލުވުމަށް ބައެއް ނޫސްވެރިން ސުވާލުވެސް ކުރިއެވެ.

އޭގެ އިރުކޮޅެއް ފަހުން ޓްރަންޕުވަނީ އެނބުރި ނޫސްވެރިންގެ ބައްދަލުވުން ބާއްވާ މާލަމަށް ވަޑައިގެންފައެވެ. އަދި ވައިޓު ހައުސްގެ ބޭރުގައި ހަތިޔާރާއެކު ޙަރަކާތްތެރިވިކަމަށް ތުހުމަތުކުރެވޭ މީހެއްގެ ގަޔަށް އޭނާގެ ހަށިފާރަވެރިން ބަޑިޖަހާފައިވާކަމަށް ނޫސްވެރިންގެ ގާތުގައި އޭނާ ވިދާޅުވިއެވެ. އަދި އެ މީހާ ހަސްފަތާލަށް ގެންގޮސްފައިވާކަމަށާއި އޭނާ ޙަރަކާތްތެރިވެފައިވަނީ ވައިޓު ހައުސްއާ ވަރަށް ކައިރީގައިކަމަށް ޓްރަންޕު ވިދާޅުވިއެވެ.

އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބުނެފައިވަނީ އެ މީހާގެ ސަބަބުން ވައިޓު ހައުސަށް ނުރައްކަލެއްވެފައި ނުވާކަމަށާއި އޭނާގެ ގަޔަށް ބަޑިޖަހަން ޖެހުނީ އެ ސަރަޙައްދުގައި ހިނގި ކުރިމަތިލުމެއްގައިކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާކަމަށްވެސް އެ އިދާރާތަކުންވަނީ ބުނެފައެވެ.